23 އެޕްރީލް 2020
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ތިން އިމްޕޯޓަރުންގެ ތެރޭގައި ހިމެނޭ ލިލީ އާއި ބީއެޗްއެމް އާއި އެމްއެޗްއޭގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވެ، އެ ތަންތަން ކަރަންްޓީނުކުރުމާ އެކު، މުޅި ރާއްޖޭގެ ވިޔަފާރި އަށް ލޮޅުން އަރައިފި އެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ތިން އިމްޕޯޓަރުންގެ ތެރޭގައި ހިމެނޭ ލިލީ އާއި ބީއެޗްއެމް އާއި އެމްއެޗްއޭގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވެ، އެ ތަންތަން ކަރަންްޓީނުކުރުމާ އެކު، މުޅި ރާއްޖޭގެ ވިޔަފާރި އަށް ލޮޅުން އަރައިފި އެވެ.
މި ތިން ކުންފުންޏަކީ ރާއްޖޭގެ ބާޒާރަށް މުދާ އެތެރެކުރުމުގައި އެންމެ ކުރީގައި ހިމެނޭ ތިން ކުންފުންޏެވެ. އަދި ރާއްޖޭގެ ރިޓެއިލް މާކެޓަށް ބޭނުންވާ 60-70 ޕަސެންޓް މުދާ އެތެރެކުރާ ހޯލްސޭލަރުންނަކީ އެއީ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އެތަންތަނުން އެތެރެކުރާ ގިނަ މުދަލަކީ އާންމު ބޭނުންތަކަށް ބޭނުންވާ ސާމާނެވެ. ކައްކަން ބޭނުންވާ ވަރަށް އާންމު ބާވަތްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެތަންތަނުގެ ފިހާރަތަކާއި ގުދަންތައް، މި ބަލިމަޑުކަމުގައި ކަރަންޓީން ކުރުމާ ގުޅިގެން ރީޓެއިލް ފިހާރަތައް މިހާރު ވަނީ ހުސްވުމަކާ ގާތްވެފަ އެވެ. އަދި ރޯދަ މަސް ފެށެން އެއް ދުވަހަށް ވާއިރު މިކަހަލަ ނަސީބުދެރަ ކަމެއް ދިމާވުމަކީ، ވިޔަފާރިވެރިންނަށް ދިމާވި އިތުރު ބޮލުރިހުމެކެވެ.
ރީޓެއިލް ފިހާރަތަކުގެ އިތުރުން ބާޒާރުމަތީގައި ހޯލްސޭލް ކުރާ އެހެން ބައެއް ފިހާރަތަކަށް ވެސް ވަނީ، އެ ތިން ހޯލްސޭލަރުންގެ ވިޔަފާރި ހުއްޓުމާ އެކު، ފިހާރަ ބަންދުކުރާ ހިސާބަށް ގޮސްފަ އެވެ. އެހެންވެ، ބާޒާރުމަތިން ރަށްރަށަށް މުދާ ގެންދާ ފިހާރަތަކަށް މުދާ ހޯދުމުގައި ވެސް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ.
ބާޒާރުމަތީގައި ހޯލްސޭލް ކުރާ ބޮޑު ފިހާރައަކުން ބުނީ ލިލީ އާއި ބީއެޗްއެމް އަދި އެމްއެޗްއޭ އަކީ ބާޒާރުމަތީގައި ދެން ހުރި ފިހާރަތަކަށް ވެސް މުދާ ސަޕްލައިކޮށްދޭ މައި ތިން ހޯލްސޭލަރު ކަމަށް ވާތީ، އެ މީހުންގެ ފިހާރަ އަށް ބޭނުންވާ މުދާ ލިބުން އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. އެ ފިހާރައިން ބުނީ، ރަށްރަށަށް ބޭނުންވާ މައިގަނޑު މުދާ ލިބުން މިހާރު އެއްކޮށްހެން ހުއްޓިފައިވާ ކަމަށާއި ރަށްރަށާއި މާލޭގެ ރީޓެއިލް ފިހާރަތަކުން ފޮނުވާފައިވާ ވަރަށް ގިނަ ލިސްޓްތަކަށް ހުރީ މުދާ ނުނެގި ކަމަށެވެ.
ބީއެޗްއެމް ޓްރޭޑާސް އާއި ލިލީ އާއި އެޗްއެމްއޭގެ ފިހާރަތައް ބަންދު ކުރީ، އެ ފިހާރަތަކަށް ނިސްބަތްވާ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުގެ ސަބަބުންނެވެ. އެޗްޕީއޭގެ އެންގުމާ އެކު ފިހާރަތަކުގެ މުވައްޒަފުން ވަނީ އައިސޮލޭޓްކޮށް، އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.
ބީއެޗްއެމް ޓްރޭޑަސްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އިބްރާހިމް ޝަރީފު ވިދާޅުވީ، ފިހާރައިގައި މުދާ ހުރި ނަމަވެސް މި ހާލަތުގައި އެޗްޕީއޭގެ އިރުޝާދާ އެކު އެ ފިހާރައިގެ ހުރިހާ ގުދަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ހުޅުވާނެ ދުވަހެއް ވެސް އަދި އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާންމުކޮށް ފިހާރަތަކުން ފެންނަ ވަރަށް ގިނަ ބްރޭންޑްތަކަކީ އަޅުގަނޑުމެން ހޯލްސޭލް ކުރާ ތަކެތި. ކޯސްޓް ކިރާއި ޔޭޔޭ އާއި އަކްބަރު ސައިފަތް ކަހަލަ ވަރަށް އާންމު ބާވަތްތައް އެއީ އަޅުގަނޑުމެން ރާއްޖެ ގެންނަ އުފެއްދުންތައް،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ބަންދުކޮށްފައިވާ އަނެއް ފިހާރައަކީ އެމްއެޗްއޭ ޓްރޭޑާސް އެވެ. އެ ފިހާރައިގެ މާކެޓިން މެނޭޖަރު މުހައްމަދު ހިލާލު ވިދާޅުވީ، އެ ކުންފުނީގެ ފިހާރަތަކުން މާލެ އާއި ގިނަ ރަށްތަކަށް ވެސް ހޯލްސޭލްކޮށް ތަކެތި ވިއްކަ އެވެ. މީގެ އިތުރުން ރޯދައަށް ހާއްސަކޮށް އެންމެ ގިނަ އަދަދަކަށް ކަދުރު ގެންނަ އެއް އިމްޕޯޓަރަކީ ވެސް އެމްއެޗްއޭ އެވެ.
މާލެތެރެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކުއްލި ގޮތަކަށް މާލެ ވަނީ ލޮކްޑައުންކޮށްފައި-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
"ކަދުރު ވެސް އެބަހުރި. އެކަމަކު ޑެލިވަރީއެއް ނުކުރެވޭނެ. މާކެޓުގައި މިހުންނަ މައިލޯ އާއި ނީޑޯ އާއި ނެސްލޭގެ އިތުރުން ކްރަމްޕީ ފަދަ މަޝްހޫރު ތަކެއްޗަކީ މިކޮޅުން ޑިސްޓްރިބިއުޓް ކުރާ ތަކެތި،" އޭނާ ވިދާޅުވި އެވެ.
އެ ތަކެތި ޑެލިވަރީ ނުކުރެވޭ ނަމަ، ތަކެތީގެ ޝޯޓޭޖެއް ބާޒާރުގައި އައުމުގެ ފުރުސަތު އޮތް ކަމަށް އެމްއެޗްއޭއިން ދެކެ އެވެ.
ލިލީގެ ޗެއާމަން މައްލާ އަހުމަދު ނާސިރު (ނާބެ) އިއްޔެ ވިދާޅުވީ ލިލީގެ ފިހާރަތަކުގެ ހުރިހާ އޮޕަރޭޝަން ވެސް އެއްކޮށް ހުއްޓާލައިފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް އެކަން ދިމާވީ ރާއްޖޭގެ ވިޔަފާރީގެ ބާޒާރަށް އެ ކުންފުނީގެ ހިދުމަތް ވަރަށް މުހިންމުވެފައިވާ ދަނޑިވަޅެއްގައިކަން ނާބެ ފާހަގަކުރެއްވި އެވެ.
"އެޗްޕީއޭގެ ލަފާތަކަށް އަޅުގަނޑުމެން ފުރިހަމަ އަށް ކިޔަމަންވާނަން،" އޭނާ ވިދާޅުވި އެވެ. "[ވިޔަފާރި] ހުޅުވޭނެ ދުވަހެއް އަދި ނޭނގެ."
ބ. އަތޮޅުގެ ރަށެއްގެ ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުނީ، މި ދުވަސްވަރު މުދާ ހޯދަން ވަރަށް ބޮޑަށް އުނދަގޫ ވެއްޖެ ކަމަށެވެ.
"މިއީ މިކަހަލަ ދުވަސްކޮޅަކަށް ބަލާއިރު ވަރަށް ނަސީބު ދެރަކޮށް ދިމާވި ކަމެއް. މުދާ ލިބުން އެހާ ތާށިވެ، ރޯދަ އައިއިރު، އެންމެ ބޮޑެތި ހޯލްސޭލަރުން މީގެ ތެރޭގައި ތާށިވެފައި ތިބެން ޖެހުމަކީ ވަރަށް ދެރަކޮށް ދިމާވި ކަމެއް،" އޭނާ ބުންޏެވެ.
ބ. ދަރަންވަދޫގެ ފަރިހަނދު ޓްރޭޑަސްގެ ވެރިޔާ އަބްދުލްހަންނާން ޔޫސުފް ވިދާޅުވީ، މުދާ ހޯދުމުގައި ވަރަށް ބޮޑަށް ދަތި އެބަހުރި ކަމަށެވެ. ގިނަ ހޯލްސޭލަރުން ފޯނު ނުނަގާ އިރު، ބީއެޗްއެމް ކަހަލަ ތަންތަން ބަންދުކުރުމަކީ އިތުރު ދަތިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވެސް އެނގޭ މި ހާލަތުގައި ތަކެތި ހޯދުމަށް ދަތިވާނެ ކަން. ދެން ޑެލިވަރީތައް ލިބެންދެން ތިބުން ނޫން ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ވެސް ވަރަށް ގިނަ ފިހާރަތަކުން ވަނީ ވަރަށް ގިނަ ބާވަތްތަކުގެ މުދާ ހުސްވެފަ އެވެ. ރީޓެއިލް ބައެއް ވިޔަފާރިތަކުން ބުނަނީ ބާޒާރުމަތީގެ ވަރަށް ގިނަ ފިހާރަތައް ހުރީ ބަންދުކޮށްފައި ކަމަށާއި ހޯލްސޭލްކޮށް މުދާ ލިބޭނެ ގޮތެއް ނެތް ކަމަށެވެ.
"މިކަހަލަ ދަނޑިވަޅެއްގައި، އަޅުގަނޑުގެ ލަފައަކީ ބޮޑެތި ހޯލްސޭލަރުން ގެނެސްފައިވާ މުދާ ވިއްކޭނެ އެހެން އިންތިޒާމެއް ހަމަޖެއްސުން. މިސާލަކަށް ރާއްޖޭގެ އެންމެ ބޮޑު ތިން އިމްޕޯޓަރުން އެތިބީ ކަރަންޓީނުގައި. ރޯދަ މަސް އެ އޮތީ އައިސްފައި. އެހެންވީމަ މިވަގުތު އެތަންތަނުގައި ހުރި މުދާ އެހެން ބަޔަކަށް ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސުން މުހިންމު،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. "އަޅުގަނޑުގެ އުންމީދަކީ ސަރުކާރުން ވިސްނާނެ ކަމަށް. އެ މުދާތައް ކޮންމެވެސް ގޮތަކުންް އެ މީހުން ނޫން ބަޔަކަށް ވެސް ހޯލްސޭލް ކުރެވިދާނެ."
މުދާ ލިބުން ދަތިވެފައިވާ މައްސަލައަށް ހައްލު ހޯދަނީ
ޑެލިވަރީއަށް 3،400 ލައިސަންސް ދީފިން: މަބްރޫކް
ގިނަ މުދާ ހުރީ ކަސްޓަމްސްގައި ތާށިވެފައި:ވިޔަފާރިވެރިން
ޑެލިވަރީގެ ޚިދުމަތް 24 ގަޑިއިރު ދެވޭނެ
އެންމެ ގޯސްވިޔަސް ތަދުމަޑުކަމެއް ނާދިރު: ވިޔަފާރިވެރިން
އެފްއެޗްއޭއެމްގެ ކޯ ސްޕޮންސަރަކަށް ސިމްޑީ ގްރޫޕް
އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ
ހުދުމާ ފިހާރައިގެ ވެރިޔާ ނިޔާވެއްޖެ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް