Roadha Mihaaru
އީދަކީ މިފަހަރު ޗުއްޓީއެއް ކަމަށް ނުނަންގަވާ: އަމީން

ބޮޑުއީދަކީ މިފަހަރު ޗުއްޓީއެއް ކަމަށް ނުނަންގަވާ: އަމީން

26 ޖުލައި 2020

މި އަހަރުގެ ބޮޑު އީދަކީ އާއްްމު ހާލަތުގައި އުޅޭހެން ގިނަ ބަޔަކު އެއްވެ އުފާފާޅުކުރުމާއި ދަތުރުފަތުރު ކުރުން ފަދަ ކަންތައްތައް ކުރާ ޗުއްޓީއަކަށް ނުހެދުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ އިލްތިމާސް ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މި އަހަރުގެ ބޮޑު އީދަކީ އާއްްމު ހާލަތުގައި އުޅޭހެން ގިނަ ބަޔަކު އެއްވެ އުފާފާޅުކުރުމާއި ދަތުރުފަތުރު ކުރުން ފަދަ ކަންތައްތައް ކުރާ ޗުއްޓީއަކަށް ނުހެދުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ އިލްތިމާސް ކުރައްވައިފި އެވެ.

ތިން ރަށެއްގެ ކޮވިޑް މެނޭޖްމަންޓް ފެެސިލިޓީ ހުޅުވަން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އަމީން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވާން ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާލާ ހިސާބަކަށް އަދި ނުދާ ކަމަށާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަދި ހުއްޓާލާ ހިސާބަށް ނާދެވޭ ކަމަށެވެ. ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަަކަށް ދީފައިވާ ލުއިތަކާ މެދު ސަމާލުކަން ނުދެވިއްޖެ ނަމަ ކުރިއަށް އޮތީ މާ ނުރައްކާތެރި ދުވަސްތަކަކަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޭރަށް ނުކުންނަ އިރު މާސްކް އެޅުމާއި ގިނަގިނައިން އަތް ދޮންނަން ސިއްހީ މާހިރުން ދީފައިވާ ލަފަޔާ އެއްގޮތަށް އެ ކަންތައްތައް އަދިވެސް ކުރަމުން ގެންދަން އަމީން އެދިވަޑައިގަތެވެ.

"އީދު ޗުއްޓީއަކީ އެހެންޏާ އަޅުގަނޑުމެން ވަރަށް އުފާވެރިކޮށް، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ގިނަ ކަންކަން އަޅުގަނޑުމެން ކުރާ ދުވަސްތަކެއް. އީދުގެ އުފާ ފާޅުކުރުމުގައި ކުޅިވަރުތަކާ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި މި ކަންކަމަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ތެރޭގައި ވެސް ހިމެނޭ [ކަންތައްތައް]، އަދި [މިއީ] އަޅުގަނޑުމެންނަށް އަހަރު ތެރޭގައި އަންނަ ވަރަށް އުފާވެރި ދުވަސްތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ކުރިއަށް މިއޮތް ބޮޑުއީދަކީ އެއީ މިފަދަ ދުވަސްވަރެއް ކަމުގައި ދުށުން އެއީ ރަނގަޅު ކަމެއް ނޫން ކަމުގައި އަޅުގަނޑު ދަންނަވަން."

އީދު ބަންދުގައި ވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރަން އަމީން އިލްތިމާސް ކުރެއްވި އެވެ. ހާއްސަ ގޮތެއްގައި ކޮވިޑް-19 ހުއްޓުމެއް ނެތި ފެންނަމުންދާ މާލެެ އިން ރަށްރަށަށް ދަތުރު ނުކުރުމަށް އެެދިވަޑައިގަތެވެ.

މާލެއި ން އެހެން ރަށްރަށަށް މިހާރު ވެސް ދަތުރުކުރެވެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އެ ރަށެއްގެ ކައުންސިލުން ހުއްދަ ހޯދައިގެންނެވެ. އެގޮތުން ދާ މީހުން ވެސް 14 ދުވަސް ވަންދެން ހޯމް ކަރަންޓީނުގައި ތިބެން ޖެހެ އެވެ. އެހެންވެ އީދު ބަންދުގައި މާލެ އިން އެހެން ރަށްރަށަށް މީހުން ދަތުރުކުރުމުގެ ފުރުސަތެއް މިހާރު ވެސް ނެތެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ދާދި އެއްވަރެއްގައި ހުރުމަށް ފަހު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން 77 މީހަކަށް އިއްޔެ ކޮވިޑް ޖެހުނު އިރު އެ ބަލި ޖެހުނު ދިވެހިންގެ އަދަދު މިހާރު ވަނީ ބިދޭސީންނަށް ވުރެ އިތުރު ވެފަ އެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ ދިވެހިންގެ އަދަދު އުޅެނީ 1،397 ގަ އެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު އެ އަދަދު ވަނީ 1،453 އަށް އަރައިފަ އެވެ. ބަންގްލަދޭޝްގެ 1،425 މީހުން ޕޮޒިޓިވްވިއިރު، މިއަދުގެ ޕޮޒިޓިވް ކޭސްތަކާއެކު އެ އަދަދު 1،445 އަށް އަރާފައި ވެ އެވެ.

ކޮވިޑުން މިއަދު 43 މީހަކު ރަނގަޅުވެފައިވެ އެވެ. އެހެންވެ މިވަގުތު އެ ބައްޔަށް ފަރުވާ ދެމުން އަންނަނީ 688 މީހުންނަށެވެ.