Roadha Mihaaru
ރިލީފް ފަންޑުން 73 މީހަކަށް 100 މިލިއަން ދޫކޮށްފި

ރިލީފް ފަންޑުން 73 މީހަކަށް 100 މިލިއަން ރުފިޔާ ދޫކޮށްފި

12 މެއި 2020

ސަރުކާރުންގެ ރިލީފް ފަންޑުން މިހާތަނަށް 73 މީހަކަށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުންގެ ރިލީފް ފަންޑުން މިހާތަނަށް 73 މީހަކަށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބޭންކުން ބުނީ، އިވެލުއޭޓް ކުރުމަށްފަހު 92 މީހަކަށް ލޯނު ދިނުމަށް ފިނޭންސް މިނިސްޓްރީން ލިޔުން ދީފައިވާ ކަމަށެވެ. މީގެ ތެރެއިން ލޯނު ދޫކޮށްފައިވަނީ 73 މީހަކަށެވެ.

ބޭންކުން ލޯނު ދީފައި ވަނީ ރިސޯޓުތަކާއި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ލިބޭ ވިޔަފާރިތަކަށެވެ. ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ލިބުމުން ކަމަށް ވާތީ އެކު، ކަސްޓަމަރުން ވީހާ ވެސް އަވަހަކަށް މި ލިޔުންތައް ފޮނުވުމަކީ ވެސް ބޭންކުގެ އިލްތިމާސް އެކެވެ.

މި ފައިނޭސިން ފެސިލިޓީ ދޫކުރަނީ ރަހުނަކާ ނުލައި، އަހަރަކު ހަ ޕަސެންޓް އިންޓަރެސްޓްގަ އެވެ. މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ. އަދި ފައިސާ އެއްކޮށް ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ހިދުމަތްތަކަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށްފައިވެ އެވެ.

ބީއެމްއެލް މެދުވެރުކޮށް ދޫކުރާ ފައިނޭންސިން ފެސިލިޓީގެ އިތުރުން އެސްއެމްއީ ބޭންކް ބެދުވެރިކޮށް ރިލީފް ފަންޑުގެ ތެރެއިން އެހީއަށް އެދި ހުށަހެޅި 90 ޕަސެންޓް މީހުންނަށް މިހަފްތާގެ ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވައިލި ރިލީފް ފަންޑުގެ ދަށުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ ތެރެއިން 400 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ އެސްއެމްއީތަކަށެވެ.