Roadha Mihaaru
"ރެހެންދި ޚަދީޖާ" ސްކްރީނަށް ގެންނާނީ ޑާކް ރެއިނުން

"ރެހެންދި ޚަދީޖާ" ސްކްރީނަށް ގެންނާނީ ޑާކް ރެއިނުން

05 އެޕްރީލް 2020

ރާއްޖޭގެ ހަމައެކަނި ރާނީ ރެހެންދި ޚަދީޖާގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދޭން ޑާކް ރެއިން އެންޓަޓައިންމަންޓުން ނިންމައި، ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ ހަމައެކަނި ރާނީ ރެހެންދި ޚަދީޖާގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދޭން ޑާކް ރެއިން އެންޓަޓައިންމަންޓުން ނިންމައި، ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

"ރެހެންދި ޚަދީޖާ" ގެ ނަން ދީފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލެވެ. އެ ދެ މީހުންނަކީ ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު "މާމުއި" ގެ އިތުރުން މި އަހަރު ގެނެސްދޭ ލޯބީގެ ފިލްމު "ނޮވެމްބާ" ގެ ސްކްރީންރައިޓަރުން ވެސް މެ އެވެ.

"ރެހެންދި ޚަދީޖާ" ގެ ޑައިރެކްޓްކުރަނީ ޑާކް ރެއިނުން މިހާރު މަސައްކަތް ފަށާފައިވާ އޮތް ބިރުވެރި ފިލްމު "ބަޅިނދު" ގެ ޑައިރެކްޓަރު އަހުމަދު ޝިނާނެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ގޮށްރާޅު" އެވެ.

ޑާކް ރެއިނުން އާންމުކުރި ބަޔާނެއްގައި ބުނީ ރެހެންދި ޚަދީޖާގެ ވާހަކަ ސްކްރީނަށް ގެނައުމަށްޓަކައި، ކުރިއަށް ގެންދިޔަ ރިސާޗްގެ މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށާއި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ވަރަސް އަވަހަށް ފަށާނެ ކަމަށެވެ. އަދި "ރެހެންދި ޚަދީޖާ" ގެނެސްދޭނީ ތާރީހީ ހަގީގަތްތަކާ ވީހާ ވެސް އެއްގޮތަށް ކަމަށް ބުންޏެވެ. އެގޮތުން ފިލްމުގެ ޓީޒާއެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ވެސް ބުންޏެވެ.

"މިއީ އަހަރެމެން މިހާތަނަށް ހަދާ އެންމެ ބޮޑު ޕްރޮޖެކްޓަކަށް ވާނެ. އަދި ވަރަށް އަވަހަށް ބެލުންތެރިންނަށް ފިލްމު ގެނެސްދޭން މަސައްކަތްކުރާނަން." ޑާކް ރެއިންގެ ބަޔާނުގައި ބުންޏެވެ.

"ރެހެންދި ޚަދީޖާ" ފިލްމުވެގެން ދާނީ ދިވެހި ސިނަމާ އަށް ރަސްމީ ސިފައެއްގައި ގެންނަ ފުރަތަމަ ޕީރިއަޑް/ބައޮގަރްފިކަލް ޑްރާމާއަށެވެ.

މީގެ ކުރިން ޓީވީއެމުން ވަނީ "ބޮޑުތަކުރުފާނު" ގެ ނަމުގައި ތާރީހީ ފިލްމެއް ގެނެސްދީފަ އެވެ. އެއީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވި މުހައްމަދު ތަކުރުފާނުގެ ވާހަކަ ކިޔައިދިން ފިލްމެކެވެ.

މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ އިން "ރެހެންދި ޚަދީޖާ" ސިނަމާ އަށް ގެނެސްދޭން ނިންމި އިރު، ކުރީގެ ޑައިރެކްޓަރު އަބްދުލް ފައްތާހް ވެސް ރެހެންދި ޚަދީޖާގެ ވާހަކަ ސްކްރީނަށް ގެންނަން އުޅޭ ވާހަކަ 2017 ގައި އިއުލާންކުރި އެވެ. އެކަމަކު އޭނާ ފަހުން ވަނީ ފިލްމު ހެދުން ހުއްޓާލައިފަ އެވެ.