Roadha Mihaaru
ޓީޗަރުންނާއި، ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތަކެއް

ޓީޗަރުންނާއި، ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތަކެއް

19 އޯގަސްޓް 2021

ދިރާސީއާ އަހަރުގެ ކިޔެވުން ފަށައިގެން ދެ ހަފުތާވީއިރު ވެސް ސްކޫލުތަކަށް ޓީޗަރުންނާއި ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ހަމަނުވާތީ ބަައެއް ބެލެނިވެރިން ޝަކުވާ ކުރަން ފަށައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދިރާސީއާ އަހަރުގެ ކިޔެވުން ފަށައިގެން ދެ ހަފުތާވީއިރު ވެސް ސްކޫލުތަކަށް ޓީޗަރުންނާއި ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ހަމަނުވާތީ ބަައެއް ބެލެނިވެރިން ޝަކުވާ ކުރަން ފަށައިފި އެވެ.

ބޮޑު ބަންދަކަށްފަހު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދޭން ފަށާފައިވެ އެވެ.

މި އަހަރުގެ ދިރާސީ އާ އަހަރު ވެސް ފެށި ފަހުން ފޮތްތަކާއި ޓީޗަރުން ހަމަނުވާތީ ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިއަކު "މިހާރު" އަށް މިއަދު ބުނީ، ޓީޗަރުން ހަމަނުވާތީ ދަރިވަރުންނަށް އަނެއްކާވެސް ކިޔެވުމުގައި ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އޭނާ ބުނީ، ގްރޭޑު 3 ގައި ކިޔަވާ ދަރިފުޅަށް އަރަބި ޓީޗަރަކު ނެތް ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅު އުޅެނީ އިމާދުއްދީން ސްކޫލުގައި، ހަފްތާއެއް ވީ މިހާރު، އަރަބި ޓީޗަރެެއް އަދި ނެތް. ގުރުއާން، ދިވެހި އަދި އިސްލާމް ޓެކްސްޓް ފޮތެއް އަދި ނުލިބޭ"

"ހަފުތާއެއް ވީ މިހާރު، އަރަބި ޓީޗަރެެއް އަދި ނެތް. ގުރުއާނާއި ދިވެހި އަދި އިސްލާމް ޓެކްސްޓް ފޮތެއް އަދި ނުލިބޭ" އެ ބެލިނިވެރިއަކު ބުންޏެވެ.

ކަންބޮޑުވުން ފާޅުކުރި އެހެން ބެލެނިވެރިއަކު ކުރި ޓްވީޓެއްގައި ބުނީ ސްކޫލު ހުޅުވާ ތާރީހަކީ ސަޕްރައިޒެއް ނޫން ކަމަށެވެ. ބަންދަށް ފަހު ސްކޫލު ހުޅުވާ ތާރީހު މާ ކުރިން އެނގޭ އިރު ދަރިވަރުންނަށް ބޭނުންވާ އެންމެ މުހިއްމު ކަންކަން ނުނިމި ހުރުން ބަަލައިނުގަނެވޭނެ ކަމަށް، އޭނާގެ ޓްވީޓުގައިވެ އެވެ.

އެ ޓްވީޓަށް ރައްދުދީ، އެހެން މީހަކު ބުނީ ގްރޭޑް ނުވެއްގައި ކިޔަވާ ކުދިންނަށް އެއްވެސް ޓެކްސްޓް ފޮތެއް އަދި ނުލިބޭ ކަމަށެވެ. ކިޔަވައިދެމުން އަންނަނީ ވެސް އެންމެ ތިން ޓީޗަރުން ކަމަށް އެ ޓްވީޓުގައި ބުންޏެވެ.

ބެލެނިވެރިންގެ މި ޝަކުވާތަކާ ގުޅިގެން "މިހާރު" އިން އެޑިއުކޭޝަން އަށް ގުޅުމުން އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.