Roadha Mihaaru
ދެ ރިޔާސަތަކުން ގައުމެއް ނުހިންގޭނެ: ސައީދު

ދެ ރިޔާސަތަކުން ގައުމެއް ނުހިންގޭނެ: ސައީދު

13 މެއި 2020

ދެ ރިޔާސަތަކުން ގައުމު ނުހިންގޭނެ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ދެ ރިޔާސަތަކުން ގައުމު ނުހިންގޭނެ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހާލުގައި އުޅޭ މީހުންނަށް އެހީތެރިވުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހެޅުއްވި ބިލް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެ ފަހަރު މަތިން ވެސް ބަލައިނުގަނެ ބޭރުކޮށްލާފައިވާތީ، ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ، މި ސަރުކާރު ވަނީ ސިޔާސަތެއް އެކަށައެޅުމަށް ނުކުޅެދިފައި ކަމަށެވެ. އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރު ދަތުރުކުރަނީ އިގްތިސާދީ ހަލާކަކާ ދިމާ އަަށެވެ.

ދެ ރިޔާސަތެއްގެ ވާހަކަ ސައީދު އެ ވިދާޅުވަނީ ބެލެވޭ ގޮތުގައި، ސަރުކާރުގެ ބައެއް ނިންމުންތަކާއި ސަރުކާރުން ކަންކަން ކުރަން ބޭނުންވާ ގޮތްތަކާ ފުށުއަރާ ގޮތަށް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި އެ ޕާޓީގެ މަޖިލިސް މެމްބަރުން ތަކުރާރުކޮށް ވާހަކަ ދައްކަވާތީ އެވެ.

ޚާއްސަކޮށް، ރާއްޖެ އަށް ކޮވިޑް-19 އާ ދެކޮޅަށް ފެތުރި، ގައުމު ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާތީ، އެކަމުން ދިވެހިން ސަލާމަތް ކުރުމަށް ސަރުކާރުން އަޅާ ބައެއް ފިޔަވަޅުތަކާ ފުށުއަރާ ގޮތަށް ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވާފައި ވެ އެވެ. އެ ބަލީގެ މީހުން ރާއްޖެ އިން ފެންނަން ފެށި ދުވަސްކޮޅު ވެސް ނަޝީދާއި ބައެއް މެމްބަރުން ވަނީ އެއީ އެހާ ބޮޑު ކަމެއް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވައިފަ އެވެ. މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމާ މެދު ވެސް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ވިސްނުމާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ބޭނުންވާ ގޮތް ފުށުއަރަ އެވެ.

ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހެނިހެން ލުއިތައް ވެސް ސަރުކާރުން ދިނުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ހުށަހެޅުއްވި ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް" މަޖިލީހަށް ނަޝީދު ބަލައިނުގަތީ ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާ ކަންތައްތައް ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަނި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އޮންނާތީ އެވެ. ނަމަވެސް އެ ބިލް އިސްލާހު ކުރުމަށް ފަހު ހުށަހެޅުމުން ވެސް މަޖިލީހަށް ބަލައެއް ނުގަތެވެ.

"ކިތައް އާއިލާތޯ ކުދިން ސްކޫލުން ވަކިކޮށް މަޖުބޫރު ހާލަތުގައި ރަށަށް ބަދަލުވީ؟ ކިތައް ހާސް މަސައްކަތްތެރިންތޯ ވަޒީފާ ގެއްލި މަގުމަތިވީ؟ އެ މީހުންނަށް މާދަމާ އަކީ މިއަދުގެ ހާލަތު. ތިޔާގި މުއްސަންޖަކަށް ޓެކްސްޓް ފޮތުގެ ޕެންޝަންގެ ޑެފިނިޝަން ފެންނަ ގޮތް ތަފާތުވާނެ،" ސައީދު

ސައީދު ވިދާޅުވީ، ޕެންޝަންގެ ފައިސާ އޭގެ ހައްގުވެރިންނަށް މިވަގުތު ވަކި އުސޫލަކުން ދިނުމަކީ ބިލްގެ އެއްބައި ކަމަށާއި ޕެންޝަނާ ބެހޭ ބަޔަށް ބޭނުން ވަރަކަށް އިސްލާހު ގެނައުމުގެ ފުރުސަތު މަޖިލީހުގައި ސުޕާ މެޖޯރިޓީ އޮތް އެމްޑީޕީ އަށް އޮންނާނެ ކަން ތުއްތު ކުދިންނަށް ވެސް އެނގޭ ކަމަށެވެ. އޭނާ ވިދާޅުވީ، ބިލް މަޖިލީހަށް ފުރަތަމަ ފޮނުވުމުން ވެސް، އެ ބިލާ މެދު މަޖިލީހުގައި ތަމްސީލް ކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެ، އެކަން ވެސް ނަޝީދު ނުކުރެއްވި ކަމަށެވެ.

"ކިތައް އާއިލާތޯ ކުދިން ސްކޫލުން ވަކިކޮށް މަޖުބޫރު ހާލަތުގައި ރަށަށް ބަދަލުވީ؟ ކިތައް ހާސް މަސައްކަތްތެރިންތޯ ވަޒީފާ ގެއްލި މަގުމަތިވީ؟ އެ މީހުންނަށް މާދަމާ އަކީ މިއަދުގެ ހާލަތު. ތިޔާގި މުއްސަންޖަކަށް ޓެކްސްޓް ފޮތުގެ ޕެންޝަންގެ ޑެފިނިޝަން ފެންނަ ގޮތް ތަފާތުވާނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބިލްގައި ހިމެނޭނީ ނިކަމެތި އެތައް ރަތްޔިތެއްގެ ހައްގުތަކެވެ. އޭގެ ތެރޭގައި ސައީދު ފާހަގަކުރެއްވީ، ގޭގޭގެ ކުއްޔާއި ބިމާއި ގެދޮރާއި މަސްވެރިކަމާއި ދަނޑުވެރިން އަދި ވަޒީފާގެ ހައްގެވެ.

ސައީދު ވިދާޅުވީ، އޭނާގެ ބިލް ބަލަންވާ ވަރަށް ނުބައްލަވައި މަޖިލީހަށް ބަލައިނުގަނެ ނަޝީދު ފާޑުވިދާޅުވީތީ ހިތާމަ ކުރައްވާ ކަމަށެވެ.

"އިސްލާހު ބަލައިގަނެ ތާއީދު ވެސް ލިބޭނެ ކަމަށް އުންމީދު ކުރަން. އިންޝާﷲ. އާޚިރުގަ ކާމިޔާބު ހޯދާނީ ރައްޔިތުން،" ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަދިވެސް ބަލައިގަންނާނެ ކަމުގެ އުންމީދު އާ ކުރައްވަމުން އޭނާގެ ޓުވީޓުގައި ވިދާޅުވި އެވެ.