ކޮވިޑް-19 ފެތުރޭތީ ބަންގްލަދޭޝް އާއި ނޭޕާލުގެ ބޯޑަރުތައް ބަންދުކުރުމުން އެ ގައުމުތަކުގައި ތާށިވި ދިވެހިން، އަންނަ ހޯމަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
18 އެޕްރީލް 2020
ކޮވިޑް-19 ފެތުރޭތީ ބަންގްލަދޭޝް އާއި ނޭޕާލުގެ ބޯޑަރުތައް ބަންދުކުރުމުން އެ ގައުމުތަކުގައި ތާށިވި ދިވެހިން، އަންނަ ހޯމަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ ދެ ގައުމުގައި ތާށިވެފައިވާ ދިވެހިން ގެންނަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށެވެ. މި ބޯޓުގައި ބަންގްލަދޭޝްގައި ތިބި 51 ދިވެހިންނާއި ނޭޕާލުގައި ތިބި 18 ދިވެހިން ގެންނާނެ އެވެ.
ނޭޕާލުގައި ތިބި ދިވެހިން ވެސް ރާއްޖެ ގެންނަނީ ބަންގްލަދޭޝް މަގުން ކަމަށް ވާތީ އެ މީހުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މާދަމާ ދަތުރުކުރާނެ އެވެ. ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ތިބި ދިވެހިން އިއްޔެ އިން ފެށިގެން، ޑާކާ އަށް ގެންދިއުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބަންގްލަދޭޝްގައި ތިބި ދިވެހިން ގެންނަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮކްޓަރު އަބްދުލް މޯމެންއާ ދެ ފަހަރެއްގެ މަތިން ފޯނުން މަޝްވަރާކުރައްވައިފަ އެވެ.
ބަންގްލަދޭޝްގައި ތާށިވެފައި ތިބި ގިނަ ދިވެހިންނަކީ ޑޮކްޓަރުކަން ކިިޔަވަމުން އަންނަ ދަރިވަރުންނެވެ. ނޭޕާލުގައި ތިބީ، ޑޮކްޓަރުކަމުގެ ލައިސެންސް އޮތް އެކަމަކު ސްޕެޝަލައިޒްވުމަށާއި އިންޓާންޝިޕް ހަދަން އެ ގައުމުގައި ކިޔަވަން ތިބި 17 ޑޮކްޓަރުންނެވެ. ނޭޕާލުގައި ތިބި ދިވެހިން އެ ގައުމުގައި ތާށިވީ، ރާއްޖެ އަނބުރާ އަންނަން އެއާޕޯޓަށް ދިޔަ ފަހުން، މުޅި ގައުމު ލޮކްޑައުން ކުރުމުންނެވެ.
މި ދެ ގައުމުން ގެންނަ ދިވެހިން، ރާއްޖެ ގެނައުމަށް ފަހު ގެންދާނީ ކަރަންޓީން ފެސިލިޓީތަކަށެވެ. އެ މީހުން ދޫކުރާނީ 14 ދުވަސް ފަހުން، ކޮވިޑް-19 ޖެހިފައި ހުރިތޯ ބަލަން ކުރާ ޓެސްޓު ކުރުމަށް ފަހު، ނަތީޖާ ނެގަޓިވްވުމުންނެވެ.
ބަންގްލަދޭޝް އިން ހޯމަ ދުވަހު އަންނަ ފްލައިޓުގައި، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމަށް 10 މެމްބަރުންގެ މެޑިކަލް ޓީމެއް ވެސް ރާއްޖެއަށް އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި ބައްޔާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ 100 ޓަނުގެ މެޑިކަލް ސަޕްލައި ވެސް އެ ގައުމުން ވަނީ ރާއްޖެއަށް ހަދިޔާކުރަން ނިންމާފަ އެވެ. އެ ތަކެތި ހިފައިގެން މިދިޔަ އަންގާރަ ދުވަހު ފުރި މަނަވަރު ހަފުތާއެއްގެ ތެރޭގައި މާލެ އަށް ބަނދަރުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އިން މި ބަލި އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. މިދޭތެރެއިން އެއްވެސް ގައުމަކަށް ދަތުރު ނުކުރާ، އަދި ބޭރުން އައި މީހަކާ ބައްދަލު ނުވާ ދިވެއްސެއް މި ބައްޔަށް ޕޮޒިޓިވް ވީ، މިދިޔަ ބުދަ ދުވަހު މާލެއިންނެވެ. އެއަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ފުރިހަމަ ކުރަން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ.
ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން ގެނެސްފި
ބަންގާޅުގައި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ
ބަންގްލަދޭޝްގެ 1،000 މީހުން މިހާތަނަށް ފޮނުވާލައިފި
300 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ފޮނުވާލައިފި
ބަންގްލާދޭޝްގެ އިތުރު 353 މީހަކު ފޮނުވާލައިފި
ބަންގްލަދޭޝް އިން 10 ޓަނުގެ ކާބޯތަކެތި ހަދިޔާކޮށްފި
ބަންގްލަދޭޝުން އަންނަ ފްލައިޓުން 70 މީހުން ފުރާނެ
ބަންގްލަދޭޝްއިން ދޭ އެހީ ހިފައިގެން މަނަވަރު ފުރައިފި
ބަންގްލަދޭޝްގެ މީހުން ގެންދިއުމުގެ އެހީއަށް އެދިއްޖެ
އެމްބަސީ އަޅަން ލަންކާ އާއި ބަންގްލަދޭޝަށް ބިން ދީފި