Roadha Mihaaru
"އިންތިހާބަށް 250އަށްވުރެ ގިނަ ފޯމު ލިބިއްޖެ"

ކައުންސިލް އިންތިހާބުގެ 250 އަށް ވުރެ ގިނަ ފޯމް ލިބިއްޖެ: މައުމޫން ފެކްޝަން

18 އޮކްޓޯބަރ 2016

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް 250 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް 250 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން މިއަދު ބުނެފި އެވެ.

އެ ފެކްޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އަބްދުﷲ އަލީމް ވިދާޅުވީ އެ އޮފީހަށް 250 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށާއި އަދި އެ ފޯމުތައް ޕްރޮސެސްކުރަމުން އަންނަ ކަމަށެވެ.

ޕީޕީއެމްގެ މައުމޫން ފެކްޝަންގެ ފަރާތުން ކައުންސިލް އިންތިހާބަށް ކުރިމަތިލާ މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަންނަ މަހުގެ ކުރީކޮޅު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ މީހުންނަށް ޓިކެޓު ހަވާލުކޮށްދެއްވާނީ ރައީސް މައުމޫން ސޮއިކުރައްވުމަށް ފަހުގައި ކަމަށް އަލީމް ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމް އިންތިހާބީ ކޮމެޓީގެ މެމްބަރު އަލީ ރަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތްތައް ވެސް ހިނގަމުންދާނީ އެ ޕާޓީގެ އިންތިހާބީ ކޮމެޓީ އަދި ބައި އިލެކްޝަން ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ މީހުން، އަންނަ އާދިއްތަ ދުވަހުގެ ކުރިން ޕީޕީއެމްގެ މައި އޮފީހަށް ފޯމު ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެ ފެކްޝަނުން ވަނީ އެދިފަ އެވެ.

ޕީޕީއެމް އިން 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރީ އެމްޑީއޭއާއެކު ކޯލިޝަނެއް ހަދައިގެންނެވެ. އެ އެއްބަސްވުމުގެ ދަށުން، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބުގެ ގޮނޑިތައް ބަހާފައި ވަނީ ދެ ޕާޓީ ގުޅިގެންނެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ރަޝީދު ވިދާޅުވީ މައުމޫން ފެކްޝަނާ ގުޅިގެން އިންތިހާބު ކުރިއަށްގެންދަން އެމްޑީއޭ އިން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އަދި އެކަމުގެ މަޝްވަރާތައް ޕީޕީއެމްގެ މައުމޫން ފެކްޝަނުން ކުރަމުން އަންނަ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ދަރުބާރުގޭގައި އާ އޮފީހެއް ހަދައި އެ އޮފީހުން ފޯމު ބަލައިގަންނަން ފަށައިފަ އެވެ.