Roadha Mihaaru
ސަނީގެ ދަރިފުޅަށް އަޖޭ ޕްރޮޑިއުސްކުރާ ފިލްމެއް

ސަނީގެ ދަރިފުޅު ކަރަން އަށް އަޖޭ ޕްރޮޑިއުސްކުރާ ފިލްމެއް

18 ޑިސެމްބަރ 2020

މިދިޔަ އަހަރު ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ތައާރަފުކުރި އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް، އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ތައާރަފުކުރި އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް، އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ތެލެގޫ ކްރައިމް ކޮމެޑީ "ބްރޯޝެވަރެވަރު" ގެ ރިމެކެކެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެ ފިލްމަކީ ވިވެކް އަތެރިޔާ ޑައިރެކްޓްކުރި ފިލްމެކެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ފިލްމުގެ ހިންދީ ރިމެކްގެ ރައިޓްސް ހޯދުމަށް ފަހު، އަޖޭ ފިލްމު ހަދަން ނިންމާފައި ވަނީ "ވެލީ" ގެ ނަމުގަ އެވެ. އެގޮތުން ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އިރު، މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ޝާހްރުކް ޚާންގެ "އޯމް ޝާންތީ އޯމް" އާއި "ޗަލްތޭ ޗަލްތޭ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ދެވެން މުންޖާލް އެވެ.

"ވެލީ" ގެ ގެ ކާސްޓަށް ކަރަން އިތުރުން އޭނާގެ އާއިލާ އަށް ނިސްބަތްވާ އަބޭ ޑިއޯލް ވެސް ވަނީ ނަގައިފަ އެވެ. މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އަބޭ އަކީ ކަރަންގެ ބައްޕަ ސަނީއާ ދެބެއިންގެ ދެދަރި އެކްޓަރެކެވެ. އޭނާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދޭވް ޑީ" އާއި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އަދި "އޯޔޭ ލަކީ! ލަކީ އޯޔޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ކަރަން އަށް އިތުރު ފިލްމަކުން ފުރުސަތު ލިބިފައި މި ވަނީ އާއިލާގެ މެމްބަރުންނާ އެކު "އަޕްނޭ 2" ކުޅެން ވެސް ހަމަޖެހިފައި ވަނިކޮށެވެ.

ޑައިރެކްޓަރު އަނިލް ޝަރުމާ 2007 ގައި ގެނެސްދިން "އަޕްނޭ" ސީކްއެލްގެ ކާސްޓްގައި ކަރަންގެ ކާފަ ދަރުމެންދުރާ އާއި ބައްޕަ ސަނީ އާއި ބޮޑުބޭބެ ބޮބީ ޑިއޯލް ހިމެނެ އެވެ. އެ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.