Roadha Mihaaru
އެންމެ ގޯސްވިޔަސް ތަދުމަޑުކަމެއް ނާދިރު: ވިޔަފާރިވެރިން

އެންމެ ގޯސްވިޔަސް ތަދުމަޑުކަމެއް އައުން ނާދިރު: ވިޔަފާރިވެރިން

19 މާޗް 2020

އެންމެން ވެސް މުދާ ގަނެ ފޮރުވަނީ އެވެ؛ އެހެންވެ، މި ރިޕޯޓަށް ވާހަކަ ދެއްކެވި ރާއްޖޭގެ ވަރަށް ވަރުގަދަ ވިޔަފާރިވެރިންނާ އަޅުގަނޑު ކުރި އެއް ސުވާލަކީ، މި ހާލަތުގައި ތި ގޭގައި ކާބޯތަކެތީގެ އެއްވެސް އެއްޗެއް ސްޓޮކް ކުރަން ހެއްޔޭ އެވެ؟

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

އެންމެން ވެސް މުދާ ގަނެ ފޮރުވަނީ އެވެ؛ އެހެންވެ، މި ރިޕޯޓަށް ވާހަކަ ދެއްކެވި ރާއްޖޭގެ ވަރަށް ވަރުގަދަ ވިޔަފާރިވެރިންނާ އަޅުގަނޑު ކުރި އެއް ސުވާލަކީ، މި ހާލަތުގައި ތި ގޭގައި ކާބޯތަކެތީގެ އެއްވެސް އެއްޗެއް ސްޓޮކް ކުރަން ހެއްޔޭ އެވެ؟

"ނޫން ނުކުރަން. ހަމަ ހަގީގަތުގައި ވެސް ނުކުރަން،" ރާއްޖެ އަށް އެންމެ ވަރުގަދަ އަށް އިމްޕޯޓް ކުރާ އެއް ކުންފުނި، ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން ވިދާޅުވި އެވެ.

އެއީ ކީއްވެގެންތޯ ދެންނެވުމުން އޭނާގެ ޖަވާބު ވަރަށް ސާފެވެ؛

"އަޅުގަނޑު މީގެ ތެރޭގައި އުޅޭތީ މީގެ ހުރިހާ މައުލޫމާތެއް އެބަ އެނގޭ. އެހެންވީމަ މުދާ ގަނެފައި ގޭގައި ސްޓޮކް ކުރުމުގެ ބޭނުމަކީ ކޮބައިތޯ. އެއީ ބޭކާރު ކަމެއްކަން އަޅުގަނޑަށް ވަރަށް ސާފުކޮށް އެބަ އިނގޭ،" އޭނާ ވިދާޅުވި އެވެ. "ހަގީގަތުގައި އެހެން އެ ވަނީ މީގެ ރަނގަޅު މައުލޫމާތުތައް އާންމުންނަށް ނޭނގޭތީ."

މިކަހަލަ ދަނޑިވަޅެއްގައި އެއްވެސް މީހަކު ޕެނިކް ނުވެ، އަދި ރަނގަޅު މައުލޫމާތު ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަން، ވިޔަފާރިވެރިޔާ އަދި ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓް ކުރާ އެއް ކުންފުނި، ލިލީ އެންޓަޕްރައިސަސްގެ ޗެއާމަން މައްލާ އަހުމަދު ނާސިރު (ނާބެ) ވެސް ފާހަގަކުރެއްވި އެވެ.

"މުދާ ހުސްވާނެ ހާލަތެއް އަދި ނާދޭ. އަޅުގަނޑުމެންނަށް ހަމަ ޔަގީން އަޅުގަނޑުމެން އެތެރެކުރާ އެއްވެސް ބާވަތެއް މިއިން ދުވަހަކު ހުސް ނުވާނެކަން އަދި އަގު ވެސް ބޮޑު ނުވާނެކަން. އަނެއްކޮޅުން އެންމެ ގޯސް ހާލަތަށް ދިޔަޔަސް އަޅުގަނޑު ނުދަންނަވާނަންް ކުރީ ޒަމާނުގައި އައި ކަހަލަ ތަދުމަޑުކަމެއް ނުވަތަ ބަނޑަށް ޖެހުން ކަހަލަ ކަމެއް ކުރިމަތިވާނެއެކޭ ވެސް،" އާންމު ވިޔަފާރީގެ ތަޖުރިބާކާރު ވިދާޅުވި އެވެ. "އެހެންވެ މުދާ ސްޓޮކް ކުރުމަކީ ބޭކާރު ކަމެއް."

މާލޭ ބަނދަރުގައި އޮތް ބޯޓަކަށް މުދާ އަރުވަނީ: އަތޮޅުތެރެއަށް ކާޑުގެ ބާވަތްތައް ގެންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. --ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މާލޭ ބަނދަރުގައި އޮތް ބޯޓަކަށް މުދާ އަރުވަނީ: އަތޮޅުތެރެއަށް ކާޑުގެ ބާވަތްތައް ގެންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. --ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެކަމަކު ކޮރޯނާ ވައިރަސްގެ ބިރުވެރިކަމާ އެކު، ވަރަށް ގިނަ ފިހާރަތަކުގެ ޝެލްްފްތައް އެތައް ބަޔަކު ވިޔަފާރިކޮށްގެން ވަނީ ހުސްކޮށްލައިފަ އެވެ. ބައެއް ގޭގޭގައި މިހާރު ވެސް ސްޓޮކް ހަދައިފި އެވެ. ރަހުމަތްތެރިން ވެސް އަދި އާއިލާގެ މީހުން ވެސް ނަސޭހަތް ދެނީ ތަކެތި ގަނެ ފޮރުވާފައި ބަހައްޓާށެވެ! އެކަމަކު އޭގެ ކުރިން ވިޔަފާރިވެރިންގެ ވާހަކަ އަޑުއަހާލުން ވެސް މުހިންމެވެ.

"މައްސަލައެއް ނެތް، މުދާ ސްޓޮކް ކުރަންޏާ ކިހާ ދުވަހަކަށް ބާ ސްޓޮކް ކުރެވޭނީ؟ މީތި ދެމިގެން ދާނީ ކިހާ ދުވަހަކަށް ކަން ނޭނގޭއިރު އެއް ހަފުތާ އަށް ނޫނީ ދެ ހަފުތާ އަށް މުދާކޮޅެއް ގަނެ ފޮރުވުމުގެ ބޭނުމެއް އެބައޮތްތޯ،" ރާއްޖެ އަށް ގިނަ އަދަދަކަށް ކާބޯތަކެތި އެތެރެކުރާ "ސޯސަން" ފިހާރަތަކުގެ އެއް ޑިރެކްޓަރު މުހަންމަދު ވަހީދު (ވަހިއްޓީ) ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެންނަ ހުރިހާ ބާވަތެއް ވެސް ދެ މަހަށް ވާވަރަށް އެބަހުރި."

ރާއްޖޭގައި ކާޑުގެ ބާވަތްތައް ތިން މަސް ދުވަހަށް މިހާރު ވެސް އެބަހުއްޓެވެ. އެނގިފައިވާ ގޮތުގައި މީގެ ހަފުތާއެއް ކުރިން ބެލިއިރު، ކާޑުގެ އިތުރުން ރާއްޖޭގައި އަސާސީ ކާބޯތަކެތި ވެސް ތިން މަހަށް ވާ ވަރަށް އެބަހުއްޓެވެ. އެ ހުސްވެއްޖެ ނަމަ ނުވަތަ ކިރިޔާ ވެސް ޑިމާންޑް ބޮޑުވެއްޖެ ނަމަ އަވަސް އަވަހަށް ގެނައުމުގެ އިންތިޒާމު ވެސް އޮތީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، އާންމުކޮށް ގޭގެ އަށް ބޭނުންވާ އެހެނިހެން ކާބޯތަކެތި ވެސް ޖޫން މަހުގެ ނިޔަލަށް ބޭނުންވާ ވަރަށް ބާޒާރުގައި ހުރި ކަމަށް ވެ އެވެ. ބިހާއި ފިޔާ އަދި އަލުވި ވެސް އެބަހުއްޓެވެ. ރާއްޖޭގައި އުފައްދާ ތަކެތީގެ ތެރެއިން އެންމެ އާންމު ބޭނުންތަކުގައި ބޭނުން ކުރާ ދަޅު މަސް ހުސްނުވާ ވަރަށް އުފައްދާފައި އެބަހުރި ކަމަށް މިފްކޯ އިން ވެސް އެބަ ބުނެ އެވެ. އަދި ރާއްޖެ އަށް އާންމުކޮށް ބޭނުންވާ ކާބޯތަކެތީގެ ސަޕްލައި އަށް ވެސް އެއްވެސް ދައްޗެއް ނެތް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

"މިސާލަކަށް ރާއްޖެ އަށް ފިނިކުރި ކުކުޅު ގެންނަ މިތިބީ ފަސް ބަޔަކު. އަޅުގަނޑުމެން މި ފަސް ފަރާތުން ކުކުޅު އެތެރެކުރަމުންދާނެ މަދު ނުވާ ވަރަށް. މިހާރު ވެސް ހަމައެކަނި އަޅުގަނޑުމެންގެ ހަތް ކޮންޓެއިނަރުގެ ކުކުޅު އެމްޕީއެލްގައި އެހެރީ ނެރެންވެފައި،" އިހުސާން ވިދާޅުވި އެވެ.

"މުދާ ހުސްނުވާނެ ކަމުގެ ޔަގީން ކަމަކީ މި ހާލަތުގައި ވެސް ހުރިހާ ގައުމެއްގައި އެބަ ޕްރޮޑިއުސް ކުރޭ ހުރިހާ އެއްޗެއް ވެސް. އެކަމަކަށް ނާދޭ އެއްވެސް ބަދަލެއް. އެހެންވެ ކާބޯތަކެތި މަދުވެގެން ތަދުމަޑުކަމެއް ނުވަތަ ބަނޑުހައިހޫނު ކަމެއް އައުމަކީ ވަރަށް ނާދިރު ކަމެއް. އެކަމާ އެކަކު ވެސް ވިސްނާނެ ކަމެއް ނެތް. އަޅުގަނޑަށް ދެންނެވިދާނެ އެއީ އިރާދަކުރެއްވިއްޔާ ނުވާނެ ކަމެކޭ ވެސް."

މުދާ ހުސްނުވާނެ ކަމުގެ ޔަގީން ކަމަކީ މި ހާލަތުގައި ވެސް ހުރިހާ ގައުމެއްގައި އެބަ ޕްރޮޑިއުސް ކުރޭ ހުރިހާ އެއްޗެއް ވެސް. އެކަމަކަށް ނާދޭ އެއްވެސް ބަދަލެއް. -- އިހުސާން

އިހުސާން ވިދާޅުވި ގޮތުގައި އެ ކުންފުނިން އެތެރެ ކުރާ ކާބޯތަކެތީގެ ހުރިހާ އެއްޗެއް މިހާރު ވެސް ޖޫން މަހާ ހަމައަށް ހުރީ ޔަގީން ކުރެވިފަ އެވެ. މީގެ އިތުރުން ރޯދަ އަށް ދީފައިވާ އޯޑަރުތަކުގައި ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި އެންމެ މުހިންމު ކަމަކީ ކަމުގެ ތަޖުރިބާކާރުންގެ ވާހަކަތައް އެހުން. އަޅުގަނޑުމެންް ޔަގީންކަން މި ދެނީ މި ތަކެތި ހުސްނުވާނެ ކަމުގެ. އެހެންވެ ސްޓޮކް ކުރުމުގެ ބޭނުމެއް ނެތް،" އޭނާ ވިދާޅުވި އެވެ. "ސްޓޮކް ކުރަން ވެއްޖިއްޔާ އެހެން މައްސަލަތަކެއް ކުރިމަތިވެދާނެ."

ލޯކަލް މާރުކޭޓު ސަރަހައްދު: ދިވެހި އުފެއްދުންތަކަށް ހުރަހެއް ނެތް، މާކެޓް ވެސް އެބައޮތް -- ފައިލް ފޮޓޯ: މިހާރު

ލޯކަލް މާރުކޭޓު ސަރަހައްދު: ދިވެހި އުފެއްދުންތަކަށް ހުރަހެއް ނެތް، މާކެޓް ވެސް އެބައޮތް -- ފައިލް ފޮޓޯ: މިހާރު

ނާބެ ވެސް ވިދާޅުވީ ލިލީން އެތެރެކުރާ މުދާ ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ޕެނިކްވެގެންް ނުބައި ނިންމުންތައް ނިންމަންވީ ދަނޑިވަޅު ނޫންް ކަމަށާއި މިއީ ކަމާ ބެހޭ ފަރާތްތަކުގެ ބަސް އަހައިގެން އަމަލުކުރަންވީ ވަގުތު ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިން ޕެނިކްވާ މައިގަނޑު އެއް ސަބަބަކީ ކުރިން ތަދުމަޑުކަމެއް ތަހަންމަލް ކުރަން ޖެހިފައިވާތީ ކަމަށް ވިޔަސް، މިހާރު އެ ބިރެއް ނެތް ކަމަށެވެ.

"ކޮލެރާގައި ތަދުމަޑުކަން ނޫނިއްޔާ ބަނޑުހައިހޫނުކަން ކުރިމަތިވީ އޭރު އެއީ މުޅިން އެހެން ކަމެއް. އޭރު ސަރުކާރުން އެކަނި އިމްޕޯޓް ކުރަނީ ވެސް. އަމިއްލަ ވިޔަފާރިވެރިން އެތެރެކުރަނީ ވަރަށް ކުޑަ މުދާކޮޅެއް. އޭރު އަޅުގަނޑަށް އެނގިފައި އޮތީ ވެސް އޮންނާނީ އެންމެ ބޯޓެއް. އެއީ އެމްއެންއެސްއެމްއެލްގައި އޮތް ބޯޓު. އެކަމަކު މިހާރު ބޯޓުފަހަރު އެބައޮތް. ދުނިޔެ މިއޮތީ ހުޅުވިފައި. ބޯޓުފަހަރުގެ ދުވެލި ވެސް މިހާރު އެހާ ބާރު،" އޭނާ ވިދާޅުވި އެވެ. "މިހާރު ހާލަތު ބަދަލުވެއްޖެ. އެހެންވީމަ ކުރިން ޖެހުނު ކަހަލަ ބިރުވެރިކަމެއް ކުރިމައްޗެއް ނުވާނެ އިރާދަކުރެއްވިއްޔާ."

"އެންމެ ގޯސް ހާލަތަށް ދިޔަޔަސް ކާބޯތަކެތި ހުސްވެ ނުކައި ތިބެން ހާލަތަކަށް ދިއުން މިހާރު އެއީ ނާދިރު ކަމެއް. އެންމެ ގޯސް ހާލަތަކަށް ދިޔަޔަސް މުދާ ލިބޭނެ. ކިރިޔާ ކަމެއް ދިމާވިޔަސް އަޅުގަނޑަށް ލަފާކުރެވެނީ ދިމާވާނެ ހަމައެކަނި މައްސަލައަކީ ކޮންމެވެސް ވަރެއްގެ ޑިލޭއެއް އުޅުން. އެކަމަކު އެއީ އާންމުންނަށް އެނގޭ ވަރުގެ ޑިލޭ އަކަށް ނުވާނެ."

ވަހިއްޓީ ވިދާޅުވަނީ މުދާ އެތެރެކުރުމުގައި ދިމާވިޔަސް ދިމާވާނެ މައްސަލައަކީ ޑޮލަރުގެ ތާށިކަން އެކަންޏެވެ. އެހެންވެ ޒަރޫރީ ނުވަތަ ކާބޯތަކެތި ގެންނަން ސަރުކާރުން ޑޮލަރު ލިބޭ ގޮތް ހަމަޖައްސައިފި ނަމަ، ރާއްޖޭގެ އެންމެންނަށް ބޭނުންވާ ކާބޯތަކެތި އެތެރެ ކުރުމުގެ ގާބިލްކަން އަމިއްލަ ވިޔަފާރިވެރިންގެ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެން ބައެއް ވިޔަފާރިވެރިން ވެސް އެކަން ފާހަގަކުރެއްވި އެވެ.

ވިޔަފާރިވެރިން ބުނަނީ އެންމެން ސްޓޮކެއް ހަދައިފި ނަމަ އެއީ މުދާ ހުސްވެ އޭގެ ބޭނުން ހަގީގަތުގައި ޖެހޭ މީހާ އަށް ދެވޭ ވަރަށް ބޮޑު ލަނޑެއް ކަމަށެވެ. ފައިސާ ހުރި މީހުން ގޭގައި މުދާ ގަނެ ފޮރުވާފައި ބަހައްޓަން ވިސްނާއިރު ރާއްޖެ އަށް މުދާ އިމްޕޯޓް ކުރާ މީހުން މުދާ ގެންނަނީ އެންމެންނަށް ބޭނުންވާ އަދި އާންމުކޮށް ވިކޭ ގޮތްތައް ދިރާސާކޮށްގެން ކަން ވިޔަފާރިވެރިން ފާހަގަކުރެ އެވެ.

"މިސާލަކަށް ހެޕީ މާކެޓުން ވިއްކާ މުދާ މާލޭގެ ކަންމަތީ ފިހާރަތަކުން ގަނެ ހުސްކޮށްލައިފި ނަމަ ދެން ރަށްރަށަށް ފޯރުކޮށްދޭން ދުވަސްކޮޅެއް ނަގާނެ. މާނައަކީ ފިހާރަތަކުން ވެސް މިހާރު ގިނައިން ނަގާ ނަމަ އެއީ ކުރަން ރަނގަޅު ކަމެއް ނޫނޭ. ކުރިން ވެސް ހަމަ ވިޔަފާރި ކުރަމުންދާ ގޮތަށް ދިއުމުގެ ހާލަތަކަށް އަދި ބަދަލެއް ނާދޭ،" އިހުސާން ވިދާޅުވި އެވެ. "އެންމެންނަށް ވެސް ހަމަހަމަ ކަމާ އެކު މުދާ ލިބުން މިއީ މުހިންމު ކަމެއް."

އެންމެ ގޯސް ހާލަތަށް ދިޔަޔަސް ކާބޯތަކެތި ހުސްވެ ނުކައި ތިބެން ހާލަތަކަށް ދިއުން މިހާރު އެއީ ނާދިރު ކަމެއް. -- ނާބެ

ބާޒާރުމަތީގައި ހޯލްސޭލް ކުރާ ބައެއް ވިޔަފާރިވެރިން ބުނާ ގޮތުން ވިޔަފާރީގެ ނާޖާއިޒް ފައިދާތައް ނަގަން އާންމުން ވެސް އަދި ބައެއް ވިޔަފާރިވެރިން ވެސް މި ދުވަސްވަރު އެބަ މަސައްކަތް ކުރެ އެވެ. އެކަމަކު މިއީ އެކަހަލަ ކަމެއް ކުރަން އޮތް ވަގުތެއް ނޫން ކަމަށް ވާތީ އެކަންކަން ހުއްޓާލަން، ރާއްޖޭގެ މައި ވިޔަފާރިވެރިން އިލްތިމާސްކުރެ އެވެ.

"އެގޮތަށް ބަލްކްކޮށް އެއް ބަޔަކު ނަގަންޏާ ދެން އަޅުގަނޑުމެން ޖެހޭނީ ކޮންޓްރޯލް ކުރަން. އަޅުގަނޑުމެންގެ އަތުގައި ސްޓޮކް ހުރީއެއް ނޫންް. އެކަމަކު ހުއްޓަސް އެއްބަޔަކަށް ވިއްކުމަކީ އަޅުގަނޑުމެެން ކުރާނެ ކަމެއް ނޫން،" ބާޒާރުމަތީގެ އެއް ފިހާރައަކުން ބުންޏެވެ.

އިހުސާން ވެސް ވިދާޅުވީ މިއީ އެކަކު އަނެކަކަށް އެހީތެރިވާންވީ ވަގުތު ކަމަށާއި ވިޔަފާރިވެރިން ވެސް އެކަމުގައި ނަމޫނާ ދައްކަންވީ ވަގުތު ކަމަށެވެ. މުދާ ގަނެ ސްޓޮކްކޮށްފައި، ޑިމާންޑުގެ ތެރޭގައި ބޮޑު އަގުގައި އެ ވިއްކުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ސެނިޓައިޒާ ގެންނަ ވާހަކަ ވެސް އަޅުގަނޑު ފޭސްބުކްގައި އިއުލާން ކުރީ އަޅުގަނޑުމެން ވިއްކާ ސެނިޓައިޒާ ޑަބަލް އަގުގައި ބަޔަކު ވިއްކަން ފެށީމަ. މިކަހަލަ ކަންތައްތައް ކޮށްގެން ނުވާނެ އެކަކު ވެސް،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ވިޔަފާރީގެ ބާޒާރު އަދި މިއޮތީ ރަނގަޅު ހާލަތެއްގައި މުދާ ގެނައުމުގައި. ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެންގެ މުދާ ހުހެއް ނުވާނެއޭ."

ހަމައެގޮތަށް އެ ޔަގީންކަން އެހެން އިމްޕޯޓަރުން ވެސް ދެއްވަ އެވެ. އެހެންވީމަ، އެކަމަށް ރައްޔިތުން ހާސްވެ ކަންބޮޑުވާންވީ ކަމެއް ނެތެވެ. އާންމު ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތައް މުޅިންހެން އެތެރެކުރަނީ އަމިއްލަ ފަރާތްތަކުން ކަމަށް ވާއިރު، އެ ފަރާތްްތައް ވެސް އޮތީ މިކަހަލަ ހާލަތަކަށް ތައްޔާރަށެވެ. އެ އެންމެންގެ ވެސް ނަސޭހަތަކީ މި އެވެ؛ ޕެނިކްނުވެ، މިކަމުން ސަލާމަތްވާން ކެތްތެރިވެ ތިބޭށެވެ.