Roadha Mihaaru

ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދޭން ގިނަ މެމްބަރުން އިއްތިފާގުވޭ: ނިހާން

ޕްރައިމަރީއަކާ ނުލައި ދެ ވަނަ ދައުރަކަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން އިއްތިފާގުވާ ކަމަށް އެ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ޓިކެޓް ރައީސަށް ދޭން ގިނަ މެންބަރުން ތާއީދު
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

12 އޮކްޓޯބަރ 2016

ޕްރައިމަރީއަކާ ނުލައި ދެ ވަނަ ދައުރަކަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން އިއްތިފާގުވާ ކަމަށް އެ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނާ އެކު ޕީޖީ ގްރޫޕުގެ ބައްދަލުވުމަށް ފަހު މުލިއާގޭ ކައިރީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ނިހާން ވިދާޅުވީ ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ޓިކެޓް ދިނުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ޕީޖީ ގްރޫޕުގެ ގިނަ މެމްބަރުން ވެސް ގެންގުޅުއްވަނީ، އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި، އެ ވިސްނުން ކަމަށް ނިހާން ވިދާޅުވި އެވެ.

"ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ރައީސް ޔާމީނަށް އެއްވެސް ހުރަހަކާ ނުލައި ލިބެން ޖެހޭ ކަމަށް ގަބޫލުކުރަން. ދެން އެކަން ގަބޫލު ނުކުރައްވާ މެމްބަރަކު ވަޑައިގެން ވިދާޅުވެ ދެއްވާ ގަބޫލުނުކުރައްވާ ސަބަބެއް،" ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން މުލިއާގެއިން ނިކުމެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް ޔާމީނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން މުލިއާގެއިން ނިކުމެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވާފައިވާއިރު ޕްރައިމަރީއެއް އޮންނާނެތޯ ނޫސްވެރިއަކު އެހުމުން ސީދާ ޖަވާބު ނުދެއްވައި ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައި އެ މަނިކުފާނު ނަތީޖާ ނެރެދެއްވާފައިވާ ކަމަށެވެ. އެހެންވެ ޕްރައިމަރީއެއް ބޭއްވުން މުހިއްމު ނޫން ކަމަށް ޕީޖީ މެމްބަރުން ގަބޫލުކުރައްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދެއްކެވި އެވެ.

މުލިއާގޭ ބޭރުގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ މެމްބަރުންތަކެއް. --ފޮޓޯ: މުހައްމަދު ޝަރުހާން

މުލިއާގޭ ބޭރުގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ މެމްބަރުންތަކެއް. --ފޮޓޯ: މުހައްމަދު ޝަރުހާން

އަދި ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައި ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދެއްވާފައިވާ އިރު، ދެ ވަނަ ދައުރަކަށް ފުރުސަތު ނުދޭން އެހެން މީހަކު އުޅެން ޖެހޭ ސަބަބެއް ޕާލަމެންޓްރީ ގްރޫޕަށް ނުވިސްނޭ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އެފަދަ ހާލަތެއް އޮތް ނަމަ އެގޮތް ގޮތަކަށް އަޅުގަނޑުމެން ވެސް ބެލީމުސް،" ނިހާން ވިދާޅުވި އެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ޖެހޭ ކަމަށް ނިހާން މިއަދު ވެސް ވިދާޅުވިއިރު ރައީސް ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމް ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ "ހުޅުގަނޑު ފަޅައިގެން" ގޮސް ޕާޓީ ދެ ފަޅިވީ، ޕްރައިމަރީ ނުބާއްވައި ރައީސް ޔާމީނަށް ޓިކެޓް ދޭން ކައުންސިލުން ފާސްކޮށްދޭން އެދި މެމްބަރުން ލައްވައި ސޮއި ކުރައްވަން ފެށި ހިސާބުންނެވެ. އެ ގަރާރުގައި ޕީޕީއެމް ކައުންސިލްގެ ގިނަ މެމްބަރުން ސޮއިކުރައްވާފައިވީ ނަމަވެސް އެއީ ކަންކުރެވިގެން ވާނެ އުސޫލެއް ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕާޓީގެ ހުރިހާ ކަމެއް ވެސް ކުރިއަށް ދާނީ އޮންނަ އުސޫލްތަކުގެ ތެރެއިން އަސާސީ ގަވާއިދާ އެއްގޮތަށެވެ.

ޕީޕީއެމުގެ އިސްލާހީ އެޖެންޑާއެއް މައުމޫން އިއުލާން ކުރައްވާފައިވާއިރު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ މުއްދަތު ވެސް މައުމޫން އޭގައި ހިމަނުއްވާފައިވެ އެވެ.