Roadha Mihaaru
މީހުން ގެނެސްދެނީ ވިޔަފާރިއަކަށް ނޫން: މޯލްޑިވިއަން

ވިޔަފާރި އުސޫލުން ނަމަ މިއަށްވުރެ އަގު ބޮޑުވާނެ: މޯލްޑިވިއަން

06 އެޕްރީލް 2020

ކޮވިޑް-19 ފެތުރެން ފެށުމުން ބަންދުކޮށް ދަތުރުފަތުރު ހުއްޓާލި ގައުމުތަކުގައި ތިބި މީހުން ގެންނަން މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ އަގު ބޮޑުކަމަށް ބުންޏަސް، ވިޔަފާރި އުސޫލުން ކުރާ އަގުތައް މާ ބޮޑުވާނެ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 ފެތުރެން ފެށުމުން ބަންދުކޮށް ދަތުރުފަތުރު ހުއްޓާލި ގައުމުތަކުގައި ތިބި މީހުން ގެންނަން މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ އަގު ބޮޑުކަމަށް ބުންޏަސް، ވިޔަފާރި އުސޫލުން ކުރާ އަގުތައް މާ ބޮޑުވާނެ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އެއްކޮޅަށް ދަތުރުކުރަނީ ބޯޓު ހުސްކޮށް ކަމަށް ވާތީ ހަރަދު ބޮޑުވާ ކަމަށެވެ. ދަތުރުތައް ކުރަނީ އެކަމަށް ކުރާ ހޭދަ ކަވަރުވާ ގޮތަށް އެކަނި ކަމަށާއި އެއްވެސް ފައިދާއެއް މި ދަތުރުތަކުން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އެއްކޮޅުން ހުސްކޮށް. މިހުރިހާ ކަމެއް ހުރި އިރު އަޅުގަނޑުމެން ދަތުރު ކުރަނީ ހަމަ އެޓް ކޮސްޓްގައި. ވިޔަފާރި އުސޫލުން ކުރާ ކަމުގައިވާ ނަމަ މި އަގުގައެއް ނޫން ކަންނޭގެ ދަތުރުތައް ކުރާނީ،" އޭނާ ވިދާޅުވި އެވެ.

ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެންނަން މިހާތަނަށް މޯލްޑިވިއަނުން ވަނީ ތިން މަންޒިލަކަށް ދަތުރުތައް އިއުލާނުކޮށްފަ އެވެ. އެގޮތުން ލަންކާ އަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގަގީ 300 ޑޮލަރު (4،626 ރުފިޔާ) އެވެ. ކޮޗިންގެ ޓިކެޓު 264 ޑޮލަރު (4،086 ރުފިޔާ) އަށް އަދި މެލޭޝިއާގެ ޓިކެޓް ވިއްކަނީ 330 ޑޮލަރު (5،088 ރުފިޔާ) އަށެވެ. މިހާތަނަށް މޯލްޑިވިއަނުން ވަނީ ލަންކާ އަށް އެއް ދަތުރު އެވެ.

މޫސަ ވިދާޅުވީ، ލަންކާ އިން މީހުން ގެނައުމުގައި ބޭސްފަރުވާ އާއި އެ ނޫން ވެސް މުހިއްމު ބޭނުންތަކަށް ގޮސްފައި، ރާއްޖެ އަށް ނާދެވިފައިވާ މީހުންނަށް އިސްކަން ދިން ކަމަށެވެ. އެގޮތުން މީހުން ކަނޑައެޅުމުގައި އިސްކަން ދިނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ލަންކާ އަށް ކުރި ފުރަތަމަ ދަތުރުގައި 100 މީހުން ވަނީ މާލެ ގެނެސްފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ވެސް، ރާއްޖެ އަށް ބޭނުންވާ ތަކެތި ގެނައުމަށް އޮންނަ އުސޫލުގެ ތެރެއިން ކާގޯ ދަތުރުތައް ކުރާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިން ސަލާމަތްވާން މި ސަރަހައްދުގެ އިތުރުން ދުނިޔޭގެ ހުރިހާ އެއާޕޯޓުތަކެއްހެން ވަނީ ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން އެއާލައިންތުގެ ޝެޑިއުލް ދަތުރުތައް ވަނީ ހުއްޓައިލައިފަ އެވެ.