Roadha Mihaaru
ދުނިޔެއަށް ބޮޑު ބަދަލެއް، އާ އާދަތަކެއް!

ކޮވިޑް-19: ދުނިޔެއަށް ބޮޑު ބަދަލެއް، އާ އާދަތަކެއް!

01 އެޕްރީލް 2020

ޒަމާނާ އެކު ބައެއް ސަގާފަތްތައް ވެސް ފަސްދީ ދިޔަ ނަމަވެސް، ރޯދަ މަހަށް މަރުހަބާ ކިޔަން އެވާ ތައްޔާރީތަކަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ. ރޯދަ މަހަށް ކުޑަތަން ވަމުން އަންނަ އިރު، އާދައިގެ މަތިން އެންމެން ވެސް އުޅޭނީ މާހެފުންތައް ރޭވުމުގަ އެވެ. ރަހުމަތްތެރިންނާ ބައްދަލުކޮށް، މަޖާ ނެގުމުގަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޒަމާނާ އެކު ބައެއް ސަގާފަތްތައް ވެސް ފަސްދީ ދިޔަ ނަމަވެސް، ރޯދަ މަހަށް މަރުހަބާ ކިޔަން އެވާ ތައްޔާރީތަކަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ. ރޯދަ މަހަށް ކުޑަތަން ވަމުން އަންނަ އިރު، އާދައިގެ މަތިން އެންމެން ވެސް އުޅޭނީ މާހެފުންތައް ރޭވުމުގަ އެވެ. ރަހުމަތްތެރިންނާ ބައްދަލުކޮށް، މަޖާ ނެގުމުގަ އެވެ.

އެކަމަކު ހާލަތު ބަދަލުވެއްޖެ އެވެ. މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ނުރައްކާތެރި ކޮރޯނާވައިރަސްގައި ދިވެހިން ވެސް މިހާރު ތިބީ ގޭބަންދުވެފަ އެވެ. މާހެފުން ފަދަ ގިނަ މީހުން އެއްވެ އުޅޭ ހަރަކާތްތައް މި މަހު ބޭއްވުން ވަރަށް ދުރެވެ. ރަހުމަތްތެރިންނާ ބައްދަލުވުމެއް ވެސް ނެތެވެ. ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލައި، މަސައްކަތްތައް ގެއަށް ބަދަލުކޮށް އެންމެން ވެސް މި ތިބީ ބަންދުވެގެންނެވެ.

ދެން އުފެދެނީ މި ސުވާލެވެ. މި ބަލިމަޑުކަމުން ސަލާމަތްވެ، ހަމައަކަށް އެޅުމުން މި ސަގާފަތްތަކަށް ބަދަލެއް އަންނާނެ ހެއްޔެވެ؟ ކޮންމެ ދުވަަހަކު އޮފީހަށް ދިޔުމުގެ ބަދަލުގައި ގޭގައި މަސައްކަތް ކުރަން އިސްކަން ދޭނެބާ އެވެ.؟ ރަހުމަތްތެރިޔަކާ އެކު ކޮފީއަކަށް ނުގޮސް ވީޑިއޯ ކޯލަކުން ފުއްދާލަފާނެ ބާ އެވެ؟

މީގެ ތިން މަސް ކުރިން، ޗައިނާއިން ފެނުނު ކޮރޯނާވައިރަސް، ދުނިޔޭގެ ހުރިހާ ގައުމަކަށް ފެތުރިގެން މި ދިޔައީ ހީނުކުރާހާ ހަލުއިކޮށެވެ. އެއްވެސް ބަޔަކު ތައްޔާރުނުވެ ތިއްބާ ކުރިމަތިވި މި ބަލިމަޑުކަމުގައި ގިނަ ބަޔަކު މަރުވެ، އެއަށް ވުރެ ގިނަ ބަޔަކަށް ބަލީގެ އަސަރުކޮށްފި އެވެ. ދުނިޔޭގެ 43 ޕަސެންޓް މީހުން ތިބީ، ގެތަަކަށް ވަދެ ރައްކާތެރިކަން ހޯދައިގެންނެެވެ. އުދުހުންތައް ހުއްޓާލައި، ގިނަ ހިދުމަތްތަކެއް މެދުކަނޑާލައިފި އެވެ. މީހުންގެ މެދުގައި މިހާރު އޮތީ، ޓެކްނޮލޮޖީ މެދުވެރިކޮށް ބާއްވާ ގުޅުންތަކެވެ.

"މި ބަލިމަޑުކަމާ ގުޅިގެން ދުނިޔެއަށް ގިނަ ބަދަލުތަކެއް އަތުވެއްޖެ. އާ އާދަތަކެއް ގެނެސްފި. ފަހަރެއްގައި ވެދާނެ މިއީ ދާއިމީ ބަދަލުތަކެއް ކަމަށް ވެސް،" ގައުުމުތަކުގެ ސިޔާސީ މަސްރަހާއި ޓެކްނޮލޮޖީގެ މުސްތަގްބަލް ދިރާސާ ކުރާ ޖެމީ މެޒްލް ވިދާޅުވިި އެވެ.

ކޮރޯނާވައިރަސް އިން ޖައްސާ ބަލި، ކޮވިޑް-19އާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި ބޭއްވި އޮންލައިން ސެމިނާރެއްގައި ވާހަކަ ދައްކަވަމުން މެޒްލް ވިދާޅުވި ގޮތުގައި ކުރިން ދުނިޔެ އޮތް ގޮތަށް ދެން ބަދަލުވުމަކީ ނާދިރު ކަމެކެވެ. އަދި ބަލިމަޑުކަމާ ގުޅިގެން އައި އާ ބަދަލުތައް ރަނގަޅު އާދަތަކަކަށް ހެދުން ކޮންމެހެން ވެސް މުހިއްމު ކަމަށް ވިދާޅުވި އެވެ.

މެޒްލް ފާހަގަކުރެއްވި ގޮތުގައި، މި ބަލިމަޑުކަން ދިގުލައިގެން ދާނެ ދުވަހެއް ނޭނގެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި، ލަފާކުރަން ވެސް ނޭނގޭ ގިނަ ކަންތައްތަކެއް ހިނގުން އެކަށީގެންވެ އެވެ.

އިގްތިސޯދީ ލޮޅުމުގެ އަސަރު އެންމެންނަށް!

ޗައިނާގައި މީހަކު ފޯނު ބޭނުން ކުރަނީ: ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ އެ ގައުމުން

ޗައިނާގައި މީހަކު ފޯނު ބޭނުން ކުރަނީ: ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ އެ ގައުމުން

އާދައިގެ އަލާމާތްތަކާ އެކު ފެންނަ މި ރޯގާގެ ސަބަބުން، ދުނިޔޭގެ އިގްތިސޯދު ހުއްޓި، ގިނަ ވިޔަފާރިތަކެއް ގާތްގަނޑަކަށް ފުނޑިއްޖެ އެވެ. މީގެ އަސަރު އެންމެ މުއްސަނދި މީހާއިން ފެށިގެން އެންމެ އާދައިގެ މީހާއަށް ވެސް ކުރާނެ އެވެ.

އިގުތިސާދު ދިރާސާކުރައްވާ އިބްރާހީމް އާތިފް ޝުކޫރު ވިދާޅުވި ގޮތުގައި ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ބޮޑު ބަދަލެއް އައި ނަމަވެސް، އޭގެ އަސަރު ލަފާކުރަން އަދި އުނދަގުލެވެ.

އޭނާ ވިދާޅުވީ މިފަދަ ހާލަތެއް ދިމާވުމުން، ކޮންމެ ގައުމަކުން ވެސް އެ ގައުމަކުން ލިބެން ހުރި ވަސީލަތްތަކާ މެދު ވިސްނާނެ ކަމަށެވެ. ޗައިނާގެ އުފެއްދުންތަކަށް ބަރޯސާ ވެގެން އުޅޭ ނަމަ އެ އުފެއްދުންތައް އެނބުރި އަންނާނެތޯ ސުވާލުކުރާނެ ކަމަށާއި އުފައްދާނެ ކަމުގެ ޔަގީންކަން ލިބުނު ނަމަވެސް ދެން އެއަށް ބަރޯސާވާ މިންވަރާ ގުޅޭ ގޮތުން ގައުމުތަކުން ބަހުސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ބަލާނީ ކިހާވަރަކަށްތޯ [އެ އުފެއްދުންތަކަށް] ޑިޕެންޑް ވާނީ. އަމިއްލަ ގައުމުގެ ޕްރޮޑަކްޝަންތައް އުފައްދާނީ ކިހާވަރަކަށްތޯ ވެސް ބަލާނެ،" އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑު ބަދަލުތަކެއް އައި ނަމަވެސް ދުނިޔޭގެ ގައުމުތަކުގެ މެދުގައި އިގްތިސޯދީ ގޮތުން އޮތް ވާދަވެރިކަން މުޅިން ނެތިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު އުގައިލް ލަފާކުރައްވާ ގޮތުގައި ވައިރަހުގައި ބަލިވާ ނުވަތަ މަރުވާ މީހުންނަށް ވުރެ، ބޭންކްރަޕްޓްވާ އަދި ވަޒީފާ ގެއްލޭ މީހުންގެ އަދަދު މާ ގިނަވާނެ އެވެ. އަދި އޭގެ ސަބަބުން އަގުނުކުރެވޭވަރުގެ ތަފާތުތަކެއް ދުނިޔެއަށް އަންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އުގައިލް ވިދާޅުވި ގޮތުގައި މީގެ ނަތީޖާ ޕޮޒިޓިވް ވެސް ވެދާނެ އެވެ. ނޫނީ ނެގެޓިވް ވެސް ވެދާނެ އެވެ.

"އެކަމަކު ކަންތައްތައް މިވަނީ މުއްސަނދިން އިތުރަށް މުއްސަނދިވެ، ފަގީރުން އިތުރަށް ނިކަމެތިވާ ގޮތަށް،" އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ސައިންސްވެރިޔާ ވިދާޅުވި އެވެ.

"އެއީ ބިރުވެރިކަމެއް."

އޭނާ ވިދާޅުވީ ފައިސާ އާއި ބާރު ހުރި މީހުން އޭގެ ބޭނުން ހިފާނެ ކަމަށާއި ރާއްޖޭގައި ވެސް ކޮންމެވެސް ސިފައެއްގައި އެކަން ހިނގާނެ ކަމަށެވެ.

ބަލިމަޑުކަމާ ގުޅިގެން ދުނިޔެއަށް ދެން އަންނާނެ ބަދަލެއްގެ ގޮތުގައި އުގައިލް ލަފާކުރެއްވީ، މީހުންގެ ހަރަކާތްތަކާއި އާދަތަކަށް ފާރަލައިގެން މައުލޫމާތު ހޯދައި، އެ ބޭނުންކޮށްގެން މީހުންނަށް ފޯރުވާ "ސާވެއިލަންސް ރެޖީމް"ގެ ނުފޫޒު ގަދަވުމެވެ. މީހުންނަށް ފާރަލައި، ޒާތީ މައުލޫމާތު ހޯދުމަކީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެހެން ވެސް އަޅަން ޖެހޭނެ ފިޔަވަޅެއް ކަމުގެ އުޒުރު ދެން ދެއްކޭނެ އެވެ.

ސައުތު ކޮރެއާ ފަދަ ގައުމުތަކުން ބުނާ ގޮތުން، މި ބަލިމަޑުކަމުގައި ގިނަ ބަޔަކު މަރު ނުވެ އެ ގައުމަށް އަރައިގަނެވުނު ސަބަބަކީ ވެސް ސާވައިލަންސް ބޭނުންކޮށްގެން މީހުން ޓްރޭސް ކުރުން ފަދަ ކަންކަން ކުރެވޭތީ އެވެ. އަދި އެކި ގައުމުތަކަށް ދަތުރު ކުރާއިރު ޓެމްޕްރޭޗަރު ބެލުމާއި މީހުންގެ ސިއްހީ މައުލޫމާތު ފަދަ ޒާތީ މައުލޫމާތު ހޯދަން ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި މިއީ އާދައަކަށް ވެސް ވެދާނެ އެވެ. އެހެންވެ، މިއީ މީހުންގެ ޒާތީ މިނިވަންކަން ގެއްލުން، މީގެ ފަހުން ކައިރި ކަމަށް އުގައިލް ވިދާޅުވި އެވެ.

ކުރިއަށް އޮތީ ޓެކްނޮލޮޖީގެ ދުނިޔެއެއް

މި ބަލިމަޑުކަމާ އެކު ގޭގައި މަޑުކުރަން ޖެހުމުން ހިދުމަތްތައް ދެމުން އަންނަ ގޮތަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ސްކޫލުތަކާއި ކޮލެޖުތައް ބަންދުކޮށްގެން، އޮންލައިންކޮށް ގޭގައި ކިޔެވެ އެވެ. މަސައްކަތް ކުރަން އޮފީހަށް ނުދިޔަ ނަމަވެސް، ވާޗުއަލްކޮށް އެބަ އެކަން ކުރެވެ އެވެ. އަނެއް ބައްރުގައި ހުންނަ މީހާގެ ހާލާއި ހިނގާ ކަންކަން، ވީޑިއޯ ކޯލާއި ސޯޝަލް މީޑިއާގެ ޒަރީއާއިން އެނގެ އެވެ. ހިދުމަތްތައް އޮންލައިންކޮށް ދޭތީ، އޭގެ ފަސޭހަ ގިނަ ބަޔަކށް ކުރަމުން ދާއިރު، ޓެކްނޮލޮޖީއާ ދުރު މީހުން ވެސް އެއަށް އަހުލުވެރިވެއްޖެ އެވެ. އެހެންވެ، ބަލިމަޑުކަމުން އަރައިގަނެ ބޭރަށް ނުކުމެވުނު ނަމަވެސް، ޓެކްނޮލޮޖީއަށް ކުރިއަށް ވުރެ ބޮޑަށް މީހުން ބަރޯސާވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެވެ އެވެ.

މެލޭޝިއާގެ ސުޕަމާކެޓަކަށް ވަންނަ ކަސްޓަމަރެއްގެ ޓެމްޕަރޭޗާ ޗެކް ކުރަނީ. --ފޮޓޯ:އޭއެފްޕީ

މެލޭޝިއާގެ ސުޕަމާކެޓަކަށް ވަންނަ ކަސްޓަމަރެއްގެ ޓެމްޕަރޭޗާ ޗެކް ކުރަނީ. --ފޮޓޯ:އޭއެފްޕީ

އުގައިލް ވިދާޅުވީ ބައެއް ދާއިރާތަކުން، އޮފީހަށް ގޮސްގެން ނުވަތަ ސީދާ ބައްދަލުވެެގެން މަޝްވަރާ ކުރުމަށް ވުރެ، ވާޗުއަލްކޮށް ކުރިއަށް ގެންދިޔުމުން ފައިދާ ބޮޑު ކަމަށެވެ. ވީޑިއޯ ކޯލް މީޓިންތަކާއި އޮންލައިންކޮށް ފޯމް އެއްޗެހި ހުށަހެޅެ އެވެ. ވަގުތު ސަލާމަތްވެ، މަސައްކަތް ކުރަން މާ ފަސޭހަ އެވެ.

އެކަމަކު ޓެކްނޮލޮޖީއަށް އިންތިހާއަށް ބަރޯސާވުމުގައި އޮތް ބިރަކީ، ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުން ކުޑަވުމެވެ. މަގުމަތިން ނޫނީ ތަނަކުން ދިމާވެ ސަލާމް ކުރުމާއި ބައްދާލުން ފަދަ ކަންކަމަކީ މިހާރުގެ ހާލަތަށް ބަލާއިރު ކުރުން ރައްކާތެރި ކަމެއް ނޫން ނަމަވެސް، ކުރިމަގުގައި މިއީ، ކުރުން އެއްގޮތަކަށް ވެސް ރަނގަޅު ނޫން ކަމެއް ކަމަށް މުޖުތަމައު ދެކެން ވެސް ފަށާފާނެ އެވެ.

"މަގުމައްޗަށް ނުކުންނަން ހުއްދަ ލިބުނަސް، މި ބަލިމަޑުކަން އެއްކޮށް ފިލާދާން އަހަރެއް ދެ އަހަރެއް ވެސް ނަގާ ފާނެ. އެހެންވެ، މީހުން ބަލާނެ ސަލާމް ކުުރުން ފަދަ ކަންކަމާ ދުރުވާން. އެހެންވެ، ވަކި ހިސާބަކުން އެކަން ވާނީ ޓެބޫއަކަށް. މުޖުތަމައުން ބަލައިގަންނާނީ އައިބު ކަމެއްގެ ގޮތުގައި،" އުގައިލް ވިދާޅުވި އެވެ.

ކިޔު ހަދާއިރު ތިން ފޫޓު ދުރުގައި ތިބުން ވެސް އެއީ، ކުރިއަށް އޮތް ތަނުގައި އާދައަކަށް ވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މި ބަލިމަޑުކަމުން އެނގުނު އަނެއް ކަމަކީ، ގައުމުތައް ގުޅިފައި އޮތް މިންވަރެވެ. ޗައިނާގެ ވޫހާނުން، މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ވައިރަސް، އެންމެ ދެތިން މަސް ތެރޭގައި ދުނިޔޭގެ ހުރިހާ ބިތަކަށް ފޯރައިފި އެވެ. އެހެންވެ، މިކަމުން ވެސް ގައުމުތަކުން ފިލާވަޅު ލިބިގަންނާނެ އެވެ. ދަތުރުފަތުރު ކުރުމުގައި ގަވައިދުތައް ހަރުކަށިކޮށް، ފަސޭހައިން ގައުމުތަކަށް އެތެރެވާން އޮންނަ އުސޫލުތަކަށް ބަދަލު ގެންނާނެ އެވެ.

އެއާޕޯޓު ފަދަ ތަންތަނުގައި އާއްމު ސާފުތާހިރު ކަމަށް އިސްކަންދޭ މިންވަރު މަތިކުރާނެ އެވެ.

ރާއްޖެ ފެންނަނީ ކިހިނެއް؟

ނުރައްކާތެރި ރޯގާއިން ސަލާމަތްވުމަށް ރާއްޖޭން ވެސް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ބައިނަލްއަގްވާމީ ދަތުރުފަތުރުތައް އެއްކޮށްހެން ހުއްޓާލައި، މިސްކިތްތަކާއި ސްކޫލުތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ގޭގައި މީހުން ބޭތިއްބުމަށް، ގިނަ ހިދުމަތްތަކެއް ދެނީ އޮންލައިންކޮށެވެ.

ތަޖުރިބާ ކާރުން ލަފާކުރާ ގޮތުން، ރާއްޖޭގައި ވެސް ކިޔަވައިދިނުމުގައި ކުރިއަށް ވުރެ ބޮޑަށް ޓެކްނޮލޮޖީއަށް ބަރޯސާ ވާނެ އެވެ. ކޮންމެ ދަރިވަރެއްގެ އަތުގައި މިހާރު ވެސް ޓެބްލެޓެއް އޮންނައިރު އޭގެ ބޭނުން ހިފާނެ ކަމަށް ބެލެވެ އެވެ. އެކަމަކު، އިގްތިސޯދީީ ގޮތުން ބަލާއިރު ކުރިއަށް އޮތީ ރާއްޖެއަށް ވެސް ދަތި ދުވަސްވަރެކެވެ.

މާލީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ރާއްޖޭގެ އިގްތިސޯދު އޭގެ މައްޗަށް ބިނާވެފައިވާ ޓޫރިޒަމް ދާއިރާ އެއްކޮށް ހުއްޓި، ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވުމުން، ކުރިއަށް އޮތް ހަ މަސް ދުވަހު ދައްޗާ ކުރިމަތިލާން ޖެހޭނެ އެވެ. އެކަމަކު، އާތިފް ވިދާޅުވާ ގޮތުން އަހަރުމެން އަތުގައި "ސަން އެންޑް ދަ ސީ" އެބަ އޮތެވެ.

"އެ ނުވާނެ ބަދަލެއް. އިގްތިސޯދު ހަމައަކަށް އެޅުނީމައި ޗުއްޓީ ދަތުރުތައް ކުރާނެ. ދޮށީގެ މަސްވެރިކަމުގެ ޑިމާންޑް މި ވަގުތު ދަށްވެފައި އޮތަސް އަނބުރާ އަންނާނެ ކަމަށް ލަފާކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ކޮން ދުވަހަކުން ކަމެއް ބުނާކަށް ނޭނގެ. ވަގުތު ނަގާނެ."

މާލީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން އެންމެ ބުއްދިވެރީ، ކުރިންސުރެ ވެސް ބުނާ ފަދައިން، ފަހަށް ރައްކާކުރުމެވެ. ބޭކާރު ހަރަދުތަކާ ދުރުވެ، އާ އާދަތައް ބަލައިގަނެ، ދެން ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވެގެން ތިބުމެވެ.