Roadha Mihaaru
މިސްކިތްތަކުގައި ތަރާވީހް ނަމާދެއް ނޯންނާނެ: މިނިސްޓަރު

މި ހާލަތުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ތަރާވީހް ނަމާދެއް ނޯންނާނެ

18 އެޕްރީލް 2020

ކޮވިޑް-19 ފެތުރުން މިހާރު އޮތް ހާލަތުގައި އޮވެއްޖެ ނަމަ މާލޭގައި ޖަމާއަތުގައި ތަރާވީހް ނަމާދު ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ފެތުރުން މިހާރު އޮތް ހާލަތުގައި އޮވެއްޖެ ނަމަ މާލޭގައި ޖަމާއަތުގައި ތަރާވީހް ނަމާދު ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިރޭ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ހާލަތު ދެމި އޮވެއްޖެ ނަމަ މިސްކިތްތަކުގައި ބަދަލުގައި ތަރާވީހް ކުރަން ޖެހޭނީ ގޭގައި ކަމަށެވެ. ނަމަވެސް ރަށްރަށުގައި، މިހާރު އޮތް ގޮތަށް ކޮވިޑް-19 ގެ ހާލަތު އޮވެއްޖެ ނަމަ ތަރާވީހް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"މާލޭގައި މިހާރު މިއޮތް ހާލަތު ދެމި އޮންނަ ކަމުގައި ވަންޏާ ތަރާވީހް ނަމާދެއް ނުކުރެވޭނެ. ދެން ތަރާވީހް ނަމާދު އެ ބޭފުޅުން ގޭގައި ކުރައްވަން ޖެހިވަޑައިގަންނަވާނީ. ދެން އަތޮޅުތެރޭގައި މިހާރު މި އޮތް ގޮތަށް ސްމޫތުކޮށް ދާ ކަމުގައި ވަންޏާ ހަމަ ތަރާވީހް ނަމާދު ކުރުމުގެ ފުރުސަތު އޮންނާނެ. އެކަމަކު ހާލަތު ބަދަލުވެއްޖެކަމުގައި ވަނީ ނަމަ ތަރާވީހް ނަމާދު ވެސް ހަމަ ޖަމާއަތުގައި ނުބޭއްވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ ހަފުތާގައި ރޯދަ މަސް ފެށޭއިރު، އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖައްސާފައިވާ ކަމަށެވެ. ފަގީރުންގެ ލިސްޓް އޮންނާނީ މިހާރު ލިބިފައި ކަމަށާއި އެ މީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ. ހާލަތު ރަނގަޅުވިއްޔާ ގޮވާމުން ވެސް ޒަކާތް ބަލައިގަތުމުގެ ފުރުސަތު އޮންނާނެ ކަން ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ވަނީ ލޮކްޑައުންކޮށްފަ އެވެ. އޭގެ ކުރިން، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދާއި ރިސޯޓުތަކާއި މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ވެސް ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓާލައިފަ އެވެ. އޭގެ އިތުރުން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އައްޑު އާއި ފުވައްމުލުގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ވަނީ އަންގައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ނާންގާ ހިނދަކު އެއްވެސް ރަށެއްގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައިގެން ނުވާނެ ކަމަށެވެ. މި ހާލަތަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭންވީ ހާލަތު ކަމަށް ވިދާޅުވި އެވެ.

''..ގޭގައި ތިބޭއިރު އެކަކު އަނެކަކަށް އަޅާލަން ޖެހޭ. މިދަނޑިވަޅުގައި ދީނުގައި އަންގަވާފައިވާ ކަންކަމަށް އެބަ ޖެހޭ ހާއްސަ ސަމާލުކަމެއް ދޭން،" މިނިސްޓަރު ވިދާޅުވި އެވެ.