Roadha Mihaaru
ބޭރަށް ފޮނުވި ގިނަ ކެއާ ޕެކޭޖްތައް ހަވާލުކޮށްފި

ބޭރަށް ފޮނުވި ގިނަ ކެއާ ޕެކޭޗްތައް ހަވާލުކޮށްފި

15 އެޕްރީލް 2020

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާއިލާތަކުން ފޮނުވި ކެއާ ޕެކޭޖްތަކުގެ ބޮޑުބައި މިހާރު އެ މީހުންނާ ހަވާލުކޮށް ނިމިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާއިލާތަކުން ފޮނުވި ކެއާ ޕެކޭޖްތަކުގެ ބޮޑުބައި މިހާރު އެ މީހުންނާ ހަވާލުކޮށް ނިމިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެއިން މިހާތަނަށް ކެއާ ޕެކޭޖްތައް ފޮނުވާފައި ވަނީ އިންޑިއާ، ލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށެވެ. މި ތިން ގައުމަކީ ވެސް މި ވަގުތު ލޮކްޑައުންގައި އޮތް ތިން ގައުމެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާ އަށް ފޮނުވި 622 ޕެކޭޖްގެ ތެރެއިން 560 އަށްވުރެ ގިނަ ޕެކޭޖް އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހަވާލުނުކުރެވި ބާކީ ހުރީ ޕެކެޖްތައް ފޮނުވި ފަހުން ފުރައިގެން މާލެ އައިސްފައިވާ އާއިލާތަކާއި ހައި ކޮމިޝަނުން ގުޅަން މަސައްކަތްކޮށް ނުގުޅުނު އާއިލާތަކުގެ ޕެކޭޖްތައް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވި 79 ޕެޖޭކްގެ ތެރެއިން މިއަދާ ހަމައަަށް ހަވާލުނުކުރެވި ހުރީ ދެ ޕެކޭޖް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އޭގެ އިތުރަށް ހަމަ އެ ފްލައިޓުގައި ކޮޗިން އަށް ފޮނުވާފައިވާ 65 ކެއާ ޕެކޭޖު ވެސް މިހާރު ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދިރުއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި 452 ކެއާޕެކޭޖްތަކުގެ ތެރެއިން 250 ޕެކޭޖް އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށާއި ބާކީ ހުރި 202 ޕެކޭޖް ހަވާލުކުރުމުގެ މަސައްކަތް ހައި ކޮމިޝަނުން ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ މި ތިން ގައުމަކީ ވެސް މި ވަގުތު ލޮކްޑައުންގައި އޮތް ތިން ގައުމުކަމުން ތަކެތި ހަވާލުކުރުމުގައި ހީކުރި ވަރަށް ވުރެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ލަންކާގައި އެކި ސަރަހައްދުތަކުގެ ޗެކްޕޯސްޓުތަކުން ހުރިހާ ތަކެތި ޗެކް ކުރުމާއި އިންޑިއާގެ ކޮޗިން އަށް ތަކެތި ގެންދިއމަށް ހާއްސަ ހުއްދައެއް ނަގަން ވެސް ޖެހުނު ކަމަށެވެ. އަދި މެލޭޝިއާގައި ތަކެތި ޑެލިވާކުރެވެނީ ހެނދުނު 8:00 އާއި ރޭގަނޑު 8:00 ދެމެދު އެކަނި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މޯލްޑިވިއަން އިން ލަންކާ އަށް ބޭއްވި ކާގޯ ދަތުރުގައި، ސްރީ ލަންކާގައި ތިބި ދިވެހި އާއިލާތަކަށް ތަކެތި ފޮނުވަން ދިގު ކިޔޫއެއް ހަދައިފައި --- ޕޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މޯލްޑިވިއަން އިން ލަންކާ އަށް ބޭއްވި ކާގޯ ދަތުރުގައި، ސްރީ ލަންކާގައި ތިބި ދިވެހި އާއިލާތަކަށް ތަކެތި ފޮނުވަން ދިގު ކިޔޫއެއް ހަދައިފައި --- ޕޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވީ އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ހައި ކޮމިޝަންތައް މެދުވެރިކޮށް ހުރިހާ ދިވެހިންގެ ހާލަތު ބަލައި ރާއްޖެ ގެންނަން ޖެހޭ ހާލަތުގައި ތިބި މީހުން ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެހެންނަމަވެސް ގިނަަ ގައުމުތައް މިހާރު އޮތީ ލޮކްޑައުން ހާލަތަށް އައިސް ދަތުރުފަތުރުކުރުން ހުއްޓުވާފައި ކަމަށް ވާތީ މިކަމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.