Roadha Mihaaru
ޔޯގަޓުން އަރިދަފުސް ރޯގާއާ ދުރުކޮށްދޭ

ޔޯގަޓުން އަރިދަފުސް ރޯގާއާ ދުރުކޮށްދޭ

29 މެއި 2019

ޔޯގަޓަކީ އަރިދަފުސް ރޯގާ އިން ސަލާމަތް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔޯގަޓަކީ އަރިދަފުސް ރޯގާ އިން ސަލާމަތް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އެ ދިރާސާގައި ބުނި ގޮތުގައި ޔޯގަޓަކީ ޕްރޮބައޮޓިކްސްތަކުން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ މިއީ އިމިނިއުޓީ ވަރުގަދަކޮށްދޭ އެއްޗެކެވެ. އޭގެ ނަތީޖާ އަކީ އަރިދަފުސް ރޯގާ ފަދަ ކަހަލަ އާންމު ބަލިތަކުން ދުރުކޮށްދީ އަވަހަށް ފަސޭހަވުމެވެ.

ދިރާސާގައި ބުނީ ޔޯގަޓަކީ ދިރުވައިލަން ވެސް ފަސޭހަ އެއްޗަކަށްވުމުން، ކަރުތެރެ އަށް ދިމާވާ މައްސަލަތައް ވެސް ލުއިކޮށްދޭ ކަމަށެވެ.

ޔޯގަޓާ ބެހޭ ދިރާސާ ހެދި ޓީމްގައި ހިމެނޭ ނެޝަނަލް ޑެއިރީ ކައުންސިލްގެ ނިއުޓްރިޝަނާ ބެހޭ ވައިސް ޕްރެޒިޑެންޓް މިކީ ރޫބިން ވިދާޅުވި ގޮތުގައި ޔޯގަޓްގައި އެކުލެވޭ ޕްރޮބައޮޓިކްސް އަކީ އަރިދަފުސްގެ ރޯގާގެ އަސަރުކޮށްފައިވާ މިންވަރާއި އެ އުނދުގަލުގައި ހޭދަކުރަން ޖެހޭ މުއްދަތު ކުރުކޮށްލާނެ އެއްޗެކެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ޔޯގަޓަކީ ހަށިގަނޑަށް ބޭނުންތެރި ބެކްޓީރިއާތަކެއް ކަމަށްވާ ލެކްޓޮބެސިލަސް ބަލްގޭރިކަސް އާއި ސްޓްރެޕްޓޮކަސް ތާމޮފިލިއަސް ވެސް އެކުލެވޭ އެއްޗަކަށްވާތީ ޔޯގަޓް ބޭނުން ކުރުމުގެ ފައިދާތައް ބޮޑެވެ.

ކުއްޖަކު ޔޯގަޓް ކަނީ.

ކުއްޖަކު ޔޯގަޓް ކަނީ.

"ޔޯގަޓަކީ އާންމުކޮށް ކާން ވެސް ވަރަށް ފައިދާ ހުރި އެއްޗެއްގެ ގޮތުގައި މިހާތަނަށް ވެސް ފާހަގަކުރެވިފައި އޮތީ. އަދި މީގެ ސަބަބުން އަރިދަފުސް ރޯގާ އަށް ވެސް ލުއިވާކަން ހޯދިފައިވޭ،" ރޫބިން ވިދާޅުވި އެވެ. "އެކަމަކު މީގެ މާނައަކީ އަރިދަފުސް ރޯގާ އިން ރައްކާތެރިވުމަށް ރަސްމީކޮށް ބޭނުން ކުރާ އެއްޗެއްގެ ގޮތުގައި ރިކަމަންޑް ކުރަނީކީ ނޫން. ހޯދުންތަކެއް އަދިވެސް މިކަމާ ގުޅިގެން ހޯދަން އެބަޖެހޭ. ފާހަގަ ކުރެވޭ ކަމަކީ ޔޯގަޓުން އަރިދަފުސް ރޯގާ އަށް ލުއިވާކަން."

ޔޯގަޓްގައި އެކުލެވޭ ފައިދާ ހުރި މާއްދާތަކަށް ބަލާ އިރު މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާއެއް ކަމަށްވާ ޒިންކުން ވެސް މުއްސަނދިވެފައިވާ އެއްޗެކެވެ. މީގެ އިތުރުން ޔޯގަޓްގައި އެކުލެވޭ ކާބޮހައިޓްރޭޓުން ލިއްބައިދޭ ހަކަތައާ އެކު ވެސް އެއީ އަރިދަފުސް ރޯގާ އިން ސަލާމަތްކޮށް ދޭން އެހީވެދޭ ކަމެކެވެ.