Roadha Mihaaru
ކޮޗިންގައި ތާށިވި ދިވެހިން ރާއްޖެ ގެނެސްފި

ކޮޗިންގައި ތާށިވި ދިވެހިން ރާއްޖެ ގެނެސްފި

07 އެޕްރީލް 2020

އިންޑިއާ ލޮކްޑައުންކޮށް އެއާޕޯޓްތައް ބަންދުކުރުމުގެ ސަބަބުން ކޮޗިންގައި ތާށިވި ބައެއް ދިވެހިން މިރޭ، މޯލްޑިވިއަންގެ ބޯޓެއްގައި ރާއްޖެ ގެނެސްދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާ ލޮކްޑައުންކޮށް އެއާޕޯޓްތައް ބަންދުކުރުމުގެ ސަބަބުން ކޮޗިންގައި ތާށިވި ބައެއް ދިވެހިން މިރޭ، މޯލްޑިވިއަންގެ ބޯޓެއްގައި ރާއްޖެ ގެނެސްދީފި އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި، ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ އަންނަން ޓިކެޓު ނެގި ފަހުން ފްލައިޓް ކެންސަލްވުމުގެ ސަބަބުން އިންޑިއާގައި ތާށިވި 117 މީހަކާއި ބޭސް ކުރުމަށް އެ ގައުމަށް ގޮސް ތިބި 71 މީހަކު މިރޭ ގެނެސްފައިވާ ކަމަށެވެ.

ކޮޗިންގައި ރާއްޖެ އަށް ނާދެވި ގިނަ ބަޔަކު ތާށިވީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކެއްގެ ގޮތުގައި އެ ގައުމުގެ ވައިގެ ދަތުރުތައް މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހުއްޓައިލުމުންނެވެ. އެހެންވެ ރާއްޖެ ގެނައުމާ ހަމަ އަށް އެ މީހުންގެ ކެއުމާއި ހުރުމުގެ ކަންކަން ހަމަޖައްސާފައިވަނީ އާސަންދަ އަދި އެންސްޕާއިންނެވެ.

މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުގައި އެ ދިވެހިން ރާއްޖެ ގެނެސް، ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން ގެންދާނީ ކަރަންޓީން ފެސިލިޓީއަށެވެ.

މަބްރޫކް ވިދާޅުވީ ހުއްދަ ލިބޭ ވަރަކުން އެކި ގައުމުތަކަށް ދަތުރުކޮށް ދިވެހިން ގެންނާނެ ކަމަށެވެ. ސަރުކާރުން ވަނީ އިންޑިއާގެ އިތުރުން ސްރީލަންކާއިން ވެސް 100 ދިވެހިން ގެނެސްފަ އެވެ. އޭގެ އިތުރުން މެލޭޝިޔާއިން ދިވެހިން ގެނައުމަށް މާދަމާ ހާއްސަ ދަތުރެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ފްލައިޓުތަކުން ޖާގަ ދެމުންދާ އަދި ދީފައިވާ ގޮތާއި ޓިކެޓުގެ އަގުބޮޑުކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

އެކަންކަމަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ހުރި ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަންކަމަށް ފިޔަވަޅުތައް އެޅިގެންދާނެ ކަމަށާއި އޭގެ ތެރެއިން މިހާރު ބާއްވަމުން އަންނަ ޗާޓަރު ފްލައިޓުތަކުގެ ޓިކެޓު އަގު ހެޔޮކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

"ފްލައިޓުތަކުގެ ޓިކެޓުތައް އަގުހެޔޮކުރުމަށް މަސައްކަތް އެބަ ކުރޭ ސަރުކާރުގެ އެކި ވުޒާރާތަކުން މިކަމުގައި ލުއި ކޮށްދިނުމަށް މޯލްޑިވިއަނަށް. މީގެ އިތުރުން ފްލައިޓުތަކަށް މީހުން އެރުވުމުގައި އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ، މިއީ ވެސް އަޅުގަނޑުމެން އަލުން އަނބުރާ ބަލާލަންޖެހޭ ކަމެއް،" މަބްރޫކް ވިދާޅުވި އެވެ.

ލަންކާއިން ރާއްޖެ އަންނަން ޓިކެޓު ހޯދުމަށް ހުޅުވާލި މިނެޓެއްގެ ތެރޭގައި 200 މީހުން ހުށަހަޅާފައިވާ ކަމަށާއި ހަތަރު ގަޑިއިރުގެ ތެރޭގައި 1000 އަށްވުރެ ގިނަ މީހުން ފްލައިޓުން ޖާގަ ހޯދަން އެދިފައިވާ ކަމަށް ވިދާޅުވި އެވެ. ލަންކާއިން އައި 100 މީހުންގެ ތެރޭގައި ހިމެނެނީ ޓީސީ ފުުޓްބޯޅަ ޓީމުގައި ހިމެނޭ 30 މީހުންނާއި އާސަންދައާ ގުޅިފައި ހުރި 20 މީހުން އަދި ޓިކެޓު ހޯދަން އެންމެ ފުރަތަމަ ހުށަހެޅި 50 މީހުންނެވެ.

މޯލްޑިވިއަން އިން މިހާރު ވަނީ މެލޭޝިޔާގައި ތިބި މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވެފައި ތިބި މީހުން ޓިކެޓު ގަންނަން ހުޅުވާލައިފަ އެވެ. އޭނާ ވިދާޅުވީ މީގެ ކުރިން އިންޑިއާ އަދި ލަންކާ އިން މީހުން ގެނައުމުގެ ކަންކަން ހަމަޖެއްސިއިރު ދިމާވި ފާޑުކިޔުންތަކުގެ ސަބަބުން މޯލްޑިވިއަންގެ ވިސްނުން މިފަހަރު ހުރީ އޮންލައިންކޮށް ހުޅުވާލާއިރު ފުރަތަމަ ރަޖިސްޓްރީވާ 200 މީހުންނަށް ޖާގަ ދިނުމަށް ކަމަށެވެ.

ރާއްޖެ އަންނަން ބޭނުންވެގެން 8000 މީހުން ރަޖިސްޓްރީވެފައިވިއަސް އެކި ގައުމުތަކުގައި ތިބި މީހުންގެ އަދަދު އެއަށްވުރެ ގިނަ ވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.