Roadha Mihaaru
ކިޔަވައިދޭ ރޮބޮޓެއް، އަގަކީ 1،500 ޑޮލަރު

ކުޑަކުދިންނަށް ކިޔަވައިދޭ ރޮބޮޓެއް، އަގަކީ 1،500 ޑޮލަރު

15 މެއި 2020

ކޮރޯނާވައިރަހާ ހެދި ސްކޫލްތައް ބަންދުކޮށް، ކިޔަވާ ކުދިން މިހާރު ފިލާވަޅު ނަގަން ޖެހިފައި ވަނީ ގޭގައި ތިބެގެންނެވެ. މިއާ އެކު ވަރަށް ގިނަ ޓެކް ކުންފުނިތަކުން އަންނަނީ ކިޔަވާ ކުދިންނަށް ހާއްސަ ޕްލެޓްފޯމްތައް ތައާރަފުކޮށް، ކުރިން ހުރި އެފަދަ ޕްލެޓްފޯމްތައް ވަރުގަދަކުރަމުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހެދި ސްކޫލްތައް ބަންދުކޮށް، ކިޔަވާ ކުދިން މިހާރު ފިލާވަޅު ނަގަން ޖެހިފައި ވަނީ ގޭގައި ތިބެގެންނެވެ. މިއާ އެކު ވަރަށް ގިނަ ޓެކް ކުންފުނިތަކުން އަންނަނީ ކިޔަވާ ކުދިންނަށް ހާއްސަ ޕްލެޓްފޯމްތައް ތައާރަފުކޮށް، ކުރިން ހުރި އެފަދަ ޕްލެޓްފޯމްތައް ވަރުގަދަކުރަމުންނެވެ.

މި ފަހަރު، ކިޔަވާ ކުދިންނަށް ކުންފުންޏަކުން ގެނެސްދެނީ ރޮބޮޓެކެވެ. ޕިކްޒާގެ އެނިމޭޓެޑް ފިލްމުތަކުން ފެންނަ ކަހަލަ ކެރެކްޓާއަކާ ވައްތަރު މި ރޮބޮޓް އުފައްދާފައި ވަނީ ރޮބޮޓާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކުރާ ކުންފުންޏެއް ކަމަށްވާ އެމްބޮޑީޑުންނެވެ. ބަރުދަނުގައި ތިން ކިލޯ ހުންނަ އަދި "މޮޒީ" ގެ ނަން ދީފައިވާ ރޮބޮޓްގެ އަގަކީ 1،500 ޑޮލަރު (23,250ރ.) އެވެ. އަދި ގަންނަތާ އަހަރެއް ފަހުން އޭގެ ބޭނުން ހިފަން ސަބްސްކްރިޝަނަށް މަހަކު 60 ޑޮލަރު ދައްކަން ޖެހެ އެވެ.

އެމްބޮޑީޑް އިން ބުނި ގޮތުގައި "މޮޒީ" އަކީ 6-9 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ އެއްޗެކެވެ. އެގޮތުން މި ރޮބޮޓް ފަރުމާކޮށްފައި ވަނީ އެ އުމުރުގެ ކުދިންނަށް ހާއްސަ ފިލާވަޅުތައް ޕްރޮގްރާމްކޮށްފަ އެވެ. އެގޮތުން ހަފުތާގެ އެކި ދުވަސްތަކަށް އެކި ފިޔލާވަޅުތައް ރޮބޮޓް ނަގައިދޭނެ އެވެ.

"މޮޒީ" އަކީ ހަމައެކަނި ފިލާވަޅު ނަގައިދޭނީއެއް ނޫނެވެ. އެކި ކަހަލަ ހުނަރުތައް ދަސްކޮށްދީ، ސިކުނޑި ތަރައްގީވާ ކަހަލަ ކަންކަމާއި އިޖުތިމާއީ އާދަތައް ވެސް ދަސްކޮށްދޭނެ އެވެ.

ކުދިން "މޮޒީ" ބޭނުންކުރާ އިރު، ބެލެނިވެރިންނަށް މޮބައިލް އެޕެއް މެދުވެރިކޮށް ރޮބޮޓް ކޮންޓްރޯލްކުރެވޭނެ އެވެ. އެގޮތުން އުމުރުފުރާތަކަށް އެެކަށީގެންވާ ގޮތަށް ރޮބޮޓް ސެޓްކޮށް، އޭގެ ޒަރީރާ އިން ކުދިންނަށް އަންނަ ކުރިއެރުންތައް ދަނެގަނެވޭނެ އެވެ.

އެމްބޮޑީޑްގެ ބާނީ ޕައޯލޯ ޕިރްޖާނިއަން ބުނީ "މޮޒީ" އަކީ މި ކަހަލަ ދަނޑިވަޅެއްގައި ކުދިންނަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށާއި މިއީ ކުދިންނަށް ވަރަށް ބޮޑަށް "އިންޓަރެކްޓް" ވާނެ އެއްޗެއް ކަމަށެވެ. އަދި މި ރޮބޮޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.

"މޮޒީ" އާންމުކޮށް ބާޒާރަށް ނެރެން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.