Roadha Mihaaru
އަބްދުއްރަހީމް، އިންތިހާބުގެ ތައްޔާރީތަކުގެ ބޮޑަކަށް

އަބްދުއްރަހީމްގެ ބެލުމުގެ ދަށުން ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތައް ކުރިޔަށް ގެންދަން ނިންމައިފި

14 އޮކްޓޯބަރ 2016

ދެ ފެކްޝަންގެ މެދުގައި ހިޔާލު ތަފާތުވެ ހިންގުމުގެ ކަންތައްތަކުގައި މަރުތަޅު އެޅިފައިވާ، ޕީޕީއެމް އިން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ކަންތައްތައް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދަން ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދެ ފެކްޝަންގެ މެދުގައި ހިޔާލު ތަފާތުވެ ހިންގުމުގެ ކަންތައްތަކުގައި މަރުތަޅު އެޅިފައިވާ، ޕީޕީއެމް އިން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ކަންތައްތައް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދަން ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނިންމައިފި އެވެ.

ރައީސް ޔާމީނަށް ބައިއަތު ހިފައިފައިވާ އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ދަރުބާރުގޭގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ދީފައި ވަނީ ވަރަށް ކުރު މުއްދަތެއް ކަމުން އެ މުއްދަތު އިތުރުކުރަން ކައުންސިލާ ވާހަކަދައްކާނެ ކަމަށެވެ.

"އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުން ފޯމްތައް ފޮނުއްވަންވީ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަބްދުއްރަހީމަށް. އަބްދުއްރަހީމާ ވާހަކަދައްކައިގެން މި ކަންތައްތައް ހަމަޖެއްސުން ރަނގަޅުވާނެ،" ޒަމީރު ވިދާޅުވި އެވެ.

"މި އިންތިހާބުގެ ކަންތައްތައް ދާނީ އަބްދުއްރަހީމްގެ ބެއްލެވުމުގެ ދަށުން. މިކަހަލަ އިންތިހާބެއް ކާމިޔާބުކުރަން ބޭނުންވާނީ ހަމައެކަނި ޕާޓީގެ އޮފީހެއް ނޫން. ރަށްރަށުގައި ވެސް ހުންނަ އޮފީސްތަކާއި ޖަގަހަތައް މެދުވެރިކޮށްގެން މަސައްކަތްކުރާނީ. [މިއީ] އަޅުގަނޑުމެން އެއްގޮތަކަށް ޕާޓީގެ އޮފީސް ބައިޕާސްކުރާކަށް ނޫން،" އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ޕީޕީއެމުން މި އަހަރު ބޭއްވި ތިން ވަނަ ކައުންސިލް ބައްދަލުވުމުގައި އިންތިހާބުގެ ކަންތައްތައް ޕާޓީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަބްދުއްރަހީމްގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ޒަމީރު އެހެން ވިދާޅުވިއިރު ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ޕީޕީއެމުން ދީފައިވާ މުއްދަތު އަންނަ އާދީއްތަ ދުވަހު ހަމަވެ އެވެ.

އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ އެންމެ ބޮޑަށް އިސްކަން ދެނީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވާން ކަމަށެވެ. އަދި އިންތިހާބުގެ ކަންތައް އަބްދުއްރަހީމާ ގުޅުއްވައިގެން ކުރިޔަށް ގެންދެވުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ފޯމާ އެކު 150ރ. ހުށަހަޅަން ޖެހޭ ކަމަށް އިއުލާންކޮށްފައިވީ ނަމަވެސް އެ ފައިސާ ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަދި އެކަހަލަ ނިންމުންތައް ނިންމޭނީ ޕާޓީގެ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ފައިސާ ދައްކާފައި ހުރި ފަރާތްތަކަށް ވެސް އެ ފައިސާ އަނބުރާ ހޯދައިދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިޔަށް ގެންދާނަން،" ހަލީލް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އިއުލާންކުރުމުގެ ޕީޕީއެމްގެ ބައެއް މެމްބަރުން މިހާރު ފޯމު ހުށަހަޅަނީ ޕާޓީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ކޮންޓްރޯލްގެ ދަށުގައި އޮތް އޮފީހަށެވެ. ރައީސް ޔާމީނަށް ތާއީދުކުރާ މީހުން ފޯމް ހުށަހަޅަނީ އެމަނިކުފާނުގެ ކެމްޕޭން އޮފީހަށެވެ.