Roadha Mihaaru
ރިލީފް ފަންޑުން 34 ވިޔަފާރިއަކަށް 45 މިލިއަން ދީފި

ރިލީފް ފަންޑުން 34 ވިޔަފާރިއަކަށް 45 މިލިއަން ދީފި

05 މެއި 2020

ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިލީފް ފަންޑުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 34 ވިޔަފާރިއަކަށް 45 މިލިއަން ރުފިޔާ ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިލީފް ފަންޑުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 34 ވިޔަފާރިއަކަށް 45 މިލިއަން ރުފިޔާ ދީފި އެވެ.

ބީއެމްއެލުން ބުނީ، ބޭންކުން އެހީ ދީފައި ވަނީ ރިސޯޓުތަކާއި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ހޯދާ ވިޔަފާރިތަކަށް ކަމަށެވެ. މިހާތަނަށް 63 ވިޔަފާރިއަކަށް ލޯނު ދިނުމަށްޓަކައި އެޕްރޫވް ކޮށްފައިވާ ކަމަށް ވެސް ބޭންކުން ބުނެ އެވެ. މީގެ ތެރެއިން ފައިސާ ދޫކޮށްފައި ވަނީ 34 ވިޔަފާރިއަކަށެވެ.

ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ލިބުމުން ކަމަށް ވުމާ އެކު، ކަސްޓަމަރުން ވީހާ ވެސް އަވަހަކަށް މި ލިޔުންތައް ފޮނުވުމަކީ ވެސް ބޭންކުގެ އިލްތިމާސެކެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު ހަ ޕަސެންޓް އިންޓަރެސްޓްގައި ދޫކުރާ ފައިނޭންސިން ފެސިލިޓީ އެކެވެ. މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ. އަދި ފައިސާ އެއްކޮށް ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ދޫކުރާ ހާއްސަ ލޯނުތަކުގެ އިތުރުން އާންމު އުސޫލުން، ކުރިއެކޭ އެއްގޮތަށް ލޯނާއި ފައިނޭންސިން ފެސިލިޓީތައް ބޭންކުން އަންނަނީ ދޫކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކުން އަންނަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ހިދުމަތްތަކަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށްފައިވެ އެވެ.

މީގެ އިތުރުން ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތް ވެސް ވަނީ މަގުފަހިކޮށްދީފަ އެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާ ކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ އަދަދުވެސް ބޭންކުން އިތުރުކޮށްފައިވެ އެވެ.