Roadha Mihaaru
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު

ސިއްހީ ދާއިރާ ދަނީ ކުރިއަށް، ގާބިލުކަަން އަންނަނީ އިތުރުކުރެވެމުން: ހެލްތު

09 އޯގަސްޓް 2020

ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ވިދާޅުވެ ބައެއް ޑޮކްޓަރުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ދެއްކެވި ވާހަކަތަކަށް ހެލްތު މިނިސްޓްރީން މިއަދު ރައްދު ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ވިދާޅުވެ ބައެއް ޑޮކްޓަރުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ދެއްކެވި ވާހަކަތަކަށް ހެލްތު މިނިސްޓްރީން މިއަދު ރައްދު ދީފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގަައި ބުނީ ސިއްހީ ދާއިރާ ތަރައްގީކުރަމުން އަންނަނީ އެ ދާއިރާގެ ދުރު ރާސްތާގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ކުރިއަށް ވުރެ ފުޅާކޮށް ވަސީލަތްތައް ގާއިމްކުރަމުން އަންނަ ކަމަށާއި މާލެއަށް ރިފާ ކުރުން ކުރިއަށް ވުރެ މަދު ކުރެވިފައިވާ ކަމަށް ވެސްް އެ ބަޔާނުގައި ބުންޏެވެ.

"...މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމާއި ކުރިން ނުދެވޭ ސްޕެޝަލިޓީ ހިދުމަތްތައް ހޮސްޕިޓަލްތަކުގައި ވަނީ ފެށިފަ އެވެ. ލާމަރުކަޒި ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން ދެ އެވެ،" ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބައެއް ޑޮކްޓަރުން އިއްޔެ ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބައެއް ޑޮކްޓަރުން އިއްޔެ ވާހަކަދައްކަވަނީ

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބައެއް ޑޮކްޓަރުންނާއި ކުރީގެ ސިއްހީ ހިދުމަތްތެރިން ކުރެއްވި އަނެއް ތުހުމަތަކީ ސިއްހީ ދާއިރާގެ ނިންމުންތައް ނިންމަނީ ފަންނީ މާހިރުންގެ ލަފަޔާ ނުލައި ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދެމުން ބަޔާނުގައި ބުނީ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ގައިޑްލައިންތައް ހަދަނީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ބިނާކޮށް ހޯދާ އާ ހޯދުންތަކާ އަދާހަމަކޮށްގެން ކަމަށާއި ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށެވެ. ސިއްހީ ހިދުމަތްތަކަކީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ދޭ ހިދުމަތްތައްކަން ކަށަވަރުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށާއި މިންގަނޑުތައް ބަދަލުވަނީ ކޮވިޑް-19ގެ ހާލަތަކީ ބަދަލުވާ ހާލަތަކަށް ވާތީ ކަަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

"...މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ވެސް އެކަށީގެންްވާ ހެކިތަކާއި އެކި ގައުމުތަކުގެ ތަޖުރިބާއަަށް ބަލައި ރާއްޖޭގައި ބަލި ފެތުރޭ އަދި އިޖާބަދެވޭ މިންގަނޑުތައް ގާތުން މޮނިޓާކުރަމުން އަޅާ ފިޔަވަޅުތަކެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ބަޔާން ނިންމައިލަމުން ބުނީ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ހިދުމަތާ ބެހޭ ގޮތުން ދެއްވި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ފަސްބޭފުޅަކު ވަޑައިގެން އިއްޔެ ދެއްކެވި ވާހަކަގައި ހެލްތު މިނިސްޓްރީއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ.