Roadha Mihaaru
ސަރުކާރާ ގުޅުމަށް ޑީއާރުޕީން ޝައުގުވެރިކަންފާޅުކޮށްފި

ސަރުކާރާ ގުޅުމަށް ޑީއާރުޕީން ޝައުގުވެރިކަން ފާޅުކޮށްފި

01 ނޮވެމްބަރ 2016

ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ފެކްޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ޑީއާރުޕީން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ފެކްޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ޑީއާރުޕީން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މި ސަރުކާރު ވެރިކަމަށް ގެންނަން ހެދި ކޯލިޝަންގައި ތިބި ގިނަ ބަޔަކު ވަކިވެފައި ވަނިކޮށް، ޑީއާރުޕީން ހުށަހެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމާ ގުޅިގެން މަސައްކަތް ކުރުމަށެވެ. ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި އެ ހުށަހެޅުމާ ގުޅޭގޮތުން ރޭ ވަނީ މަޝްވަރާކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ އެކު، އިނގިލީގެ ނިޝާން ނެތް މެމްބަރުން ޕާޓީތަކުން ވަކިކޮށް ދަފްތަރު އާއްމުކުރިއިރު ސައްހަ މެމްބަރުންގެ ގޮތުގައި ޑީއާރުޕީގައި މިވަގުތު ތިބީ 3،000 މީހުންނެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ރޭ ދަރުބާރުގޭގައި ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު، އެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވި ގޮތުގައި ޕާޓީ ހިންގެވުމާ ރައީސް ޔާމީން ހަވާލުވެވަޑައިގެންނެވި ފަހުން ޕީޕީއެމާ ގުޅުމަށް، ޕާޓީއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތްތަކެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަނާ ގުޅުމަށް ޝައުގުވެރިވި ޕާޓީގެ ނަން ރޭ ވިދާޅުނުވެ ހަލީލް ވިދާޅުވި ގޮތުގައި އިންތިޒާމްތައް ހަމަޖެހުމުން އެކަން އާއްމު ކުރައްވާނެ އެވެ.

ޑީއާރުޕީގެ ނިންމުމާ ގުޅޭގޮތުން، އެ ޕާޓީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ޖަވާބެއް ނުދެއްވަ އެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް އަދި މިހާރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގަތީ 2008ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ވާދަކޮށް، ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ޕާޓީ ތެރޭގައި މައްސަލަ އުފެދި ދެ ފަޅިވުމުންނެވެ. ޑީއާރުޕީ ތެރޭގައި މައްސަލަ އުފެދުނީ މައުމޫން އެއްފަރާތްވެވަޑައިގެން، އެ ޕާޓީގެ ލީޑަޝިޕް ހަވާލުކުރާނެ ބޭފުޅަކާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އޭރު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އަދި 2008ގެ އިންތިހާބުގައި މައުމޫންގެ ރަނިން މޭޓަކަށް ހުންނެވި އަހުމަދު ތަސްމީން އަލީ އެވެ. ފަހުން އޭނާ ވެސް ވަނީ ޑީއާރުޕީން ވަކިވެވަޑައިގެން އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.