Roadha Mihaaru
މަޖިލީހުގެ ޖަލްސާއެއް މިރޭ ވެސް ބާއްވަނީ

މަޖިލީހުގެ ޖަލްްސާއެއް މިރޭ ވެސް ބާއްވަނީ

27 މެއި 2020

ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އަށް ބަހުސް ކުރުމަށް މިރޭ ވެސް ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އަށް ބަހުސް ކުރުމަށް މިރޭ ވެސް ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން އެމަނިކުފާނު އިއުލާނު ކުރެއްވީ މިރޭ 9:00 ގައި ޖަލްސާއެއް އޮންނާނެ ކަމަށެވެ. ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުންކުރި ފަހުން ވާޗުއަލްކޮށް ޖަލްސާތައް ބާއްވަމުން އައިސް، އިއްޔެއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބާއްވަން ފެށީ ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް ނިންމުމަށެވެ.

މިދިޔަ މަހު ބާއްވަން އޮތް ކައުންސިލް އިންތިހާބު ނުބޭއްވުނީ ކޮވިޑް ފެތުރޭތީ ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކު އެއްވެ އުޅުން މަނާވުމުންނެވެ. އެ އިންތިހާބު ނުބޭއްވި އޮތް އިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިނެއްގައި ނިމޭނެ އެވެ. އެކަމަށް ހައްލެއް ހޯދަން ސަރުކާރުން ހުށަހެޅި ސަަންސެޓް ގާނޫނެއް މިހާރު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު ކައުންސިލަރުންގެ ދައުރަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަ މުއްދަަކަށް ވާތީ އެ މުއްދަތަށް ބަދަލު ގެންނަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެެ.

މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވާ އިރު މައިގަނޑު ދެ މަސައްކަތެއް އެބައޮތެވެ. އެއީ ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ހުށަހަޅާފައި އޮތް ހުށަހެޅުމާއި އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ހުށަހެޅުއްވި ގަރާރުގެ މަސަައްކަތެވެ.

ކައުންސިލަރުންގެ ދައުރު ދަަންމައިލުމަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ފާސްކުރި އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ތެރެއިން 13 މެމްބަރަކު އެ ގޮތަށް ފާސްކުރާކަށް ވޯޓެއް ނުދެއްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީން، ގާނޫނުއަސާސީ އިސްލާހުކުރަން ފެންނަ ކަމަށް ލިބުނީ 42 މެމްބަރުންގެ ވޯޓެވެ. އެ ހުށަހެޅުމާ ދެކޮޅަށް ނުވަ މެމްބަރަކު ވޯޓް ދެއްވި އިރު، ހަތަރު މެމްބަރަކު ތިއްބެވީ ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.

ގާނޫނުއަސާސީ އަށް އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ބޭނުންވާނެ އެވެ. އެެމްޑީޕީގެ 65 މެމްބަރުން ތިއްބެވިޔަސް، އޭގެ ތެރެއިން 13 މެމްބަރުން ވޯޓު ނުދެއްވައިފި ނަމަ ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ އެހެން ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ވޯޓާ އެކުގަ އެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމުގެ ގަރާރެއް ޣަފޫރު ހުށަހެޅުއްވީ މިހެންވެ ކަމަށް ބެލެވެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ޚިޔާލުފާޅުކުރެއްވީ އެގޮތަށެވެ.