Roadha Mihaaru
"ކަރަން އަރުޖުން" ފުރަތަމަ ލިބުނީ ސަނީ އާއި ބޮބީ އަށް

"ކަރަން އަރުޖުން" ފުރަތަމަ ލިބުނީ ސަނީ އާއި ބޮބީ ޑިއޯލަށް

05 އެޕްރީލް 2020

ޝާހްރުކް ޚާނާއި ސަލްމާން ޚާން ކުޅުނު ކާމިޔާބު ފިލްމު "ކަރަން އަރުޖުން" އެންމެ ފުރަތަމަ ހުށަހެޅީ ދެބެއިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލަށް ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާނާއި ސަލްމާން ޚާން ކުޅުނު ކާމިޔާބު ފިލްމު "ކަރަން އަރުޖުން" އެންމެ ފުރަތަމަ ހުށަހެޅީ ދެބެއިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލަށް ކަމަށް ބުނެފި އެވެ.

އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަން 1995 ގައި ގެނެސްދިން އެ ފިލްމަށް ސަނީ އެއްބަސްވެފައި ވަނިކޮށް ފިލްމު ދޫކޮށްލީ ފިލްމުގެ ދެވަނަ ބަތަލަކަށް ބޮބީ ނަގާކަން އެނގުމުންނެވެ.

ސަބަބަކީ އެ ދަނޑިވަޅަކީ ފިލްމު "ބަރުސާތު" އިން ބޮބީ ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުން ދިޔަ ވަގުތު ކަމަށްވުމާ އެކު ކޮއްކޮއާ އެކު ފިލްމެއް ކުޅެގެން ބޮބީ އަށް މީހުންގެ ސަމާލުކަން ލިބުން ކުޑަވެދާނެތީ އެވެ. "ބަރުސާތު" އަކީ 1995 ގައި ބޮބީއާ އެކު ޓްވިންކަލް ކަންނާ ބޮލީވުޑަށް ނުކުތް ފިލްމެވެ.

ސަނީ އާއި ބޮބީއާ އެކު "ކަރަން އަރުޖުން" ހެދޭ ގޮތް ނުވުމުން ދެން ފިލްމު ހުށަހެޅީ ޝާހްރުކާއި އަޖޭ ދޭވްގަނަށެވެ. ނަމަވެސް އަޖޭ ވަނީ ޝާހްރުކާ އެކީ މަސައްކަތްކުރަން ބޭނުން ނުވުމުން ފިލްމު ދޫކޮށްލައިފަ އެވެ.

ސަލްމާނަށް ފިލްމުން ފުރުސަތު ލިބުނީ އެ ހިސާބުންނެވެ. "ކަރަން އަރުޖުން" އަކީ އެއްބަނޑު އެެއްބަފާ ދެބޭންގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. ސަލްމާނާއި ޝާހްރުކްގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމުގައި ކަރަންގެ ރޯލް ކުޅުނީ ސަލްމާނެވެ. އަރުޖުން އަކީ ޝާހްރުކެވެ.

"ކަރަން އަރުޖުން" އަކީ ރީންކާނޭޝަނަށް ބިނާކޮށް ބޮލީވުޑްގައި ގެނެސްދިން ފިލްމުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ފިލްމެވެ. މީގެ ކާސްޓުންގެ ތެރޭގައި ރާކީ އާއި އަމްރިޝް ޕޫރީ ވެސް ހިމެނެ އެވެ.

"ކަރަން އަރުޖުން" ގެ ބަތަލާއިންނަކީ ކާޖޮލް އާއި މަމްތާ ކުލްކަރްނީ އެވެ.

މި ފިލްމަކީ 1995 ގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމު ވެސް މެ އެވެ. ހަތަރު މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 36 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.