16 އެޕްރީލް 2020
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވެ އެންމެ ސީރިއަސްވި ކޭސްތަކުގައި ޑޮކްޓަރުންގެ ޓީމާ އެކު ފަރުވާގައި އަމަލީ ގޮތުން އުޅުނު އައިޖީއެމްއެޗުގެ ނަރުހުން ފުރިހަމަކުރަންޖެހޭ ކަރަންޓީނަށް ފަހު އެނބުރި އަނެއްކާވެސް މަސައްކަތަށް ނުކުމެއްޖެ އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވެ އެންމެ ސީރިއަސްވި ކޭސްތަކުގައި ޑޮކްޓަރުންގެ ޓީމާ އެކު ފަރުވާގައި އަމަލީ ގޮތުން އުޅުނު އައިޖީއެމްއެޗުގެ ނަރުހުން ފުރިހަމަކުރަންޖެހޭ ކަރަންޓީނަށް ފަހު އެނބުރި އަނެއްކާވެސް މަސައްކަތަށް ނުކުމެއްޖެ އެވެ.
އެ ނަރުހުންގެ ތެރޭގައި، އެންމެ ހާލުބޮޑުވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރި އިޓަލީގެ ދެމަފިރިންގެ ފަރުވާގެ ކަންކަމުގައި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އަޅާލައި އެހީތެރިވި ނަރުހުން ހިމެނެ އެވެ. ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ)ގައި ބަލިމީހުންނާ އެންމެ ގާތުގައި ހަމައެކަނި ފަރުވާއަށް ހުސްވެ، ތަކުލީފުގައި އެތައް ގަޑިއިރަކު ނަރުހުން ހޭދަކުރަން ޖެހެ އެވެ.
އަމިއްލަ ފުރާނަ ނުރައްކަލަކަށް ހުށަހަޅައި އެހެން އެންމެންނަށްޓަކައި ވަރުބަލިކަމެއް ނެތި ދައްކަނީ އާދަޔާޚިލާފު ހިތްވަރެކެވެ. ދަރުމަވަންތަ ހޮސްޕިޓަލާއި ފަރުކޮޅުގައި ފަރުވާދިން ބަލި މީހުން ދޫކޮށްލުމުން ކަރަންޓީންވި ނުވަ ނަރުހަކު އެނބުރި ޑިއުޓީ އަށް ނުކުތީ މި ހަފުތާގަ އެވެ.
އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެނީ: ވަރަށް ގިނަ އަަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ އައިޖީއެމްއެޗުގައި ތަމްރީން ކުރަންފަށާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެންމެ ކުރީ ސަފުގައި ތިބި މި ޚިދުމަތްތެރިން، ކޮވިޑް-19 ފަރުވާ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިޖީއެމްއެޗުގެ ޑރ. މުހައްމަދު އަލީ ސިފަކުރެއްވީ "އަސްލު ހީރޯ" އިންގެ ގޮތުގަ އެވެ. އެ މީހުން އެނބުރި މަސައްކަތަށް ނުކުތީ ބައްޔަށް ޓެސްޓްކޮށް، ވައިރަހުގެ އެއްވެސް އަސަރެއް ނެތްކަން ޔަގީންކޮށްފައި ކަމަށް އޭނާ "މިހާރު" އަށް ވިދާޅުވި އެވެ.
The real heroes!! Nurses who cared for the sick #COVID19 cases. Who completed their necessary steps and joined. Thank you nurses and other health workers for standing firmly and did the impossible. May Allah grant our wish to #FlattenTheCurve & prevent from a bigger wave. pic.twitter.com/rSQTWupJoV
— Dr. Mohamed Ali (@Moxamedalu) April 14, 2020
ނަރުހުންގެ ދައުރު ފާހަގަކޮށް، ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓް.
މުހައްމަދު އަލީގެ އިތުރުން ފަރުވާ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މޫސާ ހަސަން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ މި އުނދަގޫ ވަގުތުގައި ނަރުހުން ދައްކަމުން އަންނަ ނަމޫނާ އަށް ތައުރީފްކުރައްވައިފަ އެވެ.
"ނަރުހުން ވަރަށް ހިތްވަރުގަދަ. އަޅުގަނޑު ވަރަށް ތައުރީފްކުރަން ބޭނުން އެ މީހުންގެ މަސައްކަތަށް، އެއާއެކު އަޅުގަނޑުމެންގެ ސަޕޯޓިވް ސްޓާފުންނަށް ވެސް. އެއީ، ބަލިމީހާ ކައިރީގައި އަބަދު މަޑުކުރާ މީހުން. ވަރަށް އެހެން ކަހަލަ ހިތްވަރެއް އެ މީހުންގެ ގައިގައި އެ ހުންނަނީ،" ޑރ. މޫސަ ވިދާޅުވެފައިވެ އެވެ.
ޗައިނާގެ ވޫހާން، އިން މިދިޔަ ޑިސެމްބަރު 31 ގައި ކޮރޯނާވައިރަސް ފެނުމާއެކު ރާއްޖެ އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފެށިއިރު އަމަލީ ގޮތުން އިސް ސަފުގައި މަސައްކަތްކުރަން ތައްޔާރުވީ ސިއްހީ ޚިދުމަތްތެރިންގެ ތެރޭގައި ގިނަ ބަޔަކު އަންނަނީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އެކެހެރިކޮށް ޓެސްޓްކުރުމުގައި އަމަލީ ގޮތުން ގިނައިން އުޅެނީ ނަރުހުންނެވެ. އޭގެފަހުން ވެސް ފަރުވާގައި ޑޮކްޓަރުންގެ ޓީމާއެކު ނަރުހުންނާއި ލެބްޓެކްނީޝަނުންނާއި އެޓެންޑެންޓުންނާއި އެހެންވެސް ސިއްހީ ޚިދުމަތްތެރިން ކޮށްދެމުން އަންނަނީ އަގު ނުކުރެވޭ ފަދަ ހިދުމަތެކެވެ.
މާލެތެރެއިން ބަޔަކު ޕޮޒިޓިވްވެ މިހާރު ރާއްޖެ އަށް ވެސް ކުރިމަތިވެފައި މިވަނީ މި ބަލީގެ އެންމެ އުނދަގޫ ހާލަތެވެ. މި ބިރުވެރި، ހިތްދަތި ވަގުތުގައި ވެސް އާއްމުންގެ ރައްކާތެރިކަމަށްޓަކައި އެންމެ ބޮޑު ބުރައެއް އޮތީ ސިއްހީ ޚިދުމަތްތެރިންނަށެވެ. ކޮންޓެކްޓް ޓްރޭސިން ހަދައި ޕޮޒިޓިވް މީހުން ދެނެގަންނަމުން އަންނައިރު، ގިނަ ބަޔަކަށް ބަލި ޖެހިފައިވާ ނަމަ އެ މީހުންގެ މަސައްކަތް އެތައް ގުނައަކަށް ބޮޑުވެގެންދާނެ އެވެ.
"[މި މަސައްކަތުގައި] ޑޮކްޓަރުންނާ އެކު ބަލި މީހުން ބެލުމުގެ ކަންތަކާއި ގަޑިންގަޑި އަށް ފަރުވާދިނުމުގެ ކަންތައް ދަނީ ނަރުހުންނާއި ލެބްޓެކްނީޝަނުންނާއި ވޯޑް އެޓެންޑެންޓުންނާއި މިހެން ގޮސް މިކަމުގައި އުޅޭ ވަރަށް ބައިވަރު ފަރާތްތަކުގެ ޚިދުމަތް ފާހަގަކުރަން ޖެހޭ،" ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ.
ބަލި މީހުންނަށް ފަރުވާދިނުމާ އެކު ކޮވިޑް-19 އިން އާއްމުން ރައްކާތެރިކުރުމުގެ މުޅި އޮޕަރޭޝަން ހިންގުމުގައި ދެމިތިބީ ވަރަށް ވަރުގަދަ ޓީމެކެވެ. ބަލީގެ އަލާމާތެއްގެ ނިޝާން ހުރި މީހަކު ފެނުމާއެކު އެޗްޕީއޭއާ ހިސާބުން މަސައްކަތް ފަށައި ސާމްޕަލް ނަގާ ރެޕިޑް ރެސްޕޯންސް ޓީމާއި އައިސޮލޭޝަނަށް ގެންދިއުމާއި ކޮންޓެކްޓް ޓްރޭސިން އާއި ބަލި މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ސިފައިންގެ ދައުރާއި އެޗްޕީއޭގެ އެންގުންތައް ތަންފީޒުކޮށްދީ އާއްމުންނަށް އެހީތެރިވުމުގައި ފުލުހުންގެ ދައުރާއި ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރާއި ޓޫރިޒަމްގެ ބޭފުޅުންގެ އިތުރުން ވެސް ކަމާގުޅޭ ގިނަ އިދާރާތަކުގެ ދައުރު ބޮޑެވެ.
ޗުއްޓީއެއް ނެތި މި ޓީމު މަސައްކަތްކުރާތާ ދެ މަހަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ. މި އެންމެންގެ ތެރެއިން ވެސް ބަލި މީހުންނާ އެންމެ ގާތުގައި ތިބެ ނަރުހުން އެ ދައްކަނީ އާދަޔާ ޚިލާފު ހިތްވަރެކެވެ. އިންސާނިއްޔަތު ކަމުގެ ވެސް ނަމޫނާ އެވެ.
ރާއްޖޭން މިހާތަނަށް، ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހަށް ޕޮޒިޓިވް 23 މީހަކު ފެނިފައިވެ އެވެ. އެކަމަކު މާލޭން ބަޔަކު ޕޮޒިޓިވްވިކަން އިއްޔެ އެނގުނީ ރިސޯޓަކުް ފުރަތަމަ ކޭސް ފެނުނުތާ 40 ދުވަސް ފަހުންނެވެ. މިހާރު ފަސް ދިވެއްސަކު ކޮރޯނާވައިރަހަށް ފަރުވާ ހޯދަމުން އެބަ އާދެ އެވެ. އަދި 16 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
ބުރަ ޑިއުޓީއަށް ފަހު ވެސް ބަލި މީހުންނާ އެކު
މި މަހު ފަހުކޮޅު ކޭސްތައް މަދުވާން ފަށާނެ: ޝީނާ
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ކޮވިޑުގައި އެޑްމިޓްކުރާ މީހުން ގިނަވެ އެނދުތައް ފުރެނީ
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
މާސްކު ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާކުރަނީ
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟
ބަލީގެ ނުރައްކާ ކުޑަ ރަށްތަކަށް ލުއިތަކެއް ދެނީ
އަތޮޅު ހޮސްޕިޓަލްތައް ތައްޔާރު، އެންމެން މާލެއަކަށްނޫން