Roadha Mihaaru
"މިއީ ފައްޔާޒާ ދެކޮޅަށް ވޯޓު ނަގަންވީ ވަގުތެއް ނޫން"

ފައްޔާޒުގެ ވޯޓު ނެގުމަކީ މިވަގުތު އިގުތިސާދަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން: ޓްރޭޑް ޔުނިއަން

12 އޯގަސްޓް 2020

ރާއްޖެ އަށް ކޮވިޑް ފެތުރިފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް މޯލްޑިވްސް ޓްރޭޑް ޔުނިއަން އިން މިރޭ ބުނެފި އެވެ.

ރާއްޖެ އަށް ކޮވިޑް ފެތުރިފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް މޯލްޑިވްސް ޓްރޭޑް ޔުނިއަން އިން މިރޭ ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ފައްޓާފައިވާ މަސައްކަތްޕުޅާ ދެކޮޅަށް ކުރި ޓުވީޓުތަކެއްގައި ޓްރޭޑް ޔުނިއަނުން ބުނީ، މި ނާޒުކު ވަގުތު އެކަން ކުރުމަކީ ރާއްޖޭގެ އިގުތިސާދަށް އެންމެ ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ.

އެ ޔުނިއަނުން ބުނިގޮތުގައި، އިގުތިސާދީ ގޮތުން މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން މިހާރު ކުރާ މަސައްކަތްތައް ވަޅުޖެހިޔަ ނުދިނުމަކީ އެ ޖަމާއަތުގެ އިލްތިމާސެކެވެ.

"އަދި މި މަސައްކަތް ކާމިޔާބު ކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތަކަށް މި ޔުނިއަންގެ ފުރިހަމަ ތާއީދު އޮތް ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން،" ޓްރޭޑް ޔުނިއަންގެ ޓުވީޓުގައި ވެ އެވެ.

ޓްރޭޑް ޔުނިއަންގެ ޓުވީޓު

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މެމްބަރުންގެ ސޮއި ހޯއްދެވުމުގައި އިސްކޮށް ހުންނެވީ ނަޝީދެވެ. މިހާތަނަށް ވިއްސަށް ވުރެ ގިނަ މެމްބަރުން ސޮއި ކުރައްވާފައިވާއިރު، ސޮއި ހޯއްދެއްވުމުގައި އަމަލީ ގޮތުން އުޅުއްވަނީ އެ މަނިކުފާނެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި އެންމެ ފުރަތަމަ ވެސް ސޮއިކުރެއްވީ ނަޝީދެވެ. އެކަމަކު، ފައްޔާޒާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުންގެ ސޮއި ހޯއްދަވަން ނަޝީދު އެހެން މެމްބަރުންގެ އަރިހަށް ވަޑައިގެން "އާދޭސް" ދަންނަވަން ފެށީ އެ ކަން ފުރަތަމަ ހަވާލުކުރި، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް މެމްބަރަށް އެއްބާލުން ނުދެއްވުމުން ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި އެވެ.

ފައްޔާޒާ ދެކޮޅަށް ނަޝީދު ކުރައްވާ މަސައްކަތްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު ވަނީ ފާޅުގައި ނުކުމެ އަޑު އުފުލަން ފައްޓަވައިފަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ 87 މެމްބަރުން ހިމެނޭ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ.