Roadha Mihaaru
ފޯމު ހުށަހެޅުމުގެ މުއްދަތު މައުމޫން ފެކްޝަނުން އިތުރުކޮށްފި

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މައުމޫން ފެކްޝަނުން އިތުރުކޮށްފި

15 އޮކްޓޯބަރ 2016

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން މިއަދު އިތުރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން މިއަދު އިތުރުކޮށްފި އެވެ.

މައުމޫން ފެކްޝަނުން ކުރިން ކުރި އިއުލާނުގައި ބުނެފައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މާދަމާ ކަމަށެވެ. އެކަމަކު އެ ތާރީހަށް އަމަލުކުރަން ނުޖެހޭނެ ކަމަށާއި ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ކަންތައްތައް އެ ޕާޓީން މިއަދު ވަކިކުރި ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ނިންމައިފަ އެވެ.

މައުމޫން ފެކްޝަނުގެ ބަޔާނުގައި ބުނީ ކައުންސިލް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅޭނީ މިި މަހު ހައެއްގެ ނިޔަލަށް އެ ޕާޓީގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް ކަމަށް އިއުލާނުގައިވެ އެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ދާއިރާއަކުން ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. ޕްރައިމަރީ ބާއްވާނެ ތާރީހު ފަހުން އިއުލާންކުރާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އިއުލާނުގައި ބުނީ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބު ކޮމެޓީން ކަމަށެވެ. އިންތިހާބު ކޮމެޓީއަކީ ޕާޓީގެ އެންމެ ފަހުން ބޭއްވި ގައުމީ ޖަލްސާ އިން އިންތިހާބުކޮށްފައިވާ ކޮމިޓީއެއް ކަމަށާއި ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ އެ ކޮމެޓީން ކަމަށް ބުނެފައިވެ އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ޓިކެޓް ލިބޭ މީހުންނާ ޓިކެޓް ހަވާލުކުރާނީ ޕާޓީގެ ރައީސް މައުމޫން ސޮއިކުރެއްވުމަށް ފަހު ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އިއުލާނުގައި މިހެން ބުނިއިރު، ޕާޓީގެ ރައީސް ކަމުން މައުމޫން ދުރުކުރުމަށް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރަން، މައުމޫނަށް ތާއީދުކުރާ މީހުން ޕީޕީއެމް އޮފީހަށް ފޯމު ހުށަހަޅަމުން އަންނައިރު ރައީސް ޔާމީނަށް ތާއީދުކުރާ މީހުން ފޯމް ހުށަހަޅަނީ އެ މަނިކުފާނުގެ ކެމްޕޭން އޮފީހަށެވެ.