Roadha Mihaaru
ފިހާރަތައް 9 އިން 12 އަށް ހުޅުވަން ކަނޑައަޅައިފި

ފިހާރަތައް 9 އިން 12 އަށް ހުޅުވަން އުސޫލު ކަނޑައަޅައިފި

21 އެޕްރީލް 2020

މާލެ ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ފުލުހުންގެ ހުއްދަ ލިބިގެން ވިޔަފާރި ކުރަން ނުކުންނަ މީހުންނަށް ވިޔަފާރިކުރެވޭ ގޮތަށް ހެނދުނު 9 އިން ރޭގަނޑު 12 އަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން އުސޫލު ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެ ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ފުލުހުންގެ ހުއްދަ ލިބިގެން ވިޔަފާރި ކުރަން ނުކުންނަ މީހުންނަށް ވިޔަފާރިކުރެވޭ ގޮތަށް ހެނދުނު 9 އިން ރޭގަނޑު 12 އަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން އުސޫލު ކަނޑައަޅައިފި އެވެ.

މާލޭގައި ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށް، ގެއިން ބޭރަށް ނުކުތުން އޮތީ މަނާކޮށްފަ އެވެ. އެކަމަކު ފުލުހުން ދޭ ޚާއްސަ ހުއްދައެއްގެ ދަށުން ވަކި ދުވަސްތަކެއްގެ ވަކި ވަގުތުތަކެއްގައި ޒަރޫރީ ބޭނުމަށް ކޮންމެ ގޭބިސީއަކުން ވެސް އެކަކަށް ބޭރަށް ނުކުމެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މާދަމާ އިން ފެށިގެން ފުލުހުން ދޭ ހުއްދައިގެ ދަށުން ވިޔަފާރި ކުރަން ނުކުންނަ ފަރާތްތަކަށް ފިހާރަތަކުން ޚިދުމަތް ދެވޭނީ ހެނދުނު 9 އިން ފެށިގެން ރޭގަނޑު 12 އާ ހަމައަށް ކަމަށެވެ. އަދި ފިހާރަތަކުންނާއި މުދާ ގަންނަ މީހުން ވެސް ވަކި ޚާއްސަ އުސޫލުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އިއުލާންގައި ބުނެފައިވާ ގޮތުގައި ވިޔަފާރިކުރަން ދާ މީހުންނަކީ ފުލުހުން ހުއްދަ ދީފައިވާ ބައެއްކަން ކަށަވަރު ކުރަން ޖެހޭނެ އެވެ. އަދި ޚިދުމަތް ދޭ މީހުންގެ މައުލޫމާތު ފިހާރަތަކުން ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ބަލީގެ އަލާމާތްތައް ހުރި މުވައްޒަފުން ވަޒީފާއަށް ނުނެރުމަށާއި ޚިދުމަތް ދޭ މުވައްޒަފުން މާސްކާއި އަންގި ބޭނުންކުރަން ޖެހޭނެ ކަމަށް، އުސޫލުގައި ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހުރިތޯ ބެލުމާއި ފިހާރައަށް މީހުން ދިއުމުގެ ކުރިން ދުރާލާ މުދަލަށް އޯޑަރު ދެވޭނެ ނިޒާމެއް ގާއިމް ކުރެވޭތޯ ބަލަން ވެސް އިއުލާންގައި އެދިފައިވެ އެވެ.

ކުދި ފިހާރަތަކަށް މަދުން މީހުން ވެއްދުމުގެ އިތުރުން ފިހާރައިގެ އެތެރޭގައި މަދުވެގެން އެއް މީޓަރުގެ ސޯޝަލް ޑިސްޓޭންސިން ބެހެއްޓޭ ކަން ކަށަވަރު ކުރަން ވެސް، އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި ކޮންމެ ދުވަހެއްގެ ވިޔަފާރި ނިމުމުން ފިހާރަ ރަނގަޅަށް ޑިސްއިންފެކްޓް ކުރަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ޚިދުމަތް ހޯދާ މީހުން ފިހާރަތަކުގެ ބޭރުގައި ކިއު ހެދުމުގައި ވެސް މަދުވެގެން އެއް މީޓަރުގެ ސޯޝަލް ޑިސްޓޭންސިން ބަހައްޓަން ޖެހެ އެވެ. އަދި ބޭނުންވާ މުދާ ފިޔަވައި އެހެން ތަކެތީގެ އަތްނުލުމާއި ޓްރޯލީ ފަދަ ތަކެތި ބޭނުން ކުރާ ނަމަ، އެ ތަކެތި ޑިސް އިންފެކްޓް ކުރިތޯ ވެސް ބަލަން ޖެހެ އެވެ.

އެ އިއުލާންގައި އެދިފައި ވަނީ ބަލިވެ އުޅޭ ނަމަ ފިހާރަތަކަށް ނުދިއުމަށާއި ކުޑަކުދިން ނުގެންދިއުމަށެވެ. އަދި އޮންލައިންކޮށް ވިޔަފާރި ކުރެވެން ހުރި ނަމަ، އެގޮތަށް އަމަލު ކުރަން އިސްކަން ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގެއިން ނިކުތުމުގެ ކުރިން ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް ހަދަން ސަމާލުކަން ދޭން ވެސް އެދިފައިވެ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް ފެށިޔަސް، އޯޑަރުތައް ގިނަކަމުން ބޭނުންވާ ތަކެތި ނުލިބިގެން މިހާރު ވެސް މީހުން މަގުތަކަށް ނުކުމެ އެވެ. ފުލުހުން ވަނީ މާލެ 26 ޒޯނަކަށް ބަހާލައި، އެ މީހަކު ހުރި ޒޯނުން ބޭރަށް ނުދެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.