Roadha Mihaaru
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ

ލޮކްޑައުން އަށް ލުއިދީ މުހިއްމު ޚިދުމަތްތައް މާދަމާ ހުޅުވާލަނީ

27 މެއި 2020

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއިދީ، މުހިއްމު ޚިދުމަތްތަކެއް ހުޅުވައިލުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިއުލާން ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއިދީ، މުހިއްމު ޚިދުމަތްތަކެއް ހުޅުވައިލުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިއުލާން ކުރައްވައިފި އެވެ.

މިދިޔަ އެޕްރީލް 15 ގައި ބައްޔަށް ޕޮޒިޓިވް މީހަކު މާލެ އިން ފެނުމާ ގުޅިގެން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އިއުލާންކުރި ލޮކްޑައުން މާދަމާ ހަމަވާތީ، ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ލުއި ދޭން ނިންމާފައި ވަނީ ދެ ހަފުތާ އަށެވެ. މާދަމާ އިން ފެށިގެން ކޮންމެ ގެއަކުން ވެސް ބޭރަށް ނުކުމެ އުޅެން ހުއްދަ ދޭ މީހުންގެ އަދަދާއި ބޭރުގައި އުޅުމުގެ ވަގުތު ވެސް އިތުރުކުރަން ވަނީ ނިންމައިފަ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުން މުޅިން އުވާނުލައި ލުއިދޭން ނިންމީ އަދިވެސް ކޮވިޑް-19 އާއްމުންގެ ތެރެއިން ފިލައިގެން ނުދާތީ ކަމަށެވެ. އެކަމަކު މި ލުއިދެނީ، ދެ ހަފުތާ ތެރޭގައި ބަލީގެ ހާލަތު ވަަރަށް ބޮޑަށް މޮނިޓަކުރާ ގޮތަށް ކަމުގެ ޔަގީންކަން ދެއްވި އެވެ.

މި މުއްދަތުގައި ޕޮޒިޓިވް އަދަދު މިހާރަށް ވުރެން އިތުރުވެ ހާލަތު ގޯސްވެއްޖެ ނަމަ ފަރުވާ ދެވޭ ވަރަށް ތައްޔާރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ޝީނާ ވާހަކަ ދައްކަވަނީ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ޝީނާ ވާހަކަ ދައްކަވަނީ.

އަމީން ވިދާޅުވި ގޮތުގައި އާއްމުންގެ ތެރޭގައި ބަލި ފެތުރިގެން އައިއިރު، އެކަކާ ގާތުން ބައްދަލުވާ އަދަދު 33 ގައި އުޅުނަސް އެ އަދަދު 6 މީހުންނަށް ވަނީ ވޭތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދަށްކުރެވިފަ އެވެ. އޭގެ ނަތީޖާއަކީ، ކުރީގެ ލަފާކުރުންތަކަށް ވުރެން ބަލި ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވިފައިވުން ކަމަށް ވިދާޅުވި އެވެ. ލޮކްޑައުން ހުޅުވާލަން ބެލީ މި އަދަދުތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހުއްދަ ހޯދައިގެން މާދަމާ އިން ފެށިގެން ކޮންމެ ގެއަކުން ތިން މީހުންނަށް ދެ ގަޑި އިރަށް ނުކުމެ އުޅެވޭނެ ކަަމަށެވެ. އެންމެ ބޮޑު ލުޔެއް ގޭގެ އިން މީހުން ނުކުމެ އުޅެން ދިން އިރު، މި ހާލަތުގައި ސްކޫލްތަކާއި އޮފީސްތައް ނުހުޅުވާނެ އެވެ.

ފުރަތަމަ ފިޔަވަހީގެ ލުއިތައް ބިނާކުރެވިފައި ވަނީ މީހުންނަށް ނުކުމެ އުޅެވޭނެ ގޮތާއި އިގްތިސާދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި ވިޔަފާރިކުރަން ޖާގަ ދިނުމާއި ދަތުރުފަތުރުކުރުމުގެ ލުއިތަކާއި ސިއްހީ ހިދުމަތްތައް ހޯދަން ހުރި ޖާގަތައް ދިނުމަށް. --މިނިސްޓަރު

ފުރަތަމަ ދެ ހަފުތާގެ ލުއިތައް

- ފުލުހުންގެ ހުއްދައާ އެކު ކޮންމެ ގެއަކުން ތިން މީހަކަށް ދުވާލަކު ވަކި ވަގުތަކަށް ބޭރަށް ނުކުމެވޭނެ. ބޭރުގައި އުޅެވޭނެ ޒޯންތައް މާދަމާ އިން ފެށިގެން އިތުރުކުރާނެ.

- އާއްމު ހިދުމަތަށް ސަރުކާރުގެ އޮފީސްތައް ފުރަތަމަ ދެ ހަފުތާގައި ނުހުޅުވާނެ. އެކަމަކު ހުއްދަ ދޭ މީހުންނަށް، އާއްމުންނަށް ޚިދުމަތް ދިނުމަށް އޮފީހުގައި މަސައްކަތް ކުރެވޭނެ.

- ސުޕަމާކެޓާއި ކަންމަތީ ފިހާރަތަކާއި ބޭކަރީތަކާއި ފާމަސީތަކާއި ބުކްޝޮޕްތަކާއި ކުޑަކުދިންގެ ފިހާރަތަކާއި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ.

- މޮބައިލް ފޯނު ފިހާރަތަކާއި އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަތަކާއި ފޮތި ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަތައް ހުޅުވޭނެ.

- ޑެލިވަރީ ސާވިސް އާއި ކޮންސްޓްރަކްޝަންސް އާއި ރިޕެއާ ފިހާރަތަކާއި ގަރާޖްތައް ހުޅުވާނެ.

- މަސް މާރުކޭޓް ހުޅުވާނެ.

- ބޭންކް ހިދުމަތް ހޯދަން އިތުރު ލުއިތަކެއް ދޭން. ފުރަތަމަ ދެ ހަފުތާގައި ތިން ދުވަހަަށް ބޭންކްގެ ހިދުމަތް ހުޅުވޭނެ.

- ޑެލިވަރީ އާއި ޓޭކްއަވޭގެ ފުރުސަތު ލިބޭނެ.

- ޓެކްސީތަކާއި ޕިކަޕްތަކުގެ ހިދުމަތް ފެށޭނެ.

- ފްލޫ ކްލިނިކްތަކަށް ހިދުމަތް ހޯދަން ދެވޭނެ. ސިއްހީ ހިދުމަތް ދޭ ތަންތަން ހުޅުވާއިރު ކްލިނިކްތަކުން އޮންލައިންކޮށް ހިދުމަތް ހޯދޭނެ.

- ކޮންސްޓްރަކްޝަން މަސައްކަތް ހާއްސަ ހުއްދައާ އެކު ކުރެވޭނެ.

"މި ފިޔަވަހީގައި އަޅުގަނޑުމެން ހުޅުވާނުލާ ތަންތަނުގެ ތެރޭގއި ސްކޫލްތައް ހިމެނޭނެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ހުރި ފިޔަވަޅުތައް އުވާނުލާނެ. ޕާކްތަކާއި ބީޗް ފަދަ ތަންތަން ވެސް ނުހުޅުވާނެ. ކެފޭ އަދި ރެސްޓޯރަންޓްތައް އާއްމުކޮށް ހުޅުވައެއް ނުލާނެ. ޖިމްތަކާއި ސެލޫންތައް ހުޅުވައެއް ނުލާނެ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓާއި ފެރީގެ ހިދުމަތާއި ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ކުޅިވަރު ކުޅޭ ތަންތަން ހުޅުވައެއް ނުލާނެ އެވެ.

އަމީން ވިދާޅުވީ މި ލުއިތައް ދެނީ އިތުރަށް ބަލީގެ ހާލަތު ގޯސްނުވާނެ ކަމަށް ދެކިގެން ނޫން ކަމަށެވެ. ލުއި ދިނުމުގެ މާނައަކީ ބަލި ނެތިގެން ދިއުން ނޫން ކަމަށް ތަކުރާރުކޮށް އަމީން ފާހަގަކުރެއްވި އެވެ.

"ލުއި ދިނުމުގެ މާނައެއް ނޫން މި ބަލިން އަޅުގަނޑުމެން އެއްކޮށް މިންޖުވެގެން ދިއުން. އޭގެ މާނައެއް ނޫން އިހު އޮތް ހާލަތަށް އެނބުރި ރުޖޫއަވުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އަމަލުކުރަން ޖެހޭނީ ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއި ކިޔަމަންތެރިކަމާ އެކުގަ އެވެ. މިހާތަނަށް ވެސް ރާއްޖެ އަށް ހޯދުނު ކާމިޔާބީއަކީ ދުރާލައި ތައްޔާރުވުމާއި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ރައްޔިތުން ފުރިހަމަ އަށް ތަބާވުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުން، ޚާއްސަކޮށް މާލެ ސަރަހައްދުގެ ރައްޔިތުން މިހާތަނަށް ދެއްކި ނަމޫނާ އަކީ ވަރަށް ގިނަ ގައުމުތަކުން ނަމޫނާއެއްގެ ގޮތުގައި ދެކި މިހާ ހިސާބަށް އާދެވުނު ގޮތް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބޮޑުވަރު ނުވެ މި ހާލަތުގައި އޮތީ ދުރާލައި އެޅި ފިޔަވަޅުތައް ހަރުދަނާ ވެގެން ކަމަށާއި މިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިއްޖެ ކަމަށެވެ.