Roadha Mihaaru
އިންޑިއާގެ އިތުރު ބަޔަކު ހުކުރު ދުވަހު ވެސް ގެންދާނެ

އިންޑިއާގެ އިތުރު ބަޔަކު ހުކުރު ދުވަހު ވެސް ގެންދާނެ

12 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައިވާ އިންޑިއާގެ މީހުންގެ ތެރެއިން އިތުރު ބަޔަކު އަންނަ ހުކުރު ދުވަހު ވެސް ފުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައިވާ އިންޑިއާގެ މީހުންގެ ތެރެއިން އިތުރު ބަޔަކު އަންނަ ހުކުރު ދުވަހު ވެސް ފުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންޑިއާގެ ސަރުކާރުން ބުނީ، އެ ގައުމުގެ މަނަވަރެއްގައި މި ފަހަރު ގެންދާނީ ރާއްޖޭގައި އުޅޭ ކެރަލާގެ މީހުން ކަމަށެވެ. އެކަމަކު، އެ މީހުންގެ އަދަދެއް އަދި ނުބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތައް ލޮކްޑައުން ކުރުމުން، އިންޑިއާ އަށް ދެވޭނެ ގޮތެއް ނެތިފައި ތިބި އެ ގައުމުގެ މީހުން ގެންދިއުމަށް ހިންގާ ބޮޑު އޮޕަރޭޝަންގައި މީގެ ކުރިން ވަނީ ދެ ބުރެއްގެ މަތިން 900 މީހުން ރާއްޖެ އިން ގެންގޮސްފަ އެވެ. ފުރަތަމަ ބުރުގައި މިދިޔަ ހުކުރު ދުވަހު 690 އަދި މިދިޔަ އާދިއްތަ ދުވަހު 202 މީހަކު އިންޑިއާގެ ސިފައިންގެ މަނަވަރެއްގައި ގެންދިޔަ އެވެ. އެ މީހުން ދާން ބޭނުންވާ ތަންތަނަށް ފޮނުވައިލާނީ ކޮޗިންގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ބޭތިއްބުމަށް ފަހު ކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ މީހުން ގެންދިއުމުގައި އިސްކަންދެނީ ވަޒީފާ ގެއްލިފައިވާ މީހުންނާއި މާބަނޑު އަންހެނުންނާއި އެހެނިހެން ސިއްހީ އިމަޖަންސީތަކުގައި އަނބުރާ ދާން ޖެހޭ މީހުންނަށެވެ.

ހައި ކޮމިޝަނުން މިއަދު ބުނީ، ރާއްޖޭގައި ތިބި ކެރެލާގެ މީހުން ގެންދަން ފުރަތަމަ ނިންމީ ޓެމިލްނާޑޫގެ ޓުޓިކޮރިން އަށް ކަމަށެވެ. ނަމަވެސް އެ ސްޓޭޓްގެ ސަރުކާރުން މި ކަމަށް ހުއްދަ ނުދިނުމުން އެ މީހުން ގެންދާނީ އެހެން މީހުންނެކޭ އެއްގޮތަށް ކޮޗިން އަށް ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.

ރާއްޖޭގައި މިހާރު ތިބި އިންޑިއާގެ މީހުންގެ ތެރެއިން ކެރެލާގެ މީހުން ފިޔަވައި އެހެން މީހުން އެ ގައުމަށް ގެންދަން ދެން ނިންމާފައި ވަނީ ވައިގެ މަގުން ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ބުންޏެވެ. ވައިގެ މަގުން ދަތުރުކުރަން ކަނޑައަޅާފައި ވަނީ ޗެންނާއީ، ބެންގަލޫރު، މުމްބާއި އަދި ނިއު ދިއްލީ އަށެވެ.

އެކި ވަޒީފާތަކުގައި 27،000 އެއްހާ އިންޑިއާގެ މީހުން ރާއްޖޭގައި މަސައްކަތްކުރެ އެވެ. އޭގެ ތެރޭގައި ސިއްހީ މަސައްކަތްތެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ލޭބަރުން ވެސް ހިމެނެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ވީހާ ވެސް ގިނަ ބަޔަކު އަނބުރާ ގެންދެވޭތޯ މަސައްކަތް ކުރާ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.