Roadha Mihaaru
ބޭންކްގެ ހިދުމަތްތައް ދޭނީ ހޯމަ އާއި ބުދައިގައި

އަންނަ ހަފްތާގައި ވެސް ބޭންކްގެ ހިދުމަތްތައް ދޭނީ ހޯމަ އާއި ބުދަ ދުވަހު

30 އެޕްރީލް 2020

މާލެ ލޮކްޑައުންގައި އޮތުމުގެ ސަބަބުން އަންނަ ހަފްތާގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭނީ ހޯމަ އާއި ބުދައިގައި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލެ ލޮކްޑައުންގައި އޮތުމުގެ ސަބަބުން އަންނަ ހަފްތާގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭނީ ހޯމަ އާއި ބުދައިގައި އެވެ.

އެ ދެ ދުވަހު ބޭންކްގެ ހިދުމަތްތައް ދޭނީ ހެނދުނު 9:30 ން 12:00 އަށެވެ. މި ހަފްތާގައި ވެސް ބޭންކުން ހިދުމަތް ދިނީ އެ ދެ ދުވަހު އެވެ.

ބޭންކްގެ ހިދުމަތް ދޭ މި ވަގުތުތަކުގައި ބީއެމްއެލްގެ އޮފީސްތައް ބަންދުކޮށްފައި ހުރި ނަމަވެސް އޮންލައިންކޮށް ހިދުމަތް ލިބޭނެ އެވެ. މީގެ ތެރޭގައި ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމާއި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ޗެކްތަކަށް ފައިސާ ޖަމާ ކުރުމާއި ބޭންކް ޓްރާންސްފާ ފަދަ ހިދުމަތްތައް ހިމެނެ އެވެ.

ބީއެމްއެލުން ބުނީ މި ހިދުމަތްތަކުގެ ތެރެއިން ކުންފުނިތަކާއި އޮފީސްތަކުގެ މުސާރަތައް ޖަމާކޮށްދޭން އެދި ހެނދުނު 10:00 ގެ ކުރިން ހުށަހަޅާ ފޯމުތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. އަދި ބޭރަށް ފައިސާ ފޮނުވަން ހެނދުނު 11:00 ކުރިން ފޯމު ހުށަހެޅުމުން އެއް ދުވަހުން ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ދޭ ހިދުމަތްތަކުގެ ތެރެއިން ނަގުދު ފައިސާގެ މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުން އޭޓީއެމް މެދުވެރިކޮށް، އެ މުއާމަލާތް ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އޭޓީއެމް މެދުވެރިކޮށް، ފައިސާ ޖަމާ ކުރެވޭ އަދަދު ވެސް ބީއެމްއެލުން އިއްޔެ ވަނީ އިތުރުކޮށްފަ އެވެ. މިހާރު އަމިއްލަ ފަރާތްތަކަށް 100،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭއިރު ވިޔަފާރިތަކަށް 500،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭނެ އެވެ.

ބީއެމްއެލްގެ އިތުރުން އެހެން ގިނަ ބޭންކްތަކުން ވެސް ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، މާލޭގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެހީތެރިވުން ކަމަށް އެ ބޭންކުން ބުނެ އެވެ. މި ބައްޔަށް މިހާތަނަށް 280 މީހުން ޕޮޒިޓިވްވެފައިވަނީ މި ބަލީގައި އެކަކު ވަނީ މަރުވެފަ އެވެ.