Roadha Mihaaru
ހަ މީހަކު ޕޮޒިޓިވްވެ އެންމެ ގިނަ ކޭސް މިއަދު

6 މީހަކު ޕޮޒިޓިވްވެ، އެންމެ ގިނަ ކޭސް ފެނުނު ދުވަސް!

18 އެޕްރީލް 2020

ކޮވިޑް-19 އަށް މިދިޔަ ބުދަދުވަހު މާލެ އިން މީހަކު ޕޮޒިޓިވްވެ، އާއްމުންގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރަން މާލެ ސަރަހައްދު ލޮކްޑައުންކޮށް ފިޔަވަޅު އަޅަނިކޮށް ހަ މީހަކު އަލަށް ޕޮޒިޓިވްވެ މިއަދަކީ ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ ކޭސް ފެނުނު ދުވަސް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އަށް މިދިޔަ ބުދަދުވަހު މާލެ އިން މީހަކު ޕޮޒިޓިވްވެ، އާއްމުންގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރަން މާލެ ސަރަހައްދު ލޮކްޑައުންކޮށް ފިޔަވަޅު އަޅަނިކޮށް ހަ މީހަކު އަލަށް ޕޮޒިޓިވްވެ މިއަދަކީ ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ ކޭސް ފެނުނު ދުވަސް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.

މި ހަ މީހުންނާ އެކު މާލެ އިން ހަތަރު ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ޖުމްލަ 14 އަށް ވަނީ އަރައިފަ އެވެ.

އެޗްޕީއޭ އިން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކުރި މީހުންގެ ތެރެއިން ހަ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެއީ ފަސް ދިވެއްސަކާއި ބިދޭސީ އެކެވެ. މާލޭގެ ކުދި ތަންކޮޅުގައި، ވަރަށް ހާލުގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ވައިރަސް ފެތުރިދާނެ ކަމުގެ ކަންބޮޑުވުން އޮއްވައި، އަލަށް މިއަދު ބަންގްލަދޭޝް މީހަކު ޕޮޒިޓިވްވިޔަސް އޭނާ އަކީ ތޮއްޖެހިގެން ލޭބަ ކުއާޓާގައި ދިރިއުޅޭ މީހެއް ނޫނެވެ.

އެއީ ދިވެއްސަކާ ކައިވެނިކޮށްގެން މާލޭގައި ދިރިއުޅޭ މީހެކެވެ.

ކޮވިޑް-19 އަށް މާލެ އިން ހަ މީހަކު ޕޮޒިޓިވް މިވީ ތަފާތު ތިން "ކްލަސްޓާ"އެއް ފެނި، ވަރަށް ހަލުވި މިނުގައި އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާ ކަމަށް އެޗްޕީއޭ އިން ރޭ އާއްމުކޮށްފައި ވަނިކޮށެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން (އެންއީއޯސީ)ން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އިދާރާ އިން އާއްމުކުރި މައުލޫމާތުގައި ވަނީ ބަލި ޖެހިފައިވާ 100 އަށް ވުރެން ގިނަ މީހުން މާލެތެރޭގައި އުޅޭނެ ކަމަށް ލަފާކޮށްފަ އެވެ.

ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްފި ނަމަ އާއްމުންގެ ތެރޭގައި ބަލި ފެތުރިދާނެ މިންވަރުގެ މައްޗަށް ހަދާފައިވާ ގްރާފް: އޮރެންޖް ރޮނގުން ފެންނަނީ ބަލި ފެތުރި އެންމެ ނުރައްކާވާނެ ހާލަތު.

ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްފި ނަމަ އާއްމުންގެ ތެރޭގައި ބަލި ފެތުރިދާނެ މިންވަރުގެ މައްޗަށް ހަދާފައިވާ ގްރާފް: އޮރެންޖް ރޮނގުން ފެންނަނީ ބަލި ފެތުރި އެންމެ ނުރައްކާވާނެ ހާލަތު.

ފުރަތަމަ ކްލަސްޓާ

- މި ކްލަސްޓާގައި މިދިޔަ ބުދަ ދުވަހު ފުރަތަމަ ޕޮޒިޓިވްކަން އެނގުނީ 35 އަހަރުގެ އަންހެނަކާއި އޭނާގެ ދެ އަހަރުގެ ދަރިފުޅު.

- ދެން ހިމެނެނީ އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި 42 އަހަރުގެ އަންހެނެއް (ކޭސް 23).

- މި އަންހެން މީހާގެ ފިރިމީހާ 46 (ކޭސް 24) އާއި އެ ދެމަފިރިންގެ 15 އަހަރުގެ އަންހެން ދަރިފުޅު (ކޭސް 25) ވަނީ ބައްޔަށް ޕޮޒިޓިވްވެފައި.

- މި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވީ 37 އަހަރުގެ އަންހެނަކު (ކޭސް 26) ވަނީ ބަލި ޖެހިފައި.

ދެ ވަނަ ކްލަސްޓާ

- ފުރަތަމަ ކްލަސްޓާއާ އެއްވެސް ގުޅުމެއް ނެތް މި ކްލަސްޓާގައި މިދިޔަ ހުކުރު ދުވަހު ވަނީ 37 އަހަރުގެ އަންހެނަކު (ކޭސް 27) ޕޮޒިޓިވްވެފައި.

- މި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި 33 އަހަރުގެ އަންހެނަކާއި (ކޭސް 30) 24 އަހަރުގެ އަންހެނަކާއި (34) އޭނާގެ 32 އަހަރުގެ ފިރިމީހާ (ކޭސް 32) އާއި 37 އަހަރުގެ ފިރެހެނަކު (ކޭސް 29) ވަނީ ޕޮޒިޓިވްވެފައި.

ތިން ވަނަ ކްލަސްޓާ

- މިދިޔަ ހުކުރު ދުވަހު 47 އަހަރުގެ ފިރިހެނެކާއި އޭނާގެ އަންހެނުން 37 އަހަރާއި އަށް އަހަރުގެ ދަރިފުޅު ވަނީ ބައްޔަށް ޕޮޒިޓިވްވެފައި.

އެންއީއޯސީން ބުނިގޮތުގައި މީގެތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނެ އެވެ. އޭނާގެ ކަންކަން ގާތުން ބަލަމުން އަންނައިރު އެންމެންގެ ހާލު ވެސް މިހާތަނަށް ރަނގަޅު ކަމަށް އެ ތަނުން ބުންޏެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ، ހާލު ބޮޑު ބަލި މީހަކު ނެތް ކަމަށް ވެސް އެންއީއޯސީން ބުންޏެވެ.

އަލާމާތްތައް ނުފެނި ވެސް މި ބަލި ޖެހިފައި ހުރެ އެވެ. ރާއްޖެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ މިހާރު 34 އެވެ.

މުޖުތަމައުގެ ތެރޭގައި ބަލި ފެތުރި ޕޮޒިޓިވްވަމުން އަންނަ އަދަދުތައް އެޗްޕީއޭ އިން އާއްމުކޮށްފައި.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑރ. ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ މި ބަލި ޕީކަށް އަރާނީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގަ އެވެ. މި މުއްދަތުގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ގިނަ ބަޔަކަށް ފަރުވާ ދޭން ޖެހޭނެ އެވެ.

ކޮމިއުނިޓީ ސްޕްރެޑް ފެށިފައިވާ އިރު ފަރުވާކުޑަކޮށް ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް އަމަލުކޮށްފި ނަމަ އެކަކަށް ވެސް ރައްކާތެރިކަމެއް ނެތް ކަމަށް ސިއްހީ ހިދުމަތްތެރިން ގެންދަވަނީ އިންޒާރު ދެއްވަމުންނެވެ. ރާއްޖޭގެ ހާލަތު މިހާރު ވެސް ފެންނަނީ، ކުރިން އަންދާޒާކުރި ވަރަށް ވުރެން ވެސް ބިރުވެރިކޮށެވެ.

ޕަބްލިކް ހެލްތު ދާއިރާގައި ތަޖުރިބާކާރު، ޑރ. ޝީނާ މޫސާ ހުށަހެޅުއްވި ރާއްޖޭގެ ޕްރޮޖެކްޝަންސްތަކުން ދައްކަނީ، ކޮރޯނާވައިރަހުން ލައްކައަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެދާނެ ކަމަށެވެ. އޭރުން ހޮސްޕިޓަލްތައް ފުރި އެތައް ބަޔަކަށް ފަރުވާ ނުދެވި ދޫކޮށްލަން ޖެހިދާނެ އެވެ. އެއީ، އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާދެވޭނެ ޑޮކްޓަރުންނާއި ނަރުހުންނާއި ބަލި މީހުން ބާއްވާނެ އެނދުތަކާއި ވެންޓިލޭޓަރު ވެސް ނެތުމުންނެވެ.

މި ލޮކްޑައުންގެ 14 ދުވަހުގެ ތެރޭގައި އަޅާ ފިޔަވަޅަށް ފަރުވާ ކުޑަކޮށްފި ނަމަ ޕްރޮޖެކްޝަންގެ ގްރާފްގައިވާ އޮރެންޖް ސިނާރިއޯ އިން ދައްކަނީ ފަރުވާ ނުދެވި މަރުވާ އަދަދު ރާއްޖޭގައި 2،000 އަށް އަރާނެ ކަމަށެވެ. އެކަމަކު ސިއްހީ މާހިރުންގެ އިރުޝާދަށް ބޯލަނބައިފި ނަމަ އެތައް ބަޔަކު މި ބަލިން ސަލާމަތްވުމުގެ އުއްމީދު އެބައޮތެވެ.