Roadha Mihaaru
މަތިންދާބޯޓުގައި އުފަންވުމުން އުމުރު ދުވަހު ހިލޭ ދަތުރު

އިންޑިގޯގެ މަތިންދާބޯޓެއްގައި އުފަންވި ކުއްޖަކަށް އުމުރު ދުވަހު ހިލޭ ދަތުރު

12 އޮކްޓޯބަރ 2020

އިންޑިއާގެ މަޝްހޫރު އެއާލައިން އިންޑިގޯގެ ދަތުރެއްގައި މަތިންދާބޯޓު ތެރޭ އުފަންވި ކުއްޖަކަށް އުމުރުދުވަހު ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު އެއާލައިން އިންޑިގޯގެ ދަތުރެއްގައި މަތިންދާބޯޓު ތެރޭ އުފަންވި ކުއްޖަކަށް އުމުރުދުވަހު ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެ ކުއްޖާ އަކީ ނިއު ދިއްލީން ބެންގަލޫރަށް މިދިޔަ ބުދަ ދުވަހު އިންޑިގޯ އިން ކުރި ދަތުރުމަތީގައި އުފަންވި ފިރިހެން ކުއްޖެކެވެ. އިންޑިގޯ އިން ބުނި ގޮތުގައި ފްލައިޓްތެރެއަށް ވިހޭ ކުއްޖާ އަށް އުމުރުދުވަހު ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދޭން ނިންމީ އެކަމަކީ ވަރަށް ހާއްސަ ކަމަކަށް ވާތީ އެވެ. އަދި މިފަދަ ހާލަތެއް ދިމާވުމަކީ އެހާ އާންމު ކަމަކަށް ނުވެފައި، އިންޑިގޯގެ ފްލައިޓެއްގެ ތެރެއަށް ކުއްޖަކު އުފަންވުމަކީ އެ އެއާލައިންގެ ތާރިހުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ ފަދަ ހާދިސާއެއް ކަމަށް ބުންޏެވެ.

ފްލައިޓްތެރެ އަށް ވިހޭ ކުއްޖާގެ ވާހަކަ ފޮޓޯތަކާއި ވީޑިއޯ އިން އިންޑިގޯގެ ބައެއް އޮފިޝަލުންނާއި 6E-122 ގައި ދަތުރުކުރި ބައެއް މީހުން ޓްވިޓާގައި ހިއްސާކުރުމުން ވަރަށް ބޮޑަށް ވައިރަލްވެފައިވެ އެވެ.

މި ވާހަކަ ހިއްސާކުރި ބައެއް މީހުން ވަނީ އަންހެން މީހާ ފްލައިޓްތެރޭގައި ވިހަން ދިމާވުމާ ގުޅިގެން އިންޑިގޯގެ އެޓެންޓުން ވެދިން އެހީތެރިކަމަށް ވެސް ތައުރީފުކޮށްފަ އެވެ.

އިންޑިގޯ އިން ނެރުނު ބަޔާނެއްގައި ބުނީ ދަތުރުމަތީގައި އުފަންވި ކުއްޖާ އަކީ ދުވަސްނުފުރާ ވިހޭ ކުއްޖެއް ނަމަވެސް ކުއްޖާ އާއި މައިމީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ. ނަސީބު ދިމާކުރި ގޮތުން އެ ވަގުތު ބޯޓުގައި ޑޮކްޓަރަކު ވެސް އިނެވެ. އަދި އޭނާގެ އެހީ ވެސް އަންހެން މީހާ ވިއްސަން ލިބުމުގެ އިތުރަށް މަތިންދާބޯޓުގެ ހުރިހާ މުވައްޒަފުން އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިން ކަމަށް ބުންޏެވެ.

އަންހެން މީހާ ފްލައިޓް ތެރޭގައި ވިހޭ ވާހަކަ ފްލައިޓްގެ ކެޕްޓަނުން ކޮންޓްރޯލް ރޫމާ ހިއްސާކުރުމުން ބެންގަލޫރް އެއާޕޯޓަށް ޖެއްސި އިރު، އިންޑިގޯ އާއި އެއާޕޯޓްގެ މުވައްޒަފުން އަންހެން މީހާ އާއި ދަރިފުޅަށް މަރުހަބާ ވެސް ކިޔެ އެވެ.