Roadha Mihaaru
މޯލްޑިވިއަނުން ރެސްކިއު ޓިކެޓްގެ އަގު ހެޔޮކޮށްދީފި

ކޮވިޑް-19: މޯލްޑިވިއަނުން ރެސްކިއު ފްލައިޓްތަކުގެ ޓިކެޓް އަގު ހެޔޮކޮށްދީފި

07 އެޕްރީލް 2020

ކޮވިޑް-19އާ ގުޅިގެން އައިސްފައި މިވާ ހާލަތުގައި، ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ނާދެވި ތިބި ދިވެހިން ގެންނަން ގައުމީ އެއާލައިން މޯލްޑިވިއަންއިން ބާއްވަމުންދާ ރެސްކިއު ފްލައިޓްތަކުގެ ޓިކެޓް އަގު ހެޔޮކޮށްދީފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19އާ ގުޅިގެން އައިސްފައި މިވާ ހާލަތުގައި، ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ނާދެވި ތިބި ދިވެހިން ގެންނަން ގައުމީ އެއާލައިން މޯލްޑިވިއަންއިން ބާއްވަމުންދާ ރެސްކިއު ފްލައިޓްތަކުގެ ޓިކެޓް އަގު ހެޔޮކޮށްދީފި އެވެ.

ކޮވިޑް-19އާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން ބާއްވާ ފްލައިޓުތަކުގެ އަގުގެ ޝަކުވާ ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އެހެންވެ އަގުތައް ކުޑަ ކުރުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މަޝްވަރާތަކަށް ފަހު އަގުތަކަށް ގެނައި ބަދަލު ވެސް ވަނީ ހާމަކުރައްވައިފަ އެވެ.

އެގޮތުން މޯލްޑިވިއަންއިން ކުރިއަށް އޮތް ތަނުގައި ކުރާ ދަތުރުތަކަށް އެއްކޮޅަށް ހަމަޖައްސާފައިވާ އަގުތަކަކީ:

ސްރީލަންކާ، ކޮލަމްބޯ - 220 ޑޮލަރު (3،388 ރުފިޔާ) އިންޑިއާ، ކޮޗިން - 149 ޑޮލަރު (2،295 ރުފިޔާ) އިންޑިއާ، ޓްރިވިންޑްރަމް - 199 ޑޮލަރު (3،065 ރުފިޔާ) މެލޭޝިއާ، ކުއާލަލަމްޕޫރު - 330 ޑޮލަރު ( 5،082 ރުފިޔާ)

މޯލްޑިވިއަންއިން މިހާތަނަށް ރެސްކިއު ފްލައިޓުތައް ބާއްވާފައިވާ އަގުތަކަށް ބަލާއިރު، ލަންކާއިން ދަތުރުކޮށްފައި ވަނީ 300 ޑޮލަރަށެވެ. އިންޑިއާގެ ކޮޗިންއިން ދަތުރުކުރީ 260 ޑޮލަރަށެވެ. އަދި މެލޭޝިއާއިން ކޮށްފައިވަނީ 330 ޑޮލަރަށެވެ. އަގުތަކަށް ބަދަލު ގެނައި އިރު ވެސް މެލޭޝިއާއިން ކުރާ ދަތުރުތަކުގެ އަގަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

މޯލްޑިވިއަންއިން ކުރަމުން އަންނަ ދަތުރުތަކާ ގުޅިގެން އާންމުންގެ ޝަކުވާތައް އިތުރުވެފައިވާއިރު، މި ދަތުރުތައް ކުރަނީ އެއްވެސް ފައިދާއަކާ ނުލާ ކަމަށް މޯލްޑިވިއަން އިން މީގެ ކުރިން ވެސް ބުނެފައިވެ އެވެ.

މޯލްޑިވިއަން އިން މިހާރުކޮށްފައިވާ ރެސްކިއު ދަތުރުތަކަށް ބަލާއިރު، ލަންކާއިން ވަނީ، 100 މީހުން ގެނެސްފަ އެވެ. އަދި ކޮޗިން އިން ގެނެސްފައިވަނީ 183 މީހުންނެވެ. އަދި މެލޭޝިއާއިން ކުރާ ފުރަތަމަ ދަތުރުގައި މިރޭ ފަތިހު 200 މީހުން ގެންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި މެލޭޝިއާގައި ތިބި ދިވެހިން ބަލާ ދިޔަ ދަތުރުގައި ރާއްޖޭގައި ތިބި އެ ގައުމުގެ 30 މީހުން ގެންގޮސްދީފައިވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އަދިވެސް އެ މަންޒިލްތަކަށް އިތުރު ފްލައިޓުތައް ބާއްވަން މަސައްކަތް ކުރަމުންދާއިރު ދެން އެންމެ އަވަހަށް ދަތުރެއް ބާއްވާނީ އިންޑިއާގެ ޓްރިވެންޑަރަމަށެވެ. އެ ދަތުރު ބާއްވަން ހަމަޖައްސާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.