Roadha Mihaaru
މެސީގެ ތައުރީފް މާޓިނޭޒަށް

މެސީގެ ތައުރީފް މާޓިނޭޒަށް

15 މެއި 2020

ބާސެލޯނާ (މޭ 15) – ބާސެލޯނާ އިން އަންނަ ސީޒަނުގައި ގެންނަން އެންމެ މަސައްކަތްކުރާ އެއް ކުޅުންތެރިޔާ އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒަށް ބާސެލޯނާގެ ކެޕްޓަން އާޖެންޓީނާގެ ލިއޮނަލް މެސީ ތައުރީފްކޮށްފި އެވެ.

ބާސެލޯނާ (މޭ 15) – ބާސެލޯނާ އިން އަންނަ ސީޒަނުގައި ގެންނަން އެންމެ މަސައްކަތްކުރާ އެއް ކުޅުންތެރިޔާ އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒަށް ބާސެލޯނާގެ ކެޕްޓަން އާޖެންޓީނާގެ ލިއޮނަލް މެސީ ތައުރީފްކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން އަންނަނީ އިންޓައާ އެކު އޭނާ ގަތުމަށް މަޝްވަރާކުރަމުންނެވެ. އެކަމަކު މެސީ ބުނި ގޮތުގައި އޭނާ އަށް އެފަދަ ކަމެއް ނޭގޭ ކަމަށެވެ.

"ތެދަށް ބުނަންޏާ، މަޝްވަރާތަކެއް ބޭއްވިކަން ނުވަތަ މިހާރު ހިނގާ ކަމެއް އަހަންނަށް މާބޮޑަކަށް ނޭގޭ. އެކަމުގެ އެއްވެސް މައުލޫމާތެއް ނެތް،" މުންޑޯ ޑިޕޯޓިވޯއާ އާ ވާހަކަދައްކަމުން މެސީ ބުންޏެވެ. "އަހަންނަށް ހީވަނީ އަހަރެން ކުރިން ވެސް ބުނިންހެން، ލޮޓާރޯ އަކީ ފާހަގަކޮށްލެވޭ ފޯވާޑެއް، ހާއްސަކޮށް އަހަރެން ދެކޭ ގޮތުގައި އޭނާ އަކީ ވަރަށް ފުރިހަމަ ފޯވާޑަކަށް ވާތީވެ."

މާޓިނޭޒްގެ ކޮންޓްރެކްޓް އުވާލައިގެން އޭނާ ގެންދާ ނަމަ ބާސެލޯނާ އިން 110 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ އެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ ހެދި އެވަރުގެ އަދަދެއް ދެއްކިދާނެ ކަމަށް ނުބެލެވެ އެވެ. އެހެންވެ ބެލެވެނީ ބާސެލޯނާ އިން ހުށަހަޅަނީ ކުޅުންތެރިންތަކެއް އިންޓަ އަށް ދީގެން އަގުކުޑަކުރާށެވެ.

ބާސެލޯނާ އިން ދިގު މުއްދަތަކަށް ފޯވާޑެއް ހޯދާއިރު އެ ކުޅުންތެރިޔަކަށް މެސީގެ ރުހުން އޮތްތޯ ބަލާނެ ކަމަށް ލަފާކުރެވެ އެވެ. އޭނާ އަކީ އެހާ ވެސް އެ ޓީމުގައި ނުފޫޒު ގަދަ ކުޅުންތެރިޔެކެވެ.

"އޭނާ ވަރަށް ވަރުގަދަ، ބޯޅައާ އެކު ދުވޭ ރަނގަޅަށް، އޭނާ ގޯލް ޖަހާ، ބޯޅަ އަތުލިޔަނުދީ ހިފަހައްޓަން އެނގޭ،" މެސީ ބުންޏެވެ.

އާޖެންޓީނާގެ ރޭސިން ކްލަބުން ވިދާލައި 2018 ވަނަ އަހަރު އިންޓައާ ގުޅުނު އުމުރު 22 އަހަރުގެ މާޓިނޭޒް ވަނީ އިންޓަ އަށް 66 މެޗުން 25 ގޯލް ޖަހައިދީފަ އެވެ. މެސީއާ އެކު އޭނާ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. މާޓިނޭޒް ވެސް ވެސް ބާސެލޯނާ އަށް ބަދަލުވާން ޝައުގުވެރިވާ ކަމަށްވެ އެވެ. އެހެންވެ ބާސެލޯނާ އަށް އޮތީ އިންޓަގެ އާނ ބަސް ހޯދުން އެކަންޏެވެ. އިންޓަގައި ރޮމެލޫ ލުކާކޫ ހުރުމާ އެކު އެ ޓީމުން ވެސް ރަނގަޅު ޑީލެއްގެ ތެރެއިން އޭނާ ދޫކޮށްލަން ފަސްނުޖެހޭނެ އެވެ.