Roadha Mihaaru
ރެއާލުން ފަސް ކުޅުންތެރިން ވިއްކާލަން ތައްޔާރު

ރެއާލުން ފަސް ކުޅުންތެރިން ވިއްކާލަން ތައްޔާރު

03 މެއި 2020

މެޑްރިޑް (މެއި 3) - މި ސީޒަނަށް ފަހު ފެށޭ ޓްރާންސްފާ މާކެޓްގައި ރެއާލް މެޑްރިޑުން ފަސް ކުޅުންތެރިޔަކު ވިއްކާލަން ތައްޔާރުވެފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މެއި 3) - މި ސީޒަނަށް ފަހު ފެށޭ ޓްރާންސްފާ މާކެޓްގައި ރެއާލް މެޑްރިޑުން ފަސް ކުޅުންތެރިޔަކު ވިއްކާލަން ތައްޔާރުވެފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެއާލުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި ހިމަނާފައިވަނީ ގަރެތު ބޭލް، ހަމޭސް ރޮޑްރިގޭޒް، ލޫކަ މޮޑްރިޗް، ލޫކަސް ވަޒްކޭޒް އަދި މަރިއާނޯ ޑިއާސް އެވެ. މި ކުޅުންތެރިން ވިއްކާލަން ރެއާލުން ނިންމާފައިވަނީ އަންނަ ސީޒަން ޓީމުގެ ޓްރާންސްފާ ބަޖެޓް ބޮޑުކުރުމާއި ކްލަބަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ ވިސްނުމުގަ އެވެ.

މި ލިސްޓުގައި ހިމަނާފައިނުވި ނަމަވެސް ރެއާލަށް ކުޅޭ ބްރެޒިލްގެ ފުލްބެކް މާސެލޯ ވެސް ބޭނުންނަމަ ކްލަބް ދޫކޮށްލުމުގެ އިހުތިޔާރުދިނުމުގެ ވިސްނުން ރެއާލުން ގެންގުޅެ އެވެ. އެއީ މާސެލޯ ގޮސްފިނަމަ މިދިޔަ އަހަރު ރެއާލުން ގެނައި ފްރާންސްގެ ފުލްބެކް ފާލަންޑް މެންޑީ އަށް ކުޅުމުގެ ފުރުސަތު އިތުރުކުރެވޭނެތީ އެވެ.

ގަރެތު ބޭލް ހޯދަން އިނގިރޭސި ޕްރިމިއާ ލީގާއި އެމެރިކާގެ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސްއާ މަޝްވަރާކުރަމުންނެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހަމޭސް މިހާރު ވަނީ ވުލްވްސް އަށް ދާން އެއްބަސްވެފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މޮޑްރިޗް ގެންދަން ނިއުކާސަލް ޔުނައިޓެޑުން ބޭނުންވެ އެވެ. ސައުދީ އަރަބިއްޔާގެ ހިއްސާ ބޮޑު ވިޔަފާރިއަކަށް ނިއުކާސަލް ވިއްކާލުމުގެ ޑީލް މަޝްވަރާކުރަމުން އަންނައިރު، އެ ޓީމުން މަޝްހޫރު ގިނަ ކުޅުންތެރިންނަށް ފާރަލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން މޮޑްރިޗަކީ ނިއުކާސަލުން ބޭނުންވާ ކުޅުންތެރިޔެކެވެ.

ލޫކަސް އާއި މަރިއާނޯ ލޯން އެއްބަސްވުމެއްގެ ދަށުން ގެންދަން ސްޕެއިނާއި ފްރާންސްގެ ގިނަ ކްލަބްތަކުން ވަނީ ހުށަހަޅައިފަ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރާއިރު އެންމެ ބޮޑަށް ބޭނުންވަނީ ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ އެވެ. މާނޭ ގަންނަން ރެއާލުން 150 މިލިއަން ޑޮލަރު ދޭން ތައްޔާރަން އޮތް ކަމަށް ސްޕެއިނުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.