Roadha Mihaaru
ނުޒޫ އާއި ޔާދާއާ އެކު ޑާކް ރެއިންގެ އާ ފިލްމެއް

ނުޒޫ އާއި ޔާދާއާ އެކު ޑާކް ރެއިންގެ އާ ފިލްމެއް

12 އޯގަސްޓް 2020

ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭން ނިންމާފައިވާ ފިލްމުތަކުގެ ލިސްޓަށް އަނެއްކާ ވެސް އާ ފިލްމެއް އިތުރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭން ނިންމާފައިވާ ފިލްމުތަކުގެ ލިސްޓަށް އަނެއްކާ ވެސް އާ ފިލްމެއް އިތުރުވެއްޖެ އެވެ.

ނަން އިއުލާންނުކުރާ މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނީ މިދިޔަ އަހަރު އެ ސްޓޫޑިއޯ އިން ގެނެސްދިން "މާމުއި" ގެ މުހިއްމު ރޯލްތަކެއް ވެސް ކުޅުނު ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އައިޝަތު ޔާދާ އެވެ. ޔާދާ އަކީ ޑާކް ރެއިނުން މިހާތަނަށް ގެނެސްދިން ގިނަ ފިލްމުތައް ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ އަންހެނުންނެވެ.

ދެހާސް ސަތާރައިގައި ގެނެސްދިން ފިލްމު "މަލިކާ" އިން ފިލްމީ ދާއިރާ އަށް ނުކުތް ނުޒޫ އަކީ މި ވަގުތު ފިލްމު އިންޑަސްޓްރީގައި އެންމެ ހިނގާ ބަތަލާއިންގެ ތެރެއިން އެކަކެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަގެ ތެރޭގައި މިދިޔަ އަހަރު "ބަވަތި" ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ "ނީނާ" އާއި އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާމް ސައީދު (އަންދު) ޑައިރެކްޓްކޮށްފައިވާ "ފަރީ" އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ "ކޮސް ގިނަ މިސްޓޭކް" ހިމެނެ އެވެ.

ޑާކް ރެއިންގެ ފިލްމަކަށް ނުޒޫ ކުޅުނު ފުރަތަމަ ފިލްމަކީ 2018 ގެ "ވަކިން ލޯބިން" އެވެ. އަދި "މާމުއި" ގެ އިތުރުން "ގޮށްރާޅު" އަކީ ވެސް ނުޒޫ ފެނިގެން ދިޔަ ޑާކް ރެއިންގެ ފިލްމެކެވެ.

ނުޒޫ އާއި ޔާދާއާ އެކު ގެނެސްދޭން ނިންމި އާ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ޑާކް ރެއިނުން އަދި ހާމައެއްނުކުރެ އެވެ. އެތަނުން ސޯޝަލް މީޑިއާގައި ބުނީ ކުރިއަށް އޮތް ހަފުތާތަކެއްގެ ތެރޭގައި ފިލްމާ ބެހޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މި ވަގުތު ރާއްޖޭގެ ކާމިޔާބު އަދި އެންމެ ބިޒީ ސްޓޫޑިއޯގެ ގޮތުގައި ފާހަގަކޮށްލެވޭ ޑާކް ރެއިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި މި އަހަރު އަޅުވަން ނިންމާފައި ފަހުން އަންނަ އަހަރަށް ފަސްކޮށްފައިވާ "ނޮވެމްބާ" ގެ އިތުރުން "ބަޅިނދު" އާއި "ކައިވެނީގެ އަމާޒު" އާއި "ރެހެންދި ޚަދީޖާ" އަދި "ބައިސާ" ހިމެނެ އެވެ.

"ބައިސާ" އަކީ ނުޒޫއާ އެކު މޫމިން ފުއާދު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

ޗިއްޕެ ޑައިރެކްޓްކޮށްފައިވާ "ނޮވެމްބާ" އަކީ ޔާދާ ފެނިގެންދާނެ ފިލްމެކެވެ.

ޑާކް ރެއިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "މާމުއި" ގެ ސްޕިންއޮފެއްގެ ގޮތުގައި ގެނެސްދޭ ހަމަޖެހިފައިވާ ވެބް ސީރީޒް "ފައްކަލޭ" ވެސް ހިމެނެ އެވެ.