Roadha Mihaaru
ކޮރޯނާވައިރަހާއި ރޯގާއަކުން ފެންނަ ތަފާތަކީ ކޮބާ؟

ކޮރޯނާވައިރަހާއި އާދައިގެ ރޯގާއަކުން ފެންނަ ތަފާތަކީ ކޮބާ؟

09 އެޕްރީލް 2020

ކޮރޯނާވައިރަސް ހަށިގަނޑަށް ވަނުމުން ފެންނަން ފަށާ އަލާމާތްތަކާއި އާދައިގެ ރޯގާއެއް ޖެހިގެން ފެންނަ އަލާމާތްތަކާ ވަރަށް އެއްގޮތެވެ. އެހެންވެ މި ދެ ހާލަތު ދެނެގަނެވެން އޮންނަ ކަށަވަރު ހަމައެކަނި ގޮތަކީ ޓެސްޓުތައް ހެދުމެވެ.

ކޮރޯނާވައިރަސް ހަށިގަނޑަށް ވަނުމުން ފެންނަން ފަށާ އަލާމާތްތަކާއި އާދައިގެ ރޯގާއެއް ޖެހިގެން ފެންނަ އަލާމާތްތަކާ ވަރަށް އެއްގޮތެވެ. އެހެންވެ މި ދެ ހާލަތު ދެނެގަނެވެން އޮންނަ ކަށަވަރު ހަމައެކަނި ގޮތަކީ ޓެސްޓުތައް ހެދުމެވެ.

އެކަމަކު މިއީ ކޮރޯނާވައިރަހުންނާއި އާދައިގެ ރޯގާއަކުން ތަފާތުކޮށް ފެނިދާނެ އަލާމާތްތަކެވެ. ނަމަވެސް ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަކީ އާ ބައްޔަކަށް ވާތީ މިކަމުގައި އަމިއްލަ އަށް ގޮތް ނިންމައިގެން ނުވާނެ އެވެ. ކަމާބެހޭ އިދާރާތަކުން ދޭ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް ވުރެ ބުއްދިވެރި ގޮތެއް ނޯންނާނެ އެވެ.

ކޮރޯނާވައިރަސް ހަށިގަނޑަށް ވަނުމުން އެންމެ ބޮޑަށް ފެންނަ އެއް އަލާމާތަކީ ކެއްސުމެވެ. މި ކެއްސުމާ އެކު ހުން އައިސް ނޭވާލާން އުނދަގޫ ގޮތެއް ހުންނާނެ އެވެ. ކެއްސުމަކީ އާދައިގެ ރޯގާއެއްގައި ނުވަތަ ހުމުގެ ރޯގާއެއްގައި ވެސް އާންމުކޮށް ފެންނަ އަލާމާތެކެވެ. އެކަމަކު ނޭވާލާން އުނދަގޫވުމަކީ އެހާ އާންމުކަމެއް ނޫނެވެ.

މިހާތަނަށް ހަދާފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ކޮރޯނާވައިރަސް އަރާ ކޮންމެ ފަސް މީހެއްގެ ތެރެއިން ހަަތަރު މީހެއްގެ ކިބައިން ފެންނަނީ ވަރަށް އާދައި ނިޝާންތަކެކެވެ. އެ މީހުންގެ ހާލު ބޮޑެއް ނުވެ އެވެ. އެކަމަކު މި ވައިރަސްގެ ސަބަބުން، ނޭވާލާ ނިޒާމަށް ޖެހޭ ކޮވިޑް-19 ޖެހިއްޖެ ނަމަ ނުރައްކާވެ އެވެ.

އާދައިގެ ރޯގާއެއް ނުވަތަ ހޭ ފީވާއެއްގައި ހުން ގަދަވުމަކީ އާންމު ކަމެއް ނޫނެވެ. އަދި މީހާގެ ވަރު ދެރަވެ އެހާ ބޮޑަށް ބައްޔެއް ވެސް ނުވެ އެވެ. މީގެ ރޯގާއެއްގައި ކިނބިހި އެޅުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު ކޮރޯނާވައިރަހުގައި ނަމަ ކިނބިހި އެޅުން އެހާ އާންމެއް ނޫނެވެ. އެކަމަކު ކިނބިހި އެޅުމަކީ ނުވާނެ ކަމެއް ނޫނެވެ.

އެކަމަކު، ކޮރޯނާވައިރަސް އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ވާސިލުވާ އެއް ސަބަބަކީ ކިނބިހި އެޅުމާއި ކެއްސުން ފަދަ ކަންތަކެވެ.

ކޮރޯނާވައިރަހާއި އާންމު ހުމުގެ ރޯގާގައި ވެސް ގައިގެ ވަރު ދެރަވެ އެވެ. ރަސްމީކޮށް ބަލައިގެންފައި ނެތް ނަމަވެސް، ވަސް ނުދުވުމާއި ރަހަ ނުލުމަކީ ވެސް ކޮރޯނާވައިރަސް ހަށިގަނޑަށް ވަދެއްޖެ ކަމުގެ އަލާމާތެއްގެ ގޮތުގައި ވަރަށް ގިނަ މީހުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު މިއީ ރޯގާ ޖެހުމުން ވެސް ބައެއް ފަހަރު ދިމާވާ ކަމެކެވެ.

ކިތަންމެ ގިނަ އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް މި ދެ ބަލީގައި ތަފާތު ހުރެ އެވެ.

އާންމު ހުމުގެ ރޯގާގައި ގަޔަކު ނުރިއްސާނެ އެވެ. އެކަމަކި ކޮރޯނާވައިރަހުން ބަލިވެއްޖެ ނަމަ ގައިގައި ރިއްސާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. ހުމުގެ ރޯގާގައި ބޭރަކަށް ވެސް ނުހިންގަ އެވެ. އެކަމަކު ކޮރޯނާވައިރަހުން ބަލިވުމުން ބޭރަށް ހިންގުމަކީ އާންމު ކަމެކެވެ. އާންމު ރޯގާގެ ސަބަބުން ބޮލުގައި ރިއްސުމީ އާންމު ކަމަކަށް ވިޔަސް ކޮރޯނާވައިރަހުގައި މިކަން ދިމާވުމުން ނާދިރެވެ.

ކޮރޯނާވައިރަހާ އެކު ކަރުގައި ރިއްސުން އެއީ އާންމު ނިޝާނެކެވެ. އެކަމަކު އާދައިގެ ހުމުގެ ރޯގާއަކު އެހެންނެއް ނޫނެވެ. ނޭފަތުން ފެން/އަރިދަފުސް އައުމާއި ނޭފަތް ބެދުމާއި ކިނބިހި އެޅުމާއި ލޮލުން ފެން އައުމާއި ކަރާއި އަނގަ އާއި ނޭފަތާއި ކަންފަތުގައި ރިއްސުމަކީ އާދައިގެ ހުމުގެ ރޯގާއެއްގައި އާންމު ކަމެއް ނަމަވެސް މިއީ ކޮރޯނާވައިރަހުގައި ދިމާވާ ގޮތެއް ނޫނެވެ.

އަދިވެސް އެއްފަހަރު ހަނދާންކޮށްދެމެވެ. ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަކީ އާ ބައްޔަކެވެ. އެކި މީހުންނަށް މި ބަލީގައި ކުރަންޖެހޭ ތަޖުރިބާ ތަފާތު ވެސް ވެ އެވެ. އެހެންވެ، އަމިއްލަ އަށް ގޮތް ނުނިންމައި ސިއްހީ އިދާރާތަކުން ދޭ ލަފަޔާ އެއްގޮތަށް ކަންތައް ކުރާށެވެ. -- ޔާހޫ ލައިފްސްޓައިލް