Roadha Mihaaru
އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިފި

އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިފި

17 އެޕްރީލް 2020

މާލެ ސަރަހައްދުގައި މިދިޔަ ދުވަހު އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނިންމަވައިފި އެވެ. އެ ނިންމެވުމާ އެކު، އަންނަ މަހުގެ 1 އާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އޮންނަނީ ލޮކްޑައުންގަ އެވެ. އަދި ތިލަފުއްޓާއި ގުޅީފަޅަށް އެ މުއްދަތުގައި އަރައިފޭބުން މަނާވާނެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލެ ސަރަހައްދުގައި މިދިޔަ ދުވަހު އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނިންމަވައިފި އެވެ. އެ ނިންމެވުމާ އެކު، އަންނަ މަހުގެ 1 އާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އޮންނަނީ ލޮކްޑައުންގަ އެވެ. އަދި ތިލަފުއްޓާއި ގުޅީފަޅަށް އެ މުއްދަތުގައި އަރައިފޭބުން މަނާވާނެ އެވެ.

އެޗްޕީއޭ އިން މި ފިޔަވަޅުތައް އަޅަނީ މާލެ އިން ކޮރޯނާވައިރަހަށް ބަޔަކު ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި އެހެނިހެން ފިޔަވަޅުތައް އެޅުމަށެވެ.

މާލެ އިން އެ ވައިރަހަށް ހަތް މީހަކު ޕޮޒިޓިވް ވެފަައިވާއިރު އެޗްޕީއޭއިން ދެންމެ ކުރި އިއުލާނެއް ބުނީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނިކުތުމަކީ މަނާ ކަމެއް ކަމަށެވެ.

މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓް ވެސް ކުރިއަށް އޮތް 14 ދުވަހު ހުއްޓާލުމަށް ވަނީ އަންގައިފަ އެވެ.

އެ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތައް

* ސިފައިންނާއި ފުލުހުން

* ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އެ މީހުން ދުއްވާ އުޅަނދު ފަހަރު

* އެމްބިއުލާންސް

* ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް

* އެންއީއޯސީގެ ފާސް ލިބިފައިވާ މީޑިއާތައް

* ފުލުހުން ހުއްދަ ދޭ ފަރާތްތައް

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަށް ލިބިފައިވާ ބާރުގެ ދަށުން ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް އަންގާފައިވަނީ އެ އެންގުންތައް ތަންފީޒު ކުރުމަށެވެ.

ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އަންގާފަ އެވެ.

މުޅި މާލެ ލޮކްޑައުންއަކަށް ގެނައީ މިދިޔަ ބުދަ ދުވަހު މާލޭން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އޭނާއާ އެކު މާލޭން ހަތް މީހަކު ވަނީ އެ ނުރައްކާތެރި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެމީހުންނާ އެތައް ސަތޭކަ ބަޔަކު ވަނީ ކޮންޓެކްޓް ވެފަ އެވެ. ރާއްޖެ އިން މިހާތަނަށް މި ވަނީ 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

މާލޭ ލޮކްޑައުން ކޮށްފައިވާއިރު ޒަރޫރީ ބޭނުންތަކަށް ތަކެތި ހޯދުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެކަންކަން ހައްލު ކޮށްދެއްވާނެ ކަމަށް ސަރުކާރުން ގެންދަނީ ބުނަމުންނެވެ.