Roadha Mihaaru
ފޮނި ބުއިންތަކުގެ އަގު ބޮޑުކުރަންޖެހޭ: ޑަބްލިޔުއެޗްއޯ

ހަކުރު އެޅި ބުއިންތަކުގެ އަގު ބޮޑުކުރަން ސިއްހަތު ޖަމިއްޔާ އިން ގޮވާލައިފި

12 އޮކްޓޯބަރ 2016

ފަލަ ބައްޔާއި ހަކުރު ބަލި އަދި ދަތްފަނިކެއުމުގެ މައްސަލަ ބޮޑުވަމުން އަންނާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ހަކުރު އެޅި ބުއިންތަކުން ޓެކްސް ބޮޑުކޮށް އެފަދަ ބުއިންތަކުގެ އަގު ބޮޑުކުރަންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

ވޯލްޑް އޮބެސިޓީ ޑޭއާ ގުޅުވައިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކަށީގެންވާ ވަރަށް ވުރެ ފަލަ ނުވަތަ އޮބީސް މީހުންގެ އަދަދު މުޅި ދުނިޔޭގައި ވަނީ 1980 އާއި 2014 އާ ދެމެދު ދެ ގުނަ އަށް އިތުރުވެފައި ކަމަށެވެ. އަދި ދުނިޔޭގެ އާބާދީގެ 40 ޕަސެންޓް މީހުންނަކީ އެކަށީގެންވާ ވަރަށް ވުރެ ބަރު ނުވަތަ ފަލަ މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.

"ހަކުރު އެޅި އާންމު ބުއިންތައް ކަމަށްވާ ސޮޑާ އާއި ސްޕޯޓްސް ޑްރިންކްތަކުން ޓެކްސް އިތުރުކުރުމާ އެކު ތަރުކާރީ އާއި މޭވާގެ އަގު ހެޔޮކުރަންޖެހެ އެވެ." ޑަބްލިޔުއެޗްއޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ޑަބްލިޔުއެޗްއޯގެ ނޮން-ކޮމިއުނިކަބްލް ޑިޒީޒަސްގެ ވެރިޔާ ޑރ. ޑަގްލަސް ބެޗާ ވިދާޅުވެފައި ވަނީ މީހުން މާބޮޑަށް ފަލަވުމަށް މެދުވެރިވާ މައިގަނޑު ސަބަބެއް ކަމަށް މިހާރު ވެފައި ވަނީ ހަކުރު އެޅި ބުއިންތައް ކަމަށެވެ.

"މިފަދަ ބުއިންތަކުން ޓެކްސް ބޮޑުކުރުމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމެއް،" އޭނާ ވިދާޅުވެފައިވެ އެވެ.

ހަކުރު އެޅި ބުއިންތައް އެންމެ ގިނައިން ބޭނުންކުރާ ގައުމެއްގެ ގޮތުގައި ކުރިން އޮތީ އެމެރިކާ އެވެ. ނަމަވެސް މިހާރު ޗިލީ އާއި މެކްސިކޯ އުޅެނީ އެމެރިކާ އަށް ވުރެ ކުރީގަ އެވެ.