Roadha Mihaaru
އެއްމާބަނޑު ދެބެއިންގެ ނަމަކަށް ކޮވިޑާއި ކޮރޯނާ

އެއްމާބަނޑު ދެބެއިންގެ ނަމަކަށް ކޮވިޑާއި ކޮރޯނާ

05 އެޕްރީލް 2020

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި އުފަންވި އިންޑިއާގެ އެއްމާބަނޑު ދެ ކުއްޖަކަށް ކޮރޯނާ އާއި ކޮވިޑްގެ ނަން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި އުފަންވި އިންޑިއާގެ އެއްމާބަނޑު ދެ ކުއްޖަކަށް ކޮރޯނާ އާއި ކޮވިޑްގެ ނަން ދީފި އެވެ.

މީޑިއާތަކުން ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ޗަތިސްގަޅު ސްޓޭޓްގެ ރައިޕޫރަށް އުފަންވި އެއްބާނޑު، ދެ ޖިންސުގެ ދެ ކުދިންގެ ތެރެއިން އަންހެން ކުއްޖާ އަށް ކޮރޯނާގެ ނަން ދިން އިރު، ފިރިހެން ކުއްޖާގެ ނަމަކީ ކޮވިޑް ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެ ކުދިންގެ މަންމަ ޕްރިތީ ވަރުމާ، 27، ބުނީ މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނަ ވައިރަހާ ގުޅުވައިގެން ދެ ކުދިންނަށް ނަން ދިނީ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ. އަދި ދެ ކުދިން ވެސް އުފަންވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ 21 ދުވަހުގެ ލޮކްޑައުނަކަށް ގޮސްފައިވާ ދަނޑިވަޅަކަށްވެފައި މިއީ، މިކަމާ ގުޅުވައިގެން ތާރީހާއި ހަނދާނަކަށްޓަކައި ވެސް ހާއްސަކަމެއް ކޮށްލަން ލިބުނު ފުރުސަތެއް ކަމަށް ބުންޏެވެ.

"މި ދެ ކުދިން ވިހަން ޖެހުނީ ހިތުން ނުފިލާވަރުގެ ހާލަތެއްގެ ތެރޭގައި. އެގޮތުން ލޮކްޑައުންއާ ހެދި ހޮސްޕިޓަލާ ހަމައަށް ދާން އެމްބިއުލާންސެއް ހޯދުން ވެސް ވެގެން ދިޔައީ ވަރަށް އުނދަގޫ ކަމަކަށް." ސަރުކާރުގެ ހޮސްޕިޓަލަކަށް ވިހޭ ޕްރިތީ ބުންޏެވެ. "ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި އެތައް ފަހަރަކު ފުލުހުން އެމްބިއުލާންސް ހުއްޓުވައި ވެސް ހެދި. އެންމެ ބޮޑު ހިތްވަރެއް ލިބުނީ ފިރިމީހާ އެ ދަނޑިވަޅުގައި ކުރި މަސައްކަތްތައް ފެނިފައި."

ޕްރިތީ އޭނާގެ ދޮށީ އަންހެން ދަރިފުޅާ އެކު.

ޕްރިތީ އޭނާގެ ދޮށީ އަންހެން ދަރިފުޅާ އެކު.

ކުރިން ވެސް ދެ އަހަރުގެ އަންހެން ދަރިއަކު ހުރި ޕްރިތީ ބުނިގޮތުގައި އޭނާގެ ދެ ކުދިން ކަަމަށްވާ ކޮރޯނާ އާއި ކޮވިޑް ވެގެން ދާނީ ހަޔާތުގެ ކޮންމެ ހިނދުކޮޅެއް ވެސް އެ ކުދިން ދުނިޔެ އަށް ގެންނަން ދެމަފިރިން ކުރި ހިތްވަރާއި އުނދަގޫ ދަނޑިވަޅު ހަނދާންކޮށްދޭނެ ކަމަކަށެވެ.

އިންޑިއާގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ކާފިއު އިއުލާންކޮށްފައި ވަނިކޮށް، ހަމަ އެ ދުވަހު އުފަންވި އަންހެން ކުއްޖަކަށް ވެސް ކޮރޯނާގެ ނަން ދީފައިވެ އެވެ.