Roadha Mihaaru
ކޮވިޑް-19: މާލެ ފިޔަވައި އެހެން ރަށަކުން ކޭސްއެއް

ކޮވިޑް-19: މާލެ ފިޔަވައި މީހުން އުޅޭ ރަށަކުން ފެނުނު ފުރަތަމަ ކޭސް އުލިގަމުން

19 އެޕްރީލް 2020

ކޮވިޑް-19 އަށް ޝައްކުވެގެން ހއ.އުލިގަމުން ޓެސްޓު ކުރި މީހާ ޕޮޒިޓިވް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 އަށް ޝައްކުވެގެން ހއ.އުލިގަމުން ޓެސްޓު ކުރި މީހާ ޕޮޒިޓިވް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއީ ރާއްޖޭގައި މާލެ ފިޔަވައި، މީހުން ދިރިއުޅޭ ރަށަކުން މި ބައްޔަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފެނުނު މީހުންނަކީ ރާއްޖެ އައި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުން އަދި ރާއްޖޭން ބޭރުން އައި ބައެއް ދިވެހިންނެވެ.

ހއ. އުލިގަމުން ޕޮޒިިޓިވްވި، ރާއްޖޭން ފެނުނު 52 ވަނަ މީހާ އަކީ މާލެ އައުމަށް ފަހު މި މަހުގެ 15 ވަނަ ދުވަހު އެނބުރި ރަށަށް ދިޔަ މީހެކެެވެ. އޭނާ މާލޭގައި ހުރީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ދިރިއުޅޭ އިމާރާތެއްގަ އެވެ.

މި މަހުގެ 15 ވަނަ ދުވަހު މާލެއިން އޭނާ ރަށަށް ދިޔައީ ހއ. އިހަވަންދޫ ބޯޓެއްގަ އެވެ. އެހެންވެ އެ ބޯޓުން ދަތުރުކުރި މީހުން ތިބި ހަތް ރަށެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނަސްފަ އެވެ.

މާލޭން މި މަހުގެ 15 ވަނަ ދުވަހު ފުރަތަމަ ފަހަރަށް މި ބަލި ފެނިފައިވާއިރު، ބަލި ފެނުނީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް މީހެއްގެ ކިބައިންނެވެ. ރާއްޖޭގައި މި ބަލި މިހާރު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާއިރު ޕޮޒިޓްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މުޅި ރާއްޖެއިން މިހާތަނަށް 52 ކެސް ފެނިފައިވާއިރު، އޭގެ ތެރެއިން 31 ކޭސް ފެނިފައި ވަނީ މާލެއިންނެވެ. އެއީ 17 ބިދޭސީއަކާއި 14 ދިވެހިންނެވެ.

ބާކީ ތިބީ ރާއްޖެއިން ބޭރުން އައި އިރު ބައްޔަށް ޕޮޒިޓިވް މީހުންނާއި ރިސޯޓުތަކުން ފެނިފައިވާ ކޭސްތަކެވެ. ބަލިން 16 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ.