Roadha Mihaaru
ކަން ފަސޭހަ ކޮށްފިނަމަ ރާއްޖެ ދާނީ ފަހަތަށް:އަމީން

ކަން ފަސޭހަކޮށްލައިގެން ތިބެއްޖެ ނަމަ ރާއްޖެ ހޯދައި ނުފެންނަ ހިސާބަށް ހިނގައިދާނެ: އަމީން

06 އެޕްރީލް 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކަށް ބޯނުލަނބައި، ކަން ފަސޭހަކޮށްލައިގެން ތިބެއްޖެ ނަމަ ރާއްޖެ ހޯދައި ނުފެންނަ ހިސާބަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކަށް ބޯނުލަނބައި، ކަން ފަސޭހަކޮށްލައިގެން ތިބެއްޖެ ނަމަ ރާއްޖެ ހޯދައި ނުފެންނަ ހިސާބަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް އަށް ޓެސްޓުކުރަން ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް އިތުރު 5،000 ކިޓު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، އެންމެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް މިހާރު ތަހައްމަލު ކުރަމުން ދަނީ، އެ ގައުމުތަކުގެ ޓެކްނޮލޮޖީތަކަށް ބަލާއިރު ވެސް ނުބައްދަލު ހާލަތެއް ކަމަށެވެ. ރާއްޖެ އެ ފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ދިމާވެދާނެ ކަންކަމާ ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަމާބެހޭ އިދާރާތްތަކުން މުޅި ދުވަހު މަސައްކަތް ކުރަމުން އަންނަނީ މުޅި އާބާދީ އެކަމުން ސަލާމަތްކުރުމަށް ކަން އަމީން ވިދާޅުވި އެވެ.

"ކަން ފަސޭހަކޮށްލައިގެން ތިބިއްޖެ ނަމަ ރާއްޖެ ހޯދާ ނުފެންނަ ހިސާބު ފަހަތަށް ދިއުމަކީ އެކަށީގެންވާ ކަމެއް. ދުނިޔޭގައި ވަރަށް ކުރިއަރާފައިވާ ގައުމުތައް، ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުކަމަށް ބަލަންޖެހޭ އެމެރިކާ އާއި ޔޫރަޕް އަދި އޭޝިޔާގެ ބައެއް ގައުމުތައް ވެސް މިހާރު ތަހައްމަލު ކުރަމުން ގެންދަނީ އެ މީހުންގެ ކުރިއަރާފައިވާ ޓެކްނޮލޮޖީސްތަކާއި އެ މީހުންގެ އިންސާނީ ވަސީލަތާއި މި ދާއިރާތަކުން ހޯދާފައިވާ ތަޖުރިބާއަށް ބަލާއިރު ވެސް އެކަންކަމާ ނުބައްދަލު އުނދަގޫ ހާލަތެއް،" އަމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެފަދަ ހާލަތަށް ގޮސްފިކަމަށްވާ ނަމަ ދިމާވެދާނެ ކަންކަމާ ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް."

އަމީން ވިދާޅުވި ގޮތުގައި، ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ކޮރޯނާވައިރަހާ ދެކޮޅަށް ރާއްޖެއިން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެ ފިޔަވަޅުތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރުން ކަމަށާއި އެކަމުގެ އިންތިޒާމްތައް އައިޖީއެމްއެޗުގައި ވަރަށް އަވަހަށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިކަމުގައި އަދި ލުއިކޮށް ނުދޭށޭ. އަޅުގަނޑުމެން މި ކަމުގައި ވަރުބަލި ވެގެންދާ ހިސާބަކަށް އަދި ނުދޭ. އަޅުގަނޑުމެންނަށް އަދި މީގެ ނުރައްކާތެރި ހާލަތު ބައްދަލެއް ވެސް ނުކުރޭ،" އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް 11،000 ޓެސްޓު ކުރެވޭނެ ފުރުސަތު ފަހިކޮށްދީފައިވާއިރު އެ ބައްޔަށް މިހާރު ވެސް 1،500 އަށްވުރެ ގިނަ މީހުން ވަނީ ޓެސްޓުކޮށްފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކި ހިސާބުތަކުގައި އޮތް މިންވަރަށް ބަލައިލުމުން މިއީ އަތް އުރާލައިގެން ތިބެންޖެހޭ ވަގުތު ނޫން ކަން އެނގެ އެވެ. އަތް ސޮއްސައިގެން ނުގޮސް ހިފަހައްޓައިލެވެނީ ނަސީބު ރަނގަޅުކަމުންނާއި ސަރުކާރުން އެޅި ފިޔަވަޅުތަކުންނާއި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތައް ގަބޫލުކުރުމުން ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރަން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި 5،000، އެ ޖަމިއްޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދު (ވ)،  ހެލްތު މިނިސްޓަރު އަމީންއާ މިއަދު ހަވާލުކުރައްވަނީ-- ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އަށް ޓެސްޓުކުރަން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި 5،000، އެ ޖަމިއްޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދު (ވ)، ހެލްތު މިނިސްޓަރު އަމީންއާ މިއަދު ހަވާލުކުރައްވަނީ-- ފޮޓޯ: ހެލްތު މިނިސްޓްރީ

"މި ކަމުގައި އަދި ލުއިކޮށް ނުދޭށޭ. އަޅުގަނޑުމެން މި ކަމުގައި ވަރުބަލި ވެގެންދާ ހިސާބަކަށް އަދި ނުދޭ. އަޅުގަނޑުމެންނަށް އަދި މީގެ ނުރައްކާތެރި ހާލަތު ބައްދަލެއް ވެސް ނުކުރޭ،" އަމީން ވިދާޅުވި އެވެ.

"އެހެންވީމަ އަދިވެސް ސިއްހީ މާހިރުންގެ އިރުޝާދާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުން ކޮށްފައިވާ ތަރުޖިބާއާ އަޅުގަނޑުމެން އެންމެން ވިސްނާ މިކަމަށް ކުރަންޖެހޭ ކަންކަން ހަމަ ވަރަށް ވަރަށް މުހިއްމު،"

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު، ޑރ. އަރްވިންދު މާތުރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގައި 11،000 ސާމްޕަލް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ކޮންމެ ހާލަތަކަށް ވެސް ޓެސްޓު ކުރުމުގެ ގާބިލްކަން އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ޓުވީޓް

އޭނާ ވަނީ އަދި ފަރުވާއެއް ހޯދިފައި ނުވާ ބަލިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތްތަކުގެ ލަފަ އާއި އިރުޝާދަށް ބޯލެނބުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ބަލިން ސަލާމަތްވާން މަސައްކަތްކުރަނީ އެންމެން އެކު އެކީގައި ކަމަށެވެ. އެއީ ހަމައެކަނި ސިއްހަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ގެ 200 ޓެސްޓު ހެދުމުގެ ގާބިލްކަން އެ ހޮސްޕިޓަލްގައި އެބަހުރި ކަމަށެވެ. އެ އަދަދު 300 އަށް އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް 2-3 ދުވަހުގެ ތެރޭގައި އިތުރު މެޝިނެއް ބަހައްޓައި ޓެސްޓުތައް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ 19 މީހަކަށެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވެ އެވެ. އެ ބަލީގައި މިހާރު ފަރުވާ ދެމުން އަންނަނީ އިނގިރޭސި ވިލާތުން އައި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ދިވެއްސަކަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ.