Roadha Mihaaru
ފުލުހުން ކޮތަރުތަކަށް ކާންދޭން ފަށައިފި

ކޮތަރުތަކަށް އެބަ ކާންދެން، ލޭ ހަދިޔާ ކުރަން: ކޮމިޝަނަރު ހަމީދު

20 އެޕްރީލް 2020

ބަލި ފެތުރުން ހުއްޓުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޖުމްހޫރީ މައިދާނަށް އެއްވާ ކޮތަރުތަކަށް ކާންދޭނެ ބަޔަކު ނުވެ، ކޮތަރުތައް މަރުވާން ފެށުމުން، އެ ދޫނިތަކަށް ފުލުހުން ކާން ދޭން ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބަލި ފެތުރުން ހުއްޓުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޖުމްހޫރީ މައިދާނަށް އެއްވާ ކޮތަރުތަކަށް ކާންދޭނެ ބަޔަކު ނުވެ، ކޮތަރުތައް މަރުވާން ފެށުމުން، އެ ދޫނިތަކަށް ފުލުހުން ކާން ދޭން ފަށައިފި އެވެ.

ކޮވިޑް-19 ގެ ބަލި މީހަކު މާލެ އިން ފެނުނީ މިދިޔަ ބުދަ ދުވަހެވެ. ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށްޓަކައި އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މާލެ ސަރަހައްދު މި މަހުގެ ނިޔަލަށް ބަންދުކޮށްފަ އެވެ. އެހެންވެ ޖުމްހޫރީ މައިދާނަށް އެއްވާ ކޮތަރުތަކަށް ކާންދޭނެ މީހަކު ނެތުމުން އެ ކޮތަރުތައް ބަނޑަށް ޖެހުނެވެ. އެ ދޫނިތަކަށް އާންމުކޮށް ކާންދެނީ އެ މައިދާނަށް ދާ މީހުންނާއި ކުޑަކުދިންނެވެ.

ކޮމިޝަނަރު ހަމީދު ކުރެއްވި ޓްވީޓެއް

ކޮތަރުތައް ބަނޑަށް ޖެހުނު ޚަބަރާ އެކު، ޓްވިޓާ މެދުވެރިކޮށް ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ކޮތަރުތަކަށް ކާން ދިނުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ލޭ ހަދިޔާކުރާ މީހުން މިދުވަސްވަރު މަދުވެފައިވާތީ، އެ މަސައްކަތުގައި ވެސް ފުލުހުން އަންނަނީ ބައިވެރިވަމުން ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. އަދި ފުލުހުން ތިބީ އެންމެންގެ ޚިދުމަތުގައި ކަމަށާއި އާއްމުން ގޭގައި ތިބެން އިލްތިމާސްކުރެއްވި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން، ރިސޯޓުތަކާއި ރަށްރަށާއި ދެމެދު ދަތުރުކުރުން ވަރަށް ބޮޑަށް މަޑުޖައްސާލި އެވެ. އެއާއި އެކު ރިސޯޓުތަކުގައި ހިންގާ ބްލަޑް ޑޮނޭޝަން ކޭމްޕުތައް ހުއްޓުނެވެ. އެމްބީއެސް އަށް އެންމެ ގިނައިން ލޭ ހަދިޔާ ކުރަނީ ރިސޯޓުތަކުން ކަމަށް އެތަނުން މީގެ ކުރިން ބުނެފައިވެ އެވެ.

އެމްބީއެސް އިން މިއަދު ބުނީ އޯ ޕޮޒިޓިވް ލެ އާއި ބީ ޕޮޒިޓިވް ލޭ، އެއް ދުވަހަށް ވާ ވަރަށް ވެސް އެތަނުގައި ނެތް ކަމަށެވެ. އެހެން ގްރޫޕުތަކުގެ ލޭ ވެސް ހުރީ ވަރަށް މަދުން ކަމަށް ފާހަގަކުރަމުން، ލޭ ހަދިޔާކުރަން ގޮވާލި އެވެ. ބަރުދަނުގައި 45 ކިލޯ ހުންނަ، އަދި ހިމޮގްލޮބިން ކައުންޓުގައި 12.5 ހުންނަ 18 އަހަރުން މަތީގެ މީހުންނަށް، އަހަރަކު ހަތަރު ފަހަރު ލޭ ހަދިޔާކުރެވޭނެ އެވެ.