Roadha Mihaaru

ޕީޕީއެމް ހަލާކުވީ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވި ދުވަހު: އުމަރު

ޕީޕީއެމް ހަލާކުވީ، 2013 ވަނަ އަހަރު އެ ޕާޓީގެ ފަރާތުން ރާއްޖޭގެ ވެރިކަމަށް ވާދަކުރާނެ މީހަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވޯޓު އޮޅުވާލި ހިސާބުން ފެށިގެން ކަމަށާއި މިއަދު މި ފެންނަނީ އޭގެ ނަތީޖާ ކަމަށް ޕްރައިމަރީގައި، ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"ޕީޕީއެމް ހަލާކުވީ ރިޔާސީ ޕްރައިމަރީ ބޭއްވި ދުވަހު"
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

28 އޮކްޓޯބަރ 2017

ޕީޕީއެމް ހަލާކުވީ، 2013 ވަނަ އަހަރު އެ ޕާޓީގެ ފަރާތުން ރާއްޖޭގެ ވެރިކަމަށް ވާދަކުރާނެ މީހަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވޯޓު އޮޅުވާލި ހިސާބުން ފެށިގެން ކަމަށާއި މިއަދު މި ފެންނަނީ އޭގެ ނަތީޖާ ކަމަށް ޕްރައިމަރީގައި، ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް ހަ އަހަރު ފުރޭ މުނާސަބާއާ ގުޅުވައިގެން އާއްމު ކުރެއްވި ބަޔާނެއްގައި އުމަރު ވިދާޅުވީ އެ ޕާޓީ އުފެއްދި މަގްސަދާއި ގަބޫލުކުރި ހަމަތައް ދޫކޮށް ޕާޓީ މާ ދުރަށް ގޮސްފައިވީ ނަމަވެސް އެކަމާ ހައިރާންވެ ވަޑައިނުގަންނަވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ، ރިޔާސީ ޕްރައިމަރީ ބޭއްވި ދުވަހު، ޕީޕީއެމްގެ ދަފުތަރުގައި ނުހިމެނޭ 8،000 އަށް ވުރެ ގިނަ މީހުންގެ ނަން، ޕާޓީގެ ވޯޓާސް ލިސްޓުގައި ހިމަނައި، އެ މީހުންގެ ނަމުގައި ފޮށިތަކަށް ވޯޓު އެޅުމެވެ.

އުމަރު ވިދާޅުވި ގޮތުގައި ޕީޕީއެމް ނުބައި މަގަށް ދަތުރުފެށީ އެ ދުވަހު އެވެ.

"މި ޕާޓީ ހަލާކުވި ދުވަހަކީ އެއީ. މިއަދު މި ފެންނަނީ އެ ދުވަހުގެ އަމަލުގެ ނަތީޖާ،" ޕްރައިމަރީގެ މައްސަލަގަނޑުގެ ތެރޭގައި، އެ ޕާޓީން ވަކިކޮށްފައިވާ އުމަރު ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ:

ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ:

އޭނާ ވިދާޅުވީ ޕާޓީ ހަލާކުވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށާއި އެކަމަކު ބަދަލުގައި މަލާމާތާއި ފުރައްސާރަ ނޫން އެއްޗެއް ލިބިވަޑައިނުގަތް ކަމަށެވެ. އަދި އެންމެ ފަހުން ނިމިގެން ދިޔައީ އޭނާ ޕާޓީން ވަކިކޮށްގެން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މިއަދު ޕީޕީއެމުން މެމްބަރުން ވަކި ކުރާ ގޮތާއި ކޯޓުތަކުން ޕާޓީގެ މައްސަލަތައް ނިންމަމުން ގެންދާ ގޮތަކީ، އެ ދުވަހު އޭނާ ތަޖުރިބާ ކުރެއްވި ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމައަށް އެރިޔަސް އޮންނާނީ ކައްޗަށް ކަމަށް ބުނާ ބުނުމުން މިއަދު ތެދުވެއްޖެ އެވެ." އުމަރުގެ ބަޔާނުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީ އާއި ފަހުން އެ ޕާޓީ ދެބައިވެ އުފެދުނު "ޒެޑް ޑީއާރުޕީ"ގެ ތެރޭން ޕީޕީއެމް އުފެދުމާ ހަމައަށް ކުރީ އުނދަގޫ އަދި އެތައް ބައެއްގެ ގުރުބާނީ ހިމެނިފައިވާ ދަތުރެއް ކަމަށެވެ. އަދި ޕީޕީއެމް އުފެއްދި މަގްސަދާއި ގަބޫލުކުރި ހަމަތައް ދޫކޮށް ޕާޓީ މާދުރަށް ގޮސްފައި ވިޔަސް އަދި ޕީޕީއެމްގެ އެތެރޭގެ ކަންކަން ހިންގާފައިވަނީ އެންމެ ރަނގަޅަށް ނޫނަސް، ހިތުގައި އެއްވެސް ބުރަކަމެއް އަދި ރުޅިވެރިކަމެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވެފައިވާ ޕާޓީތަކަކަށް ވުމާއި ލީޑަރުންގެ ކަލްޓްއަކަށް ބަދަލުވެގެން ނުދާ ސިޔާސީ އިދާރާތަކެއްގެ ގޮތުގައި ޕާޓީތައް އޮތުމެވެ." ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އުމަރު ވިދާޅުވެފައި ވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު މިއަދު ވަނީ 2018އިގެ އިންތިހާބުގައި އޭނާގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލުމަށް، ތައްޔާރު ކުރައްވަމުން ގެންދާ ބައެއް ނޯޓުތައް އާއްމު ކުރައްވާފަ އެވެ.