Roadha Mihaaru
ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފި

ކައުންސިލް އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން އަލުން ނިންމައިފި

24 އޮކްޓޯބަރ 2016

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން އަލުން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން އަލުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމީ އިންތިހާބުގައި ގައުމީ ލަފާ ދޭ ކޮމެޓީގެ ލަފާގެ މަތިން ކަމަށެވެ.

"މީގެ ކުރިން ބޭއްވި އިންތިހާބުތަކެކޭ އެއްގޮތަށް ރާއްޖޭން ބޭރުގައި ފޮށި ބަހައްޓާނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓު ފޮށިތައް ބަހައްޓާނީ ވޯޓު ލާން 1،000 މީހުންނަށް ވުރެ ގިނައިން ރަޖިސްޓްރީކުރާ ގައުމުތަކުގައި އެކަނި ކަމަށެވެ. މީގެ ކުރިން 2014 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މެލޭޝިއާ، އިންޑިއާ އަދި ސްރީ ލަންކާގައި ވޯޓު ފޮށި ބެހެއްޓި އެވެ.

ރާއްޖޭން ބޭރުގައި ވޯޓު ފޮށިތައް ބަހައްޓަން އަލުން ނިންމީ ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އަނބުރާ ގެންދަން އިދިކޮޅު ޕާޓީތަކުން ގޮވާލާފައިވަނިކޮށެވެ. އެ ޕާޓީތަކުން ދެކޭ ގޮތުގައި އިލެކްޝަނުން އެގޮތަށް ނިންމީ ގިނަ އަދަދެއްގެ ދިވެހިން ވޯޓު ލުމުން މަހްރޫމް ކުރުމަށެވެ.

ނަމަވެސް ކޮމިޝަނުން ކުރިން ބުނީ ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ފަހު ކަމަށެވެ. މީގެ ކުރިން ބޭއްވި ހުރިހާ އިންތިހާބެއްގައި ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ބެހެއްޓި ނަމަވެސް އެއީ އެހެން ގައުމުތަކުގެ ކައުންސިލް އިންތިހާބުތަކުގައި ވެސް އަމަލުކުރާ އުސޫލެއް ނޫން ކަމަށް ކޮމިޝަނުން ބުނެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ 14 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 653 ކައުންސިލަރުން އިންތިހާބުކުރެ އެވެ. އެއީ 179 ރަށު ކައުންސިލަށް 563 ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަށް 67 އަތޮޅު ކައުންސިލަރުން އަދި ތިން ސިޓީ ކައުންސިލަށް 23 ސިޓީ ކައުންސިލަރުންނެވެ.