Roadha Mihaaru
ގިނަ މުދާ ހުރީ ކަސްޓަމްސްގައި ތާށިވެފައި:ވިޔަފާރިވެރިން

މުދާތައް ސަޕްލައި ނުކުރެވެނީ ކަސްޓަމްސްގައި މުދާތައް ތާށިވެފައި ހުރުމުން: ވިޔަފާރިވެރިން

17 އެޕްރީލް 2020

ހޯލް ސޭލް ފިހާރަތަކުން ސަޕްލައި ނުކުރެވެނީ ގިނަ އަދަދެއްގެ މުދާ ކަސްޓަމްސްގައި ތާށިވެފައި ހުރުމުން ކަމަށް ބައެއް ވިޔަފާރިވެރިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހޯލް ސޭލް ފިހާރަތަކުން ސަޕްލައި ނުކުރެވެނީ ގިނަ އަދަދެއްގެ މުދާ ކަސްޓަމްސްގައި ތާށިވެފައި ހުރުމުން ކަމަށް ބައެއް ވިޔަފާރިވެރިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ޖެހިފައިވާ މީހަކު މާލެ އިން މިދިޔަ ބުދަ ދުވަހު ފެނުމާ ގުޅިގެން ދެ ދުވަހުގެ މުއްދަތައް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ފަހު އެ މުއްދަތު 14 ދުވަހަށް އިތުރު މިއަދު ކޮށްފައިވާއިރު ގިނަ ބަޔަކު ދަނީ ކާޑުގެ ބާވަތްތަކާއި އާއްމުކޮށް ބޭނުން ކުރާ ތަކެތި ނުލިބޭ ކަމުގެ ޝަކުވާ ކުރަމުންނެވެ.

ހޯލްސޭލް ފިހާރަތަކުން ބުނާގޮތުގައި އެ ބާވަތްތައް ލިބޭނީ ހޯލްސޭލް ކުރާ ތަންތަނުން ޑެލިވަރީ ކުރަން ފެށުމުންނެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް ވިދާޅުވީ ޑެލިވަރީ ކުރުމުގައި ދަތިތައް އުޅޭ ކަމަށާއި އެ ކަން ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި އެ ފިހާރަ އިން ވިއްކާ ތަކެތި ކުދި ފިހާރަތަކުން ހޯލްސޭލްކޮށް ނަގާތީ، ޒަރޫރީ ބައެއް ތަކެތި ހުސްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުން ގެންނަ ބައެއް ތަކެތި ވެސް ވަނީ ކަސްޓަމްސްގައި ތާށިވެފަ އެވެ. އެ ތަކެތި ކްލިއާ ނުކުރެވި ގިނަ ދުވަސް ވެއްޖެ ނަމަ ހަލާކުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިހާރު ވެސް ކަސްޓަމްސް ސަރަހައްދުގައި އެ ބަހުރި ފިޔާ، ބިސް، އަލުވި ކަހަލަ ތަކެތި ނުނެރެވި. ތިން ދުވަސްވެއްޖެ އެ ކްލިއާ ކުރަން މަސައްކަތް ކުރާތާ ވެސް،" ޝިޔާމް ވިދާޅުވި އެވެ.

ބީއެޗްއެމް ޓްރޭޑާސް އިން ބުނީ، މާދަމާ އިން ފެށިގެން ޑެލިވަރީގެ ހިދުމަތް ދޭން އެ ފިހާރައިން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ކުދި ފިހާރަތަކަށް ވެސް އެ ފިހާރައިން ހޯލްސޭލް ކުރާ މުދާ ލިބޭނެ ކަމަށް ބީއެޗްއެމުން ބުންޏެވެ.

ކުދި ފިހާރަތަކަށް އެންމެ ގިނައިން ކާޑުގެ ބާވަތްތައް ސަޕްލައި ކުރަނީ މާރުކޭޓުގައި ހުންނަ ފިހާރަތަކުންނެވެ.

އެ ސަރަހައްދުގައި ހޯލްސޭލްގެ ވިޔަފާރި ކުރަމުން އަންނަ ނިއުރޯން ޓްރޭޑިން އާއި އޮނެސްޓޯ ޓްރޭޑިންގެ ވެރިޔާ އަލީ ނަސީރު ވިދާޅުވީ އެ ފިހާރަ އަށް އަދި ޑެލިވަރީގެ ހުއްދަ ނުލިބޭ ކަމަށެވެ. އަދި ކަސްޓަމްސްގައި ތާށިވެފައި ގިނަ އަދަދެއްގެ މުދާ ހުރި ކަމަށާއި އެ މުދާ ކްލިއާ ކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަށް ހުއްދަ ލިބޭތޯ. އަޅުގަނޑުމެންނަށް ސަޕްލައި ނުކުރެވޭ ނަމަ ކުދި ފިހާރަތަކުން ދެތިން ދުވަސް ތެރޭގައި ކާޑުގެ ބާވަތްތައް ހުސްވެދާނެ. އެހެންވީމާ ސަރުކާރުން ވެސް އަޅުގަނޑުމެންނަށް މި ކަމުގައި އެއްބާރުލުން ދެއްވާ،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މުދާ ކްލިއާކޮށް ޑެލިވަރީގެ ހުއްދަ ދީފި ނަމަ ކުދި ފިހާރަތަކުގެ އިތުރުން އާއްމުންނަށް ވެސް ޑެލިވަރީގެ ހިދުމަތް ފޯރު ކޮށްދޭނެ އެވެ.