Roadha Mihaaru
ލޮކްޑައުން އަށް ފަހު ވެސް މި ބައްޔާ އެކު އުޅެން ޖެހޭ

ލޮކްޑައުން އަށް ފަހު ވެސް މި ބައްޔާ އެކު އުޅެން ދަސްކުރަން ޖެހޭ: ޑރ. އަފްޒަލް

25 އެޕްރީލް 2020

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދަށް ގެނެސްފައިވާ ލޮކްޑައުން ހާލަތު އާންމު ހާލަތަށް ބަދަލުކުރުމަށް ފަހު ވެސް މި ބައްޔާ އެކު އުޅެން އެނގެން ޖެހޭ ކަމަށް އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދަށް ގެނެސްފައިވާ ލޮކްޑައުން ހާލަތު އާންމު ހާލަތަށް ބަދަލުކުރުމަށް ފަހު ވެސް މި ބައްޔާ އެކު އުޅެން އެނގެން ޖެހޭ ކަމަށް އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅޭ ނޫސްވެރިންގެ ސިލްސިލާ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއެއްގެ ބޭނުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވައި މިހާރު ބަލި ޖެހިފައި ހުރި މީހުން ހޯދައި "ސާފު" ކޮށްލުން ކަމަށެވެ. މި ބައްޔަކީ 14 ދުވަހުގެ އިންކިއުބޭޝަން ޕީރިއަޑެއް އޮންނަ ބައްޔެއް ކަމުން ބޮޑަށް ލަފާ ކުރެވެނީ ކުރިއަށް އޮތްތަނުގައި ވެސް ބަލި ޖެހިފައިވާ މީހުން ފެންނާނެ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މި ބަލީގެ ހާލަތަށް ބަލައި ލޮކްޑައުން އުވާލުމަށް ފަހު ވެސް އަނބުރާ އާންމު ދިރިއުޅުމަށް ބަދަލުވާން ދުވަސް ނަގާނެ ކަމަށެވެ.

މިރޭގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑރ. މުރާދު، މަބްރޫކް، ޑރ. އަފްޒަލް އަދި ޑރ. އަސީލް

މިރޭގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑރ. މުރާދު، މަބްރޫކް، ޑރ. އަފްޒަލް އަދި ޑރ. އަސީލް

"ލޮކްޑައުންގެ ހާލަތު ނިމިގެންދާއިރު ވެސް އަޅުގަނޑުމެންނަށް ވަރަށް ދުވަސް ނަގާނެ އަނބުރާ އެންމެ އިހުގެ ދިރިއުޅުމަށް ބަދަލުކުރަން. ދުވަސްތަކަކަށް އަޅުގަނޑުމެން ޖެހޭނެ ކޮވިޑްއާ އެކުގައި ދިރިއުޅެން ދަސްކުރަން. އަބަދަކު ލޮކްޑައުންއެއްގައި ވެސް ނުތިބެވޭނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޗައިނާގެ ވޫހާން ސިޓީގައި އުފަން ވެގެން އައިސް ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 މި ބައްޔަކީ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. އަދި ގައިން ގަޔަށް އަރާ މި ބަލިން ރައްކާތެރިވުމަށް އޮތް ގޮތަކީ ވީހާވެސް ގައިދުރުކަން އިސްކޮށް ސާފުތާހިރުވެ ގިނަ ގިނައިން އަތް ދޮވުން ކަމަށް ސިއްހީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ. އަދި މިކަމުގެ އިރުޝާދުތައް ވެސް އަންނަނީ ދެމުންނެވެ.

ރާއްޖެ އިން މިހާތަނަށް މި ބަލި ޖެހިފައިވާ 128 މީހުން ފެނިފައިވާއިރު 16 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި މީގެ ތެރެއިން 108 ކޭސް ފެނިފައި ވަނީ މާލޭންނެވެ. މި މަހުގެ 15 ވަނަ ދުވަހު މާލެ އިން މި ބަލީގެ ފުރަތަމަ ކޭސް ފެނުމާ އެކު މުޅި މާލެ ވަނީ 14 ދުވަހުގެ ފުލް ލޮކްޑައުންއަކަށް ގެނެސްފަ އެވެ.