Roadha Mihaaru
ކޮވިޑް-19: ބްރޯޑްކާސްޓަރުންގެ ހާލަތު ބަލައި އެހީވަނީ

ކޮވިޑް-19: ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންގެ ހާލަތު ބަލައި އެހީވަނީ

14 އެޕްރީލް 2020

ކޮރޯނާވައިރަސްއާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުގައި ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ދެނެގަތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮރޯނާވައިރަސްއާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުގައި ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ދެނެގަތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ

އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަަކުގެ ސަބަބުން، ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ މާލީ ނުތަނަވަސް ކަމަށް ހައްލެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންގެ މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި ބްރޯޑްކޮމުން ތައްޔާރު ކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށް އެދިފައި ވެ އެވެ.

އެ ފޯމު ފުރިހަމަ ކުރުމަށް ފަހު ބްރޯޑްކޮމް އަށް އެ ފޮނުވަންޖެހޭ އެންމެ ފަހު ތާރީޚަކީ މި މަހުގެ 21 އެވެ. ފޯމު ހުށަހަޅަން ޖެހެނީ ބްރޯޑްކޮމްގެ އީމެއިލް [email protected] މެދުވެރިކޮށެވެ.

ބްރޯޑްކޮމަށް ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ އިންވެސްޓްމަންޓުގެ އަގާއި މި އަހަރަށް ލަފާކުރާ ފައިދާ އާއި ގެއްލުމުގެ އަދަދާއި މުވައްޒަފުންގެ އަދަދާއި އެ މީހުންގެ އެވްރެޖު މުސާރަ އާއި ޖުމްލަ މުސާރަ އާއި ރިކަރަންޓް ޚަރަދާއި ލޯނެއް ނަގާފައިވާ ނަމަ އެ ލޯނެއްގެ އަދަދެވެ. އަދި ކޮރޯނާވައިރަސް އާ ގުޅިގެން އެއްވެސް ކަހަލަ މާލީ ގެއްލުމެއް ވެފައިވާ ނަމަ އަދި ގެއްލުމެއް ވާ ނަމަ އޭގެ ތަފްސީލާއި ހާލަތުން އަރައިގަތުމަށް އެ ބްރޯޑްކާސްޓަރަކަށް ފެންނަ ކަންކަމާއި ބޭނުންވާ އެހީތެރިކަމުގެ މައުލޫމާތު ވެސް ދިނުމަށް ބްރޯޑްކޮމުން އެދިފައި ވެ އެވެ.