Roadha Mihaaru
ކައުންސިލްގެ މުއްދަތު ދިގުނުކޮށް، އެހެން ހައްލުތަކެއް؟

ކައުންސިލްތަކުގެ ދައުރު ދިގުނުކޮށް، އެހެން ހައްލުތަކެއްގެ ވާހަކަ!

07 އެޕްރީލް 2020

ކޮވިޑް-19 އާ ހެދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ޖެހުނަސް، ކައުންސިލަަރުންގެ މުއްދަތު އިތުރުކުރަން ނުޖެހޭ ކަމަށާއި އެނޫން އެހެން ހައްލުތައް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އާ ހެދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ޖެހުނަސް، ކައުންސިލަަރުންގެ މުއްދަތު އިތުރުކުރަން ނުޖެހޭ ކަމަށާއި އެނޫން އެހެން ހައްލުތައް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ހެދި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން، އެ އިންތިހާބު ފަސްކުރުމަށާއި ފަސްކުރާ ހާލަތުގައި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ބަދަލު ގެންނަން ސަރުކާރުން ވަނީ ހޮނިހިރު ދުވަހު މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ދެ މައްސަލަ އަށް ބަހުސް ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ސުވާލު އުފެއްދެވީ މިހާރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ގާނޫނުއަސާސީ އިސްލާހުކުރެވިދާނެތޯ ނުވަތަ ނޫންތޯ އެެވެ.

އެކަމަކު ގާނޫނުއަސާސީ އިސްލާހުނުކުރެވޭނެ ކަމަށް ބުނެފައި އޮންނަނީ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރަން ޖެހޭ ހާލަތެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، އާންމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން، ހެލްތު މިނިސްޓަރެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައި ނުވާ ކަމަށާއި އެހެންވެ، ގާނޫނު އަސާސީ އިސްލާހުކުރަން ހުރަހެއް ނެތް ކަމަށެވެ. އަދި މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހު ހަމަވާއިރު، އެ ކައުންސިލްތައް ދެމިއޮންނާނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި ހއ. ދިއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ ކައުންސިލަރުންގެ ދައުރު ނިމުމުން، ކައުންސިލްތައް ހިންގާނެ ސެކްރެޓަރީ ޖެނެރަލުންތަކެއް މިހާރު ތިބި ކައުންސިލަރުންނަށް އައްޔަން ކުރެވިދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްގެ ލަފާގެ މަތިން ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމަކީ ގާނޫނީ ގޮތުން ކުރެވެން އޮތް ކަމެކެވެ. އެހެންކަމުން ސެކްރެޓަރީ ޖެނެރަލުން އައްޔަންކޮށްގެން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ކުރިއަށް ގެންދެވިދާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

"އެއީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް، ލާމަރުކަޒީ ގާނޫނުގެ 126 ވަނަ މާއްދާގެ ށ. ގައި ބަޔާން ކުރެވިފައި އެބަ އޮތް. އެހެންވީމާ އަޅުގަނޑަށް ފެންނަ ގޮތުގައި އެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުުމަތްތައް ހަމަ ރަނގަަޅަށް ސެކްރެޓަަރީ ޖެނެރަލްގެ ޒިންމާގެ ތެރޭގައި ހިމެނިގެން އެބަ ދޭ،" އޭނާ ވިދާޅުވި އެވެ.

އޭނާގެ ވާހަކައަށް ތާއީދު ކުރައްވަމުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ ދައުލަަތުގެ އިދާރާތައް ހިންގުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ ގާނޫނުއަސާސީގެ އެތައް މާއްދާއަކުން ރައީސަށް ލިބިދީފައިވާ ބާރެއް ކަމަށެވެ. އެހެންވެ މި ހާލަތުގައި ކައުންސިލްތައް ހިންގާނެ ފަރާތްތަކެއް ރަައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަނޑައެޅުއްވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާއަށް އެބަ ލިބޭ އިހުތިޔާރު. އަަޅުގަނޑު ދެކޭ ގޮތުގައި މި ހާއްސަ، ހައްސާސީ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ނުވަތަ އަޅުގަނޑުމެން މި ދަންނަވާ، މިހާރު ފާސްކޮށްފައި އޮތް ކައުންސިލްތަކުގެ ގާނޫނުގައި އެ އޮތް ސެކްރެޓަރީ ޖެނެރަލާ ކައުންސިލް އިދާރާތައްް ހަވާލުކުރަން،" ރިޒާ ވިދާޅުވި އެވެ.

ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވި ގޮތުގައި މިހާރު ތިއްބެވި ކައުންސިލަރުންނަށް އިތުރު މުއްދަތެއް ދޭން ގާނޫނުއަސާސީއަށް ބަދަލެއް ގެނައުން ބޭނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު އޮތް ހާލަތުގައި މެމްބަރުންގެ ދައުރު ނިމުމުން، އިންތިހާބު ބޭއްވެންދެން ހޭދަވާ މުއްދަތަށް ހޯދަން ޖެހޭނީ އެހެން ގޮތެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކައުންސިލްތައް ހިންގާނެ ބަޔަކު ރައީސް ކަނޑައެޅުއްވުން ރަނގަޅު ނޫން ކަަަމަށެވެ. އޭގެ ބަދަލުގައި ކައުންސިލްތައް ހިންގުން ޒިންމާދާރު ވެރިޔާއާ ހަވާލުކުރުން ނުވަތަ ސިވިލް ސާވިސް ކޮމިޝަނުން ކައުންސިލްތައް ހިންގާނެ ފަރާތްތަކެއް ކަނޑައެޅިދާނެ ވިދާޅުވި އެވެ.

ކައުންސިލަރުންގެ ދައުރު ހަމަވުމުން ކައުންސިލްތައް ހިންގާނެ ބަޔަކު ހަމަޖައްސަން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވީ އެހެން މެމްބަރުންނާ ތަފާތު ގޮތެކެވެ. އޭނާ ވިދާޅުވީ ސެކްރެޓަރީ ޖެނެރަލެއް ކަނޑައަޅަން މިހާރު ތިބި ކައުންސިލަރުންނާ ހަވާލު ނުކުރެވޭނެ ކަމަށެވެ.

އެހެން ވިދާޅުވުމަށް ފަހު އޭނާ ހުށައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން، މިހާރު ކައުންސިލްތަކުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ކޮންމެވެސް މީހަކާ ކައުންސިލް ހިންގުން، ވަގުތީ ގޮތުން ހަވާލުކުރުމަށެވެ.

ކުރިން ހަމަޖައްސާފައި އޮތީ މިދިއަ ހޮނިހިރުދުވަހު، އެޕްރީލް 4 ގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާށެވެ. އެކަމަކު ކޮރޯނާވައިރަސްގެ ނުރައްކާ ރާއްޖެއަށް އޮތް ބޮޑުވަމުން އައި ދަނޑިވަޅު، މި މަހު 18 އަށް ފަސްކުރި އެވެ. މިހާރު އޮތީ އަންނަ އަހަރުގެ ޖެނުއަރީ 6 ގެ ކުރިން ބާއްވަން ހުށައަޅައިފަ އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ކައުންސިލްތަކުގެ އިންތިހާބު، ކައުންސިލަރުންގެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން ބާއްވަން ޖެހެ އެވެ. މިހާރު އޮތް ކައުންސިލްތަކުގެ މުއްދަތު ހަމަވާނީ ޖޫން މަހަށެވެ.